ދުނިޔެ

ތުރުކީގައި ބޮން ގޮއްވާލީ އައިއެސް ކަމަށް ބެލެވޭ

އިސްތަންބޫލް (ރޮއިޓާރސް) - ތުރުކީގެ އަންކާރާގައި އޮތް ސުލްހަވެރި އެއްވުމެއްގައި އަމިއްލައަށް މަރުވެގެން ދިން ހަމަލާގައި އައިއެސްގެ އަތެއް ވާކަމަށް ތުރުކީން ބުނެފިއެވެ. އެ ހަމަލާގައި 128 މީހުން މަރުވިއެވެ.

ތުރުކީން ބުނީ މިދިއަ ޖުލައި މަހު އައިއެސް އިން ދީފައިވާ ހަމަލާތަކާ މި ހަމަލާއާ އެއްގޮތް ކަންތައްތަކެއް އެބަ ހުރި ކަމަށާއި އަދި އެކަން ބަލަމުން އަންނަ ކަމަށެވެ. ތުރުކީން ވަނީ އައިއެސް އަށް އަމާޒުކޮށް އޮޕަރޭޝަނެއް ހިންގައި 43 މީހުން ހައްޔަރު ކޮށްފައެވެ.

ތުރުކީގެ އިދިކޮޅު ފަރާތްތަކުން ބުނަނީ މި ހަމަލާގެ ޒިންމާ ނަގަން ޖެހޭނީ ރައީސް ތައްޔިބް އުރްދޮގާން ކަމަށެވެ. މި ހަމަލާދިން ސަރަހައްދަށް އެއްވި މީހުންވެސް ވަނީ ތުރުކީގެ ރައީސް އަށާއި ފުލުހުންނާ ދެކޮޅަށް ޝުއޫރު ވެސް ފާޅުކޮށްފަ އެވެ.

މި ހަމަލާއާއި އެކުވެސް އަންނަ މަހު އެކެއް ގައި ބޭއްވުމަށް ހަމަޖެހިފައިވާ އާންމު އިންތިހާބު ހަމަ އެ ދުވަހު އޮންނާނެ ކަމަށް ތުރުކީން ބުނެއެވެ.