އިންޑީޔާގެ ކެރެލާގެ އަލަޕުޒާ ބީޗުގައި މިދިޔަ އާދިއްތަ ދުވަހު ހިނގި ވަރަށް ހިތާމަވެރި ހާދިސާއެއްގައި ދެ އަހަރު ބައިގެ ކުޑަ ކުއްޖަކު އޮޔާ ގޮސް ގެއްލިއްޖެ އެވެ. މި ކުއްޖާ އޮޔާ ދިޔައީ ކުއްޖާގެ މަންމަ ސެލްފީ ނަގަން އުޅުމުގެ ތެރޭގަ އެވެ.
އަދިކްރިޝްނާ ކިޔާ މި ކުޑަ ކުއްޖާގެ މައިންބަފައިންނަކީ ޕަލައްކަޑް ޑިސްޓްރިކްޓްގައި ދިރިއުޅޭ ބައެކެވެ. އަލަޕުޒާގައި ދިރިއުޅެނީ އެ ދެމަފިރިންގެ ތިމާގެ މީހެއް ކަމަށްވާ ބީނޫ އެވެ. މީގެ ދެ ދުވަހެއް ކުރިން ގެއްލުނު ކުއްޖާގެ މަންމަ އަނީތާމޯލީ ބީނޫ ހުންނަ ރަށަށް އޭނާގެ ގެއަށް ދިޔައީ އޭނާގެ ދެ ދަރިންނާއި އޭނާގެ ބޭބެގެ ކުއްޖެއްގެ ގޮވައިގެން އެ ރަށެއްގައި އޮތް ކައިވެނީގެ ރަސްމިއްޔާތަށް ގޮސްފައި އެނބުރި އައި މަގުމަތީގައި ކަމަށް މި ކުއްޖާ ގެއްލުނު މައްސަލަ ބަލާ ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ބުނި ގޮތުގައި ހާދިސާ ހިނގި ދުވަހު އަނީތާމޯލީ އާއި ތިން ކުދިން އެ ބީޗަށް ގެންގޮސްދިނީ ބީނޫ އެވެ. އެ ހިސާބުގެ ގޮނޑުދޮށުގައި ރާޅުގަދަކަމުން ފުލުހުން ވަނީ އެ މީހުން ބީޗުގެ ބޮޑު ބަޔަކަށް ވަނަ ނުދީފަ އެވެ. އެހެންވެ އެމީހުން ވަންނަން އަމުރު ލިބުނު ހިސާބަށް ގޮސް އަންހެންމީހާ ކުދިންތައް ރާޅުޖަހާފަށުގައި ބައިތިއްބައިގެން އެ ކުދިންނާއެކު ސެލްފީ ނަގަން ފެށީ އެވެ. އޭރު ބީނޫ ވީ ކާރު ޕާކު ކުރަން ގޮހެވެ. ކުއްލިއަކަށް އައި ވަރަށް ބޮޑު ރާޅަކާ ތިން ކުދިންނާއި އަންހެންމީހާ މޫދަށް ދަމައިގަތީ އެވެ.
ފުލުހުން ބުނި ގޮތުގައި ކުއްޖާގެ މަންމަ އެވަގުތު ހުރީ ގެއްލުނު ކުއްޖާ އުރައިގެންނެވެ. ރާޅާ ދަމައިގަންއިރު ކުއްޖާ މަންމަ އަތުން ދޫވީ އެވެ. ހުރިހާ ކުދިން އޮޔާ ދަނިކޮށް ބީނޫ އައިސް ދެ ކުދިންނާއި އަންހެންމީހާ ވަނީ ސަލާމަތްކޮށްފަ އެވެ. ނަމަވެސް ކުޑަ ކުއްޖާ އޮޔާ މޫދަށް ދަމައިގަނެގެން ގޮސް ގެއްލުނީ އެވެ.
މި ކުޑަކުއްޖާ ބީޗަށް ގެންދިޔަ މީހުންނާ ދެކޮލަށް ފިޔަވަޅު އަޅަން ޑިސްޓްރިކްޓް ޗައިލްޑް ވެލްފެއާ ކޮމިޓީން މިހާރު ވަނީ ގޮވާލާފަ އެވެ.
އެމެރިކާގެ ކެލިފޯނިއާގައި ވެސް މިދިޔަ ހޮނިހިރު ދުވަހު މިފަދަ ހާދިސާއެއް ހިނގާފައި ވެއެވެ. މި ހާދިސާގައި ވެސް ގެއްލިފައިވަނީ އިންޑިޔާ މީހެކެވެ. އަންދްރަ ޕްރަދޭޝްގެ މި އަންހެންމީހާ އެޓްލާންޓާގެ ބޯލްޑް ރިވާ ފޯލްސް އަށް ވެއްޓި ގެއްލުނީ ސެލްފީ ނަގަން އުޅެނިކޮށް ކައްސާލައިގެން ގޮސް އެވެ. ޕީ. ކަމްލާ ކިޔާ މި އަންހެންމީހާ އަކީ މީގެ ހަތަރު އަހަރު ކުރިއްސުރެ މަތީ ތައުލީމު ހާސިލުކުރަން އެމެރިކާއަށް ގޮސް އުޅުނު މީހެކެވެ.
ކިޔަވާ ނިމުމަށްފަހު ސައުތު ކެރޮލައިނާގައި ހުންނަ ކުންފުންޏަކުން ވަޒީފާ ހޯދައިގެން އަންހެންމީހާ ދިރިއުޅެމުންދިޔައީ އެމެރިކާގަ އެވެ. އޭނާ ހޮނިހިރު ދުވަހު އެޓްލާންޓާ އަށް ދިޔައީ އެ ރަށުގައި ދިރިއުޅޭ އާއިލާގެ ބަޔަކާ ބައްދަލުކޮށްލާށެވެ. އެނބުރި ގެއަށް ދިޔަ މަގުމަތީގައި ވޯޓަފޯލް ކައިރިއަށް މަޑުކޮށްލީ ސެލްފީއެއް ނަގާށެވެ. އޭނާ ވޯޓަފޯލަށް ވެއްޓުނީ ސެލްފީނެގުމުގެ ތެރޭގައި ކައްސާލައިގެންނެވެ.