ހަބަރު

ޖަޕާނުގެ އާ ބޮޑުވަޒީރަށް ރައީސްގެ މަރުހަބާ

Sep 16, 2020

ޖަޕާނުގެ ބޮޑުވަޒީ ރުކަމުގެ މަގާމަށް އިންތިހާބުވި ވެރިކަން ކުރާ ލިބެރަލް ޑިމޮކްރެޓިކް ޕާޓީގެ ލީޑަރު ޔޮޝިހީޑޭ ސުގާއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު މަރުހަބާ ވިދާޅުވެއްޖެ އެވެ.

އެލްޑީޕީން އެ ޕާޓީއަށް އާ ލީޑަރަކު މި ހޮވީ ބޮޑު ވަޒީރު ޝިންޒޯ އަބޭ ސިއްހީ ހާލު ކޮޅު ހުރި ގޮތުން މިދިޔަ މަހު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އެއާއެކު މިއަދު ޖަޕާނުގެ ގާނޫނު ހަދާ މަޖިލީހުގައި ނެގި ވޯޓުގައި، ކެބިނެޓް ސެކްރެޓަރީގެ މަގާމުގައި ހުންނެވި އުމުރުން 71 އަހަރުގެ ސުގާ ވަނީ ބޮޑުވަޒީރު ކަމުގެ މަގާމަށް އައްޔަނުކުރަން ފާސްކޮށްފަ އެވެ.

އެގޮތުން، ޖަޕާނުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރި ގޭގައި ނެގި ވޯޓު ފަސޭހަކަމާއެކު ސުގާ ވަނީ ކާމިޔާބު ކުރައްވައިފަ އެވެ. ސުގާއަށް 462 ވޯޓުގެ ތެރެއިން 314 ވޯޓު ލިބިވަޑައިގެންނެވި އެވެ.

އެ ކާމިޔާބީއާއެކު، ރައީސް ސޯލިހު ވަނީ މަރުހަބާ ވިދާޅުވެ، ސުގާގެ ސަރުކާރާއެކު ގުޅިގެން، ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.