ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބޭނުންފުޅުވެ ވަޑައިގަންނަވަނީ ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ފުރޮޅައިލައްވާށެވެ. އެ ވާހަކަފުޅު ތަކުރާރުކޮށް އެތައް ފަހަރަކު އެމަނިކުފާނު ދައްކަވައިފި އެވެ. ފަހަރެއްގައި މިދިއަ ހައެއްކަ އަހަރުތެރޭގައި އެމަނިކުފާނަށް އެންމެ ގިނައިން ދެއްކެވިފައިވާ އަދި ދެއްކެވޭ ވާހަކައަކަށް އެކަން ވުން ވެސް އެކަށީގެންވެ އެވެ. މިއީ އިންވެސްޓިގޭޓް ކުރާ ނޫސްވެރިޔަކު "ޓްރާންސްކްރިޕްޓް ހިސާބެއް" ހަދާލަން ވެސް ރަނގަޅު ކަމެކެވެ. އޭރަށް ތަފާތު ރީތި ވާހަކައެއް ލިޔެލެވިދާނެ އެވެ.
މިދިއަ ރިޔާސީ އިންތިހާބުގެ ކުރިން ވެސް ވެރިކަމުގެ ނިޒާމު ބަދަަލުކުރުމުގެ "ޑީލެ"އް ހެއްދެވި ކަމަަށް ތުހުމަތުތައް އޮވެ އެވެ. ކޯލިޝަންގެ އެހެން ލީޑަރުން އެއްބަސްވެވަޑައި ނުގަންނަވާނެތީ އެ އެއްބަސްވުމަކީ އެކުވެރި "ދެ ރައީސުން" ގެ މެދުގައި އޮތް އެއްބަސްވުމެއް ކަމަށް ރަށުތެރޭގައި ކިޔައި ވެސް އުޅެ އެވެ. އޭގެ ހަގީގަތްތައް ތިލަވެ ސާފުވެފައެއް ވެސް ނުވެއެވެ.
ޕާލަމެންޓަރީ ނިޒާމަކަށް ނުވަތަ ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ފުށުން ޖަހައިލުމުގެ ބަހުސް ރައީސް ނަޝީދު އެތައް ފަހަރަކު ތިލަ ކުރެއްވުމުން އެ ބަހުސްގެ ތެރެއަށް ވަދެވަޑައިގަންނަވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް މަޖުބޫރުވެވަޑައިގަންނަވަ އެވެ. ކޮންމެވެސް ކަހަލަ ވަށައިޖެހޭ ޖަވާބެއް އެ މަނިކުފާނުގެ ފަރާތްޕުޅުން ރައްުޔިތުންނަށް ދެއްވަން ޖެހިވަޑައިގަންނަވަ އެވެ.
އެހެންވެގެން އެ މަނިކުފާނު ބައިވެރިވެ ވަޑައިގަންނަވާ ގޮތަށް އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ސޯލިހު ވަނީ ވެރިކަމުގެ ނިޒާމް ބަދަލުކުރަން އެމަނިކުފާނަށް ވަގުތެއް ނެތް ކަމަށް ވިދާޅުވެފަ އެވެ. އެއީ އެމަނިކުފާނަށް ކުރެއްވޭނެ ކަމެއްވެސް ނޫން ކަމާއި އެ ބާރު އޮތީ ދިވެހި ރައްޔިތުންގެ އަތްމަތީގައި ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ. އެއީ ރަނގަޅު ނިޔަތަކާއެކު ވިދާޅުވި ވާހަކަފުޅެއް ކަމަށް ބަލަމާ ހެއްޔެވެ؟
ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެންނަން ބޭނުންފުޅުވާ ކަމަށް އަބާދާއަބަދު ރައީސް ނަޝީދު ވިދާޅަމުން ގެންވި ނަމަވެސް ނިޒާމު ބަދަލު ކޮށްލައިގެން އެ މަނިކުފާނު ރާއްޖޭގެ ބޮޑުވަޒީރަކަށް ވެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަކަށް ކުރިޔަކުން ވިދާޅުވެއް ނުވެއެވެ. ނަަމަވެސް އެމަނިކުފާނާ ސިޔާސީ ގޮތުން ވާދަވެރި ބޭފުޅުން އެ ވާހަކަ ކިތަންމެ ފަހަރަކު ވިދާޅުވެެއްޖެ އެވެ. ބައެއް ފަހަރު ނަޝީދު އުޅުއްވަނީ އަމިއްލަފުޅަށް "ބޮޑުވަޒީރު" އަކަށް ވެވަޑައިގެން ކަމަށް ވެސް ވާދަވެރިން ސިފަ ކުރެ އެވެ.
ރިކޯޑަށްޓަކައި އަދި ތާރީހެއް ރައްކާކުރުމުގެ ގޮތުން ބޮޑު ސިޔާސީ ޕާޓީގެ ހަރަކާތްތަކާއި އިއުލާންތަކުގެ ވާހަކައިން ސުރުހީއެއް އަޅާފައި ދޫކޮށްލާ ގޮތަށް އެމްޑީޕީން "ހަބަރު ސިޓީ" ނަމުގައި ކުޑަ "ފޮޅި" އެއް ނެރެ އެވެ. އަހަރުތަކަކަށް މެދުކެނޑިފައި އޮތުމަށް ފަހު އަލުން ފަށައިގެން "ހަބަރު ސިޓީ" ހަވަނަ އަދަދު އިއްޔެ ހެނދުނު ނުކުތް އިރު ރައީސް ނަޝީދުގެ ފަރާތްޕުޅުން ލިޔުއްވަވާފައިވާ ކުރުކުރު އެކަމަކު މާނަފުން މަޒުމޫނެއް ޝާއިއުވެފައި އޮތެވެ.
ކުރަސް އެ މަޒުމޫނަކީ ސިޔާސީ އެތައް ވާހަކަތަކެއް އަދި ޒާތީ ވާހަކަވެސް ބުނެދީ، ކިޔައިދިން މަޒުމޫނެކެވެ. މަޒުމޫނުން ހަމައެކެނި ފެންނަނީ ލިޔުމުން ގެނެސްދިން ކުރުކުރު ރީތި އިބާރާތްތަކާއި ލަފުޒުތަކުގެ ފުރޮޅައިލުންތަކުގެ މޮޅުކަން އެކަންޏަކު ނޫނެވެ. ދެ ފޮޅުވަތް ދޭތެރެ އަށާއި ދެ އަކުރު ދެމެދަށް ކޮއްޕާލާފައި ހުރި ބޮޑެތި ސިޔާސީ ހަގީގަތްތަކާއި "އަމިއްލަ މީހާ" ގެ ޒާތީ ވާހަކަތަކާއި ސިޔާސީ "ދެބޯގެރީ"ގެ ވާހަކަތައް ވެސް ފޮޅުވަތްކޮށްފައި ހުއްޓެވެ.
ބައެއް ބޭފުޅުންގެ ނަޒަރުގައި ކުރިން ތިން އަހަރެއްހާ ދުވަހު ރައީސުލްޖުހުމްހޫރިއްޔާކަން ކުރައްވައި އަމިއްލަފުޅަށް އިސްތިއުފާ ދެއްވެވި ރައީސްގެ ސާދާ މަޒުމޫނަކުން އެ މަނިކުފާނު ލިޔުމަށް ތިރި ކުރައްވާފައި އެވަނީ ނުކުމެ ވަޑައިގެން ފާޅުގައި ވިދާޅުވާން ބޭނުންފުޅުވެ ވަޑައިގެން ހުންނަވާތާ އެތައް ދުވަހެއްވީ ވާހަކަތަކެކެވެ. ލިޔުއްވި މި މަޒުމޫނަކީ އެމަނިކުފާނު ބޭނުންފުޅުވަނީ ޕާލަމެންޓަރީ ސިސްޓަމަކަށް ވެރިކަމުގެ ބާވަތް ބަދަލުކޮލުމުން ރައީސުލްޖުމްހޫރިއްޔާއަކީ "ނޮމިނަލް ފިގާ" އަކަށް ބަދަލުވެގެންދާ، ގައުމުގެ ރައީސް ނުވަތަ "ހެޑް އޮފް ސެޓޭޓް" މަގާމު ނޫން ކަމާއި ބޭނުންފުޅުވެ ވަޑައިގަންނަވަނީ އެ ބަދަލުން ބާރުތައް ލިބި ވަޑައިގަންނަވާ ޕްރައިމް މިނިސްޓަރު ނުވަތަ ބޮޑުވަޒީރު ކަމުގެ މަގާމުކަން ފާޅުގައި އިއުލާނު ކުރެއްވެވީ އެވެ. -- ދިވެހި ރާޖޭގެ ބޮޑު ވަޒީރުކަން ބޭނުފުޅުވާ ކަމަށް އާންމު އިއުލާނެއް ލިޔުއްވައި ރަށުމެދަށް ދޫކޮށްލެއްވީ އެވެ.
ރައީސް ނަޝީދުގެ މަޒުމޫން ފައްޓަވާފައި ވަނީ އެމްޑީޕީން އެންމެ ބޮޑަށް ދެކޮޅު ހަދަނީ ޖަލު އަނިޔާ އާއި ކޮރަޕްޝަނަށް ކަަމަށް ވިދާޅުވަމުންނެވެ. އިބާރާތްތަކުން ފުރަތަމަ ވެސް ހަމަލައެއް ދެއްވެވީ ރައީސް ސޯލިހުގެ ކެބިނެޓްގައި ހިމެނި ވަޑައިގަންނަވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށެވެ. "ދެވަނަ ބްރޯ" އަކަށް ބަދަލުވެފައިވާ ކަމަށް ބަޔަކު މީހުން ބުނާ އަދި ރައީސް ނަޝީދު ވެސް އެހެން ވިދާޅުވާ ފައްޔާޒު މަގާމުން ދުރުކުރުމަށް ނަޝީދު އިސްވެ ކުރައްވާ މަސައްކަތްޕުޅަކީ އެމްޑީޕީއަށްޓަަކައި ވެވަޑައިގަންނަވާ ގުރުބާނީއެއް ގޮތު އެމަނިކުފާނު ލިޔުއްވަ އެވެ.
މިހާތަނަށް އެކަމާ ގުޅިގެން ރައީސް ނަޝީދުގެ ހިންގަވަމުން ވަޑައިގެންނެވި މަގަކީ "ސަރުކާރަށް ޖެއްސުންކޮށް ދަތިކުރުމުގެ މަގެއް" ކަމަށް ވަރަށް ގިނަ ބަޔަކު ދެކެއެވެ. ހާއްސަކޮށް ރައީސް ސޯލިހުގެ ވަށަވަށައިގެން ތިއްބެވި ބޭފުޅުން މުޅީންމެ ގަބޫލު ކުރައްވަނީ އެހެނެވެ.
އެމްޑީޕީގެ ޕީޖީގެ ގޮނޑިތަކުގެ ތަރުތީބާއި ގައުމީ މަޖިލީހުގެ އެތުރުމުގައި ވެސް މިހާރު އެގޮތަށް ގަބޫލުކުރާ ސީޓްތަކެއް އެބަހުއްޓެވެ. އަދި ކެބިނެޓްގައި ވެސް އެހެނެވެ. ކެބިނެޓްގައި އެނޫން ގޮތަކަށް އަދި އޮތުމަކީ ވަރަށް ދުރު ވެސް ކަމެކެވެ. އެކަމަކު ސިޔާސީ މައިދާނުގައި އެއީ ވެސް "ހިނދުކޮޅެއް" އަންނަ ކަމެކެވެ. ރައީސް ސޯލިހަށް ވެސް އެކަން އެގޮތަށް ގަބޫލުފުޅު ކުރައްވަން މަޖުބޫރުވެވަޑައިގަންނަވާނެ އެވެ. އޭގެ އެއް މިސާލަކީ މިހާރުވެސް މަޖިލިސް މެންބަރުންނާއެކު ރައީސް ބާއްވަވަން ފައްޓަވާފައިވާ ސިލްސިލާ ބައްދަލުވުންތަކެވެ.
އެމްޑީޕީގެ އެންމެ "އާދައިގެ ކަރުދާހުގައި" އެ ޕާޓީގެ އެންމެ ބޮޑު ވާހަކަ ރައީސް ނަޝީދުގެ މަޒުމޫނަކުން ސާފު ކޮށްދެއްވެވީ މި ސަރުކާރު ދައުރުގެ އުމުރާއި ކުރެވުނު، ނުކުރެވުނު ކަންކަމަކާއި ހިނގައިދިޔަ ހިޔާނާތާއި ވައްކަމާއި ކޮވިޑުގެ ބަލާއާފާތާއެކު ކަރުން ލޭ ރަހަލާ ވަރަށް ކެއްސައި ކޮށި އަރަމުން، އަރަމުން ގޮސް ސަރުކާރެއްގެ "ސިޔާސީ ވައި ބަދަލުވާންދާން" ވަރަށް ނާޒުކު ފައްތަރެއްގެ މަތީންނެވެ. ނަސީބު ރަނގަޅު ކަމުން މިތާކު އެމްޑީޕީ ކަހަލަ "އެގްރެސިވް އޮޕޯޒިޝަނެ" އް ނެތެވެ. ވަރަށް ސާދާ އިބާރާތްތަކަކުން ރައީސް ނަޝީދު ލިޔުއްެވި ދިގު ނޫން މަޒުމޫނުގެ މައިގަނޑު ވާހަކައަކީ "ސިޔާސީ ވައި ބަދަލުވަނީ" އެވެ. ނޫނީ ވެއްޖެ އެވެ.
މިއީ މަޒުމޫނުގައި ހިމެނޭ ބާރުގަދަ ތިން އިބާރާތެކެވެ. "... ސީދާ ސީދަލަށް ދަންނަވާނަމެވެ. ބައެއް ބޭފުޅުންގެ ނަޒަރުގައި އަޅުގަނޑު ފާހަގަަކުރާ ނުކުތާތަކަކީ ސަރުކާރު ނިކަމެތި ކުރުމަށް ފާހަގަކުރާ ކަންކަމެވެ. ހާދަހާވާ ބޮޑު އޮޅުމެކެވެ!"
ދެން އެ މަޒުމޫނުން ދައްކަވައި ދެއްވަނީ އެމަނިކުފާނު މޫނު އަނބުރާލާފައިވާ މިސްރާބެވެ. ބޭނުންފުޅުވެ ވަޑައިގަންނަވާ ގޮތެވެ. ލިޔުމުން ވިދާޅުވެ ދެއްވާފައިވާ ގޮތުން ބޭނުންފުޅުވެ ވަޑައިގަންނަވަނީ ބަރުލަމާނީ ނިޒާމެކެވެ. އަދި ބޮޑުވަޒީރުކަން ބޭނުންފުޅުވާނަމަ އެ ވާހަކަ ފަހުން ވިދާޅުވާނެ އެވެ. -- ދެތިކި ޕީ
"އާދެ! ވެރި ކަމުގެ ނިޒާމް ބަދަލު ކުރުމަށް އަޅުގަނޑު އެދެމެވެ. ރާއްޖޭގެ ރައްޔިތުންނަށް އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާާނީ ނިޒާމެވެ،"
ނިޒާމު ބަދަލު ކުރުމުގެ ފައިދާ އޮތީ އެމަނިކުފާނަށް އެކަނި ނޫންކަން ވެސް ބުނެދެއްވަ އެވެ. އެފައިދާ "ދރދނ" ނޫން "ދެ ރައީސުން" ނަށް އޮތް ވާހަކަ ވިދާޅުވެ ދެއްވަ އެވެ. ރައީސް ސޯލިހު އެދިވަޑައިގަންނަވަނީ ވެރިކަމުގެ ދެވަނަ ދައުރެއްނަމަ އެކަމަށް އޮތް އެންމެ ލުއި އަދި ފަސޭހަ ކުރު މަގަކީ ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމު ކަމަށް ގެންދިއުން ކަމަށް ލިޔުއްވަ އެވެ.
"ރައީސް ސޯލިހުގެ ދެވަނަ ދައުރު ލިބުމުގެ އެންމެ ކަށަވަރު މަގަކީ ވެސް ބަރުލަމާނީ ނިޒާމެވެ. އެހެން ނަމަވެސް މިއީ އަދި ފަހުގެ ވާހަކައެކެވެ."
އާދެ! ވެރި ކަމުގެ ނިޒާމް ބަދަލު ކުރުމަށް އަޅުގަނޑު އެދެމެވެ. ރާއްޖޭގެ ރައްޔިތުންނަށް އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާާނީ ނިޒާމެވެ. ރައީސް ސޯލިހުގެ ދެވަނަ ދައުރު ލިބުމުގެ އެންމެ ކަށަވަރު މަގަކީ ވެސް ބަރުލަމާނީ ނިޒާމެވެ. އެހެން ނަމަވެސް މިއީ އަދި ފަހުގެ ވާހަކައެކެވެ.ރަައީސް މުހައްމަދު ނަޝީދު | ޚަބަރު ސިޓީ - ހަވަނަ އަދަދު
މަޒުމޫނުން އެމަނިކުފާނު އެހެން އިއުލާނެއް ވެސް ކުރައްވާފައި ވެއެވެ. އެއީ ގައުމުގެ ރައީސްކަން ދެން ބޭނުންފުޅު ނުވާ ވާހަކަ އެވެ. އެފަހަށް ދެން ގެންނެވީ ނިޒާމު ބަދަލުކުރަން ޖެހޭ ވާހަކައެވެ. އަދި މިވަގުތު ނޫން ނަމަަވެސް ބޮޑުވަޒީރު ކަމަށް ވަޑައިގަންނަވަން ބޭނުންފުޅުވާ ވާހަކައެވެ. އެހެންވީމަ އެމަނިކުފާނުގެ އާންމު އިއުލާން ވަރަށް ސާފެވެ.
އާންމު ދިވެހި ރައްޔިތުންނަކީ ސިޔާސީ ބޭފުޅުންގެ މިފަދަ ބަސްމަގު ދޭޙަ ކުރަން އެނގޭ ބައެއް ނޫން ކަމަށް ބައެއް ސިޔާސީ ވެރިންނަށް ހީފުޅުވެވަޑައިގެންނެވި ނަމަވެސް އެއީ އަދި މުޅީން ހަގީގަތެއް ނޫނެވެ. ރައީސް ނަޝީދުގެ މި އިއުލާނަކީ އެފަދައިން މޮޅަށް ލިޔުއްވާފައިވާ "ސިޔާސީ ދެބޯގެރި" އިބާރާތްތަކަކަށް ވިޔަސް "ފޭސްބުކުގެ އަލްގޯރިދަމް" ހާ އާންމު ވިސްނުން އިންޓެލިޖެންޓެވެ.
މި ދެ ޖުމްލައާމެދު ވިސްނާލާށެވެ: "އަޅުގަނޑު ދެނަކު ރާއްޖޭގެ ރައީސްކަން ކުރުމަކަށް ނޭދެމެވެ. އަޅުގަނޑު އެދެނީ އެމްޑީޕީން ހެޔޮ ގޮތުގައި ރާއްޖޭގެ ރައްޔިތުނަށް ވެރިން ކޮށްދިނުމެވެ،"
ރައީސް ނަޝީދުގެ މަޒުމޫނާއި ގުޅޭގޮތުން ވަރަށް ގިނަ ބަޔަކު ދަނީ ވާހަކަ ދައްކަމުންނެވެ. ގިނަ ބަޔަކު އިއްތިފާގުވާ ގޮތުގައި ރައީސް ނަޝީދުގެ އެ މަޒުމޫނަކީ މިދިޔަ ހުރިހާ ދުވަހު ވެސް އެމަނިކުފާނު ވިދާޅުވާން ވަރަށް ބޮޑަށް ބޭނުންފުޅުވެފައި ހުންނެވި ވާހަކަތަކެއްގެ ސުރުހީ އެކެވެ. މިހާތަނަށް އެމަނިކުފާނު ހީފުޅު ކުރައްވައިގެން އެ މަސައްކަތް ކުރެއްވީ އެއްވެސް ދައްޗެއް، އުނދަގުލެއް ތުރާލެއް ނެތި އެކަންކަން ކުރެވޭނެ ކަމަށެވެ. އެެހެން ކަމުން އެ ވާހަަކަ މިހާތަނަށް އޮތީ ގޭ އުނދޯލީގަ އާއި ވެރިކަމުގެ އެންމެ އެތެރޭގަ ގައެވެ. އެންމެ އިސްވެރިންނާއި ހަމައިގަ އެވެ. އާންމުންނާއި ހަމައަށް އެކަން ފާޅުކުރާން ޖެހުނީ އެމަނިކުފާނަށް ގްރައުންޑް ސާފު ނުކުރެވިގެނެވެ.
މާޒީ ބަލައިލާށެވެ؛ ޑިމޮކްރެޓިކް ހަޔާތަކަށް ދާން އިސް ނެގުން ފިޔަވައި މިހާތަނަށް ރައީސް ނަޝީދުގެ ސިޔާސީ ހުރި ނިންމެވުންތަކެއް ވެސް އައީ އެހެން ބަޔަކު "ގުދާރު ބިނދެލައިގެން" މައިދާން ސާފުކޮށް ނިންމުން ކުއްލި ގޮތަކަށް "ވައިކުޑާގައި" މައިދާނުގެ މެދަށް ފާބައި ވަޑައިގެނެވެ. އެހެންވީމާ ބޭނުންފުޅުވާ ގޮތް ލަންޑަނުގައި ހުންނަވައިގެން މިފަހަރު މަޒުމޫނެއްގެ ސިފާގައި އިއުލާނެއް ކުރެއްވީއެވެ.
ސަރުކާރު ކޯލިޝަންގެ ލީޑަރަކު ވިދާޅުވި ގޮތުގައި ރައީސް ނަޝީދުގެ މަޒުމޫނުގައި އޮތް ވާހަަކަ ވަރަށް ސާފެވެ. އަދި އެއީ އާ ވާހަކައެއް ވެސް ނޫނެވެ. ހަމައެކަނި ތަފާތަކީ އާންމުންގެ ކުރިމައްޗަށް ދޫކޮށްލި ކަރުދާސްކޮޅެއްގައި ސާފުކޮށް ވާހަކައެއް ވިދާޅުވުމެވެ.
"ނިޒާމު ބަދަލުކުރުމުގެ މަސައްކަތް ނަޝީދު ކުރައްވާތާ ކިހާ ދުވަހެއްތޯ؟ އެކަމަށް ސަރުކާރުން، ރައީސުލްޖުމްހޫރިއްޔާ އެއްވެސް އިޖާބައެއް ނުދެއްވީމަ އެ ގެންދަވަނީ ފަހަރަކު ކަމެއް ފަހަރަކު ކަމެއް ކުރައްވަމުން. އެންމެ ފަހުން އެ ވިދާޅުވަނީ 2023 އަށް އަލުން ރައީސް ކަމަށް އަންނަން މަޑު ނުކުރައްވާނެ ކަމަށް. ނިޒާމު ބަދަލުކޮށް ބޭނުންފުޅު ވަނީ ބޮޑުވަޒީރު ކަމަށް ވަޑައިގަންނަވަން ކަމަށް. އެ ނޫން ކޮން ވާހަކައެއްތޯ އެ ވިދާޅުވަނީ!" އެ ލީޑަރު ވިދާޅުވި އެވެ.
ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ މިނިސްޓަރަކު ވެސް ކޯލިޝަން އެ ލީޑަރުގެ އެ ވާހަކަތަކަށް ތާއީދު ކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ރައީސް ސޯލިހުގެ ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދެއްވާ ކަމަަށް، އަދި ރައީސް ކަމަށް ވަޑައިގަންނަވަން ބޭނުންފުޅު ނުވާ ކަމަށް ހެއްދެވެން ނަޝީދު މަސައްކަތް ކުރައްވަނީ ރައްޔިތުންނަށް ހާއްސަކޮށް އެމްޑީޕީގެ މެެންބަރުންނަށް އޮޅުވާލާށެވެ. އެކަމަކު ކޮރަޕްޝަންގެ ވާހަކައިން ލިޔުއްވާން ފެއްޓެވި މަޒުމޫނު ބޭނުންފުޅުވާ މަގާމާއި ހަަމައިން ނިންމަވާލެއްވުމުން ނަޝީދުގެ ވިސްނުންފުޅު ސާފު ވެއެވެ.
"އެ ވިދާޅުވަނީ ސަރުކާރަށް އެއްބާރުލުން ދެއްވާ ކަމަށް. އާދެ، އެއްބާރުލުން ދެއްވާނެ. ނަމަވެސް އޭގެ ބަދަލުގައި ރައީސް ވެވަޑައިގަންނަވަންވީ ރަމްޒީ ބޭފުޅަކަށް. ވެރިކަން ހޯދައި ދިނުމަށް އެހީތެރިވި ކޯލިޝަން ދޫކޮށްލަންވީ. ވެރިކަމުގެ ނިޒާމު ބަދަލުކުރަންވީ. އަދި ބޮޑުވަޒީރަކަށް ހުރިހާ ބާރަކާއެކު އެމަނިކުފާނު [ނަޝީދު] ހަމަޖައްސަންވީ. އޭރުން އެއްބާރުުލުން ދެއްވާނެ. އޭރުން ރައީސް ކަމެއް ވެސް އެމަނިކުފާނު ބޭނުންފުޅެއް ނުވާނެ. ކިހާ ހެޔޮފުޅުތޯ؟" ރައީސް ސޯލިހުގެ އަރިސް ވަޒީރަކު ވިދާޅުވި އެވެ.
ރައީސް ނަޝީދު މަސައްކަތް ކުރައްވަނީ އެމަނިކުފާނު ބޭނުންފުުޅުވާ މަގުން ހިންގެވުމަށް ރައީސް ސޯލިހުގެ ތާއީދާ މަދަދު ހޯއްދަވާށެވެ. ނަޝީދަށް މިވަގުތު ކާމިޔާބު ހޯއްދެވެން އޮތީ ވެސް ރައީސް ސޯލިހުގެ ތާއީދާއި އެހީތެރިކަން ލިބިގެނެވެ. "ސިޔާސީ ހަނގުރާމައެއް" ކުރައްވައިގެން އަދި އެއްވެސް ކަމެއް ކާމިޔާބުވާކަށް ނެތެވެ. މަޖިލިސް ރައީސް ކަނޑައެޅުމުގެ މައްސަލަ އާއި "ފައްޔާޒު ވޯޓު" ން އެކަން ސާފުވެ އެވެ.
ރައީސް ސޯލިހަށް "ދެވަނަ ދައުރެއްގެ ފަސޭހަ މަގު" ދައްކަވައިގެން ވެސް ނަޝީދު މަސައްކަތް ކުރައްވަނީ ބަރުލަމާނީ ނިޒާމު ގެނެސް، ބޮޑުވަޒީރު ކަމަށް ވަޑައިގަަތުމަށެވެ. ކަންކަން ރައްޔިތުންނަށް ވެސް ކަންކަން ސާފުވެ އެވެ. ރައީސް ނަޝީދުގެ މަންޒިލް ވެސް ސާފެވެ. ސާފު ނުވަނީ އެކަން އެ މަގުން ނުގޮސްފި ނަމަ ދެންވާނެ ގޮތެވެ. ކާމިޔާބު ނުވެއްޖެނަމަ ދެން ވާނީ ކިހިނެތް ހެއްޔެވެ؟ ރައީސް ނަޝީދުގެ އަމާޒަށް ވަޑައިގެންނެވުމަށް ކުރައްވާނީ ކޮން މަސައްކަތްޕުޅެއް ހެއްޔެވެ؟
އެމަނިކުފާނު މަޒުމޫނުގެ މި އިބާރާތުން ސްޓޭޓަސް ޖާބެއް ލިބޭ ކަމަށް ބެލެވެ އެވެ: "މިހާރުވެސް ކުރާންހުރި ކަންކަން މަދީއެއް ނޫނެވެ. މީހާއާ ދިމާވެފައިވާ މައްސަލަތައް ވެސް ގިނަ އެވެ،" އެއީ ހަމަ މުޅީން ހައްގު ތެދެވެވެ.