ހަބަރު

"އެޗްސީއެފްސީ ގޭސް ބޭނުން ކުރުން މިއަހަރު ހުއްޓާލާނެ"

Sep 16, 2020

އޯޒޯން ފަށަލައަށް ގެއްލުންދޭ ހައިޑްރޮކްލޯރޯފްލޯރޯކާބްންސް (އެޗްސީއެފްސީ) ރާއްޖޭގެ ފިނިކުރާ ނިޒާމްތަކުގައި ބޭނުންކުރާ މިންވަރު މަދުކޮށް އެ ގޭސް އެތެރެކުރާ މިންވަރު މި އަހަރުގެ ނިޔަލަށް ހުއްޓާލާނެ ކަމަށް އެންވާރަަމަންޓް މިނިސްޓަރު ވިދާޅުވެއްޖެ އެވެ.

މިއަދަކީ ދުނިޔޭގެ އޯޒޯން ދުވަހެވެ. ދުނިޔޭގެ އޯޒޯން ފަށަލައަށް ލިބެމުންދާ ގެއްލުމާއި، ގެއްލުންދޭ މާއްދާތަކާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރު ކުރުމަށް ފާހަގަ ކުރާ އޯޒޯން ދުވަހާ ގުޅިގެން އެންވާރަމަންޓް މިނިސްޓަރު، ޑރ. ހުސައިން ރަޝީދު ހަސަން މިއަދު ދެއްވިި ބަޔާނުގައި ވިދާޅުވީ ރާއްޖެ އިން މިހާރު މަސައްކަތް ކުރަމުން ދަަނީ، އޯޒޯން ފަށަލައަށް ގެއްލުންދޭ ގޭސް ބޭނުން ކުރުން މި އަހަރުގެ ނިޔަލަށް ހުއްޓާލުން ކަމަށެވެ.

މި ގޭސް ރާއްޖޭގައި ބޭނުން ކުރުން މި އަހަރުގެ ނިޔަލަށް ހުއްޓާލުމަށް 2010 ވަނަ އަހަރު ތައްޔާރުކުރި އެޗްސީއެފްސީ މަދުކުރުމުގެ މެނޭޖްމަންޓު ޕްލޭންގައި ވަނީ ކަނޑައަޅާފަ އެވެ. ބައިނަލްއަގުވާމީ ގޮތުން މި ގޭސް އެއްވެސް ގައުމެއްގައި ބޭނުންކުރެވޭނެ އެންމެ ފަހު ތާރީހަކީ 2030 އެވެ. މި އަމާޒަށް މި އަހަރު ވާސިލް ވެވޭނެ ކަމުގެ ޔަގީންކަން މިނިސްޓަރުގެ ބަޔާނުގައި ވަނީ ދެއްވާފަ އެވެ.

"... މިއީ، ޖައްވަށްދޫކުރާ ވިހަ ގޭސްތައް މަދު ނޫ އިގްތިސާދަކަށް ވާސިލްވުމަށާއި، މޫސުމީ ބަދަލުތަކާގުޅިގެން އަޅާ
ވަރަށް މުހިންމު ފިޔަވަޅަކަށް ވާނެކަން ކަށަވަރު. އިރާދަކުރެއްވިއްޔާ ދިވެހިރާއްޖެއަށް މިއަހަރު އެކަން ހާސިލްވާނެ"

އޯޒޯން ފަށަލައަށް ގެއްލުންދޭ ގޭސް ރާއްޖޭގައި އާންމުކޮށް ބޭނުންކުރަނީ ފިނިކުރާ ނިޒާމްތަކުގަ އެވެ. އެގޮތުން، އޭސީއާއި ރެފްރިޖަރޭޓަރު ތަކުގައި ބޭނުން ކުރެ އެވެ. މީގެ އިތުރުން، ރާއްޖެ އެތެރެކުރާ ކާބޯތަކެތީގެ ބާވަތްތައް ފިނިކޮށް ބެހެއްޓުމަށް ވެސް ފިނިކުރާ މާއްދާތައް ބޭނުން ކުރެ އެވެ. އެންވާރަމަންޓް މިނިސްޓަރު ވިދާޅުވީ، މި ނިޒާމްތަކުގައި ބޭނުންކުރާ ގޭހަކީ، ތިމާވެށްޓަށް ރަނގަޅު ގޭސްކަން ޔަގީން ކުރަންޖެހޭ ކަމަށެވެ.

އަދި މި މާއްދާ އެންމެގިނައިން ބޭނުންކުރަނީ ކޮން ދާއިރާތަކެއްގައިތޯ ބެލުމަށާއި އެ ދާއިރާތަކަށް މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭ ރިޕޯޓެއް ތައްޔާރުކުރުމުގެ މަސައްކަތްވެސް ކުރަމުން ގެންދާ ކަމަށް ވިދާޅުވި އެވެ.

މިއަހަރުގެ ދުނިޔޭގެ އޯޒޯން ދުވަހުގެ ޝިއާރަކީ "އޯޒޯން ފަށަލަ ހިމާޔަތްކުރުމުގައި 35 އަހަރު" އެވެ.