ހަބަރު

ގެއަކުން ގިނަ އަދަދެއްގެ ޑުރަގާއެކު ހަތް މީހަކު ހައްޔަރުކޮށްފި

މާލޭގެ ގެއެއް ބަލައި ފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާއާއެކު ހަތް މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މި މަހުގެ 14 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި މާލޭގެ ގެއެއް ބަލައި ފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާއާއެކު ހަތް މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. މި މީހުން ހައްޔަރު ކޮށްފައިވަނީ އިންތޭލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ބުނެ އެވެ.

ހައްޔަރު ކޮށްފައިވަނީ 28 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ ފިރިހެނަކާއި 27 އަހަރުގެ ފިރިހެނަކާއި 21 އަހަރުގެ ފިރިހެނަކާއި 26 އަހަރުގެ ފިރިހެނެއްގެ އިތުރުން 19 އަހަރުގެ ފިރިހެނެކެވެ.

މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ހެންވޭރު ގެއެއް ބަލައިފާސްކޮށްފައިވާއިރު އެގެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި 42 ދަޅާއި 28 ރަބަރު ޕެކެޓާއި 216 ސެލޯފިންކޮޅާއި ޖޫސް ޕެޓީ ކޮތަޅެއްގެ އިތުރުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗަކާއި ދުންފަތް އަޅާފައިވާ ބިޑިއަކާއި މަނާބޭހުގެ 255 ގުޅައާއި ބަނގުރާ ފުޅިއެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. މީގެ އިތުރުން އެ ގެއިން 17،150 ރުފިޔާ ވެސް ފެނުނެވެ.