ސަރުކާރު ސުކޫލުތަކުގެ ޕްރިންސިޕަލުން ވަޒީފާ އަދާކުރާ ސުކޫލު ކަނޑައެޅުމުގެ އުސޫލާއެކު ގިނަ ޕްރިންސިޕަލުން ކަންބޮޑުވުން ފާޅުކޮށް އެ އުސޫލާއި ދެކޮޅު ހެދުމުން އެ އުސޫލުގެ ބައެއް މާއްދާތައް މުރާޖައާކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.
އެޑިއުކޭޝަނުން އާންމު ކުރި ސަރުކާރު ސުކޫލުތަކުގެ ޕްރިންސިޕަލުން ވަޒީފާ އަދާކުރާ ސުކޫލު ކަނޑައެޅުމުގެ އުސޫލަކީ ސަރުކާރުގެ ސުކޫލުތަކުގެ ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން ސުކޫލުތަކަށް އެންމެ އެކަށީގެން ގާބިލް ޕްރިންސިޕަލުން އައްޔަން ކުރުމުގެ އުސޫލެކެވެ.
އެ އުސޫލުގައިވާ ގޮތުގެ މަތިން ޕްރިންސިޕަލުން ވަޒީފާ އަދާކުރާނެ ސުކޫލު ކަނޑައަޅާނީ ފަސް މެންބަރުންގެ ކޮމެޓީއަކުންނެވެ. އަދި އެއް ސުކޫލެއްގައި ޕްރިންސިޕަލްގެ މަގާމުގައި އެކަކަށް އެންމެ ގިނަވެގެން ހުރެވޭނީ އަށް އަހަރުގެ މުއްދަތަކަށެވެ. ސަރުކާރު ސުކޫލެއްގައި ޕްރިންސިޕަލުންގެ ޓެނުއާޝިޕް މުއްދަތަކީ ހަތަރު އަަހަރެވެ.
މި އުސޫލާމެދު ވަރަށް ގިނަ ޕްރިންސިޕަލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި މިއީ ވަޒީފާއާބެހޭ ގާނޫނާ ހިލާފު އުސޫލެއް ކަމަަށް ބުނެ ޕްރިންސިޕަލުންގެ ރުޅި ވަނީ އެޑިއުކޭޝަނަށް އަމާޒުކޮށްފަ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އުސޫލުގައި ޕްރިންސިޕަލުންގެ ކަންބޮޑުވުންތައް ހުރި ބައެއް މާއްދާތައް މުރާޖައާ ކުރަން ނިންމާފައިވާ ކަމަަށެވެ. އަދި އެ މާއްދާތައް މުރާޖައާކުރާއިރު ޕްރިންސިޕަލުންގެ ހިޔާލާއި މަޝްވަރާ ވެސް ހޯދާނެ ކަމަށެވެ.
ޕްރިންސިޕަލުންގެ ހިޔާލު ހޯދަން އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވާއިރު ޕްރިންސިޕަލުންގެ ވަޒީފާއާބެހޭ އުސޫލެއް ހަދާ އާންމު ކުރިއިރު ޕްރިންސިޕަލުންގެ ހިޔާލު ހޯދާފައި ނުވާތީ ގިނަ ޕްރިންސިޕަލުން ވަނީ ނުރުހިފަ އެވެ. އަދި މިއީ އެޑިއުކޭޝަންގެ ވެރިން ބޭނުންވާ ވަކި ބަޔަކު ވަކި ސުކޫލްތަކަކަށް ހަމަޖެއްސުމަށް ކޮށްފައިވާ ކަމެއް ކަމަށްވެސް ބައެއް ޕްރިންސިޕަލުން ތުހުމަތު ކުރެ އެވެ.
ސަރުކާރު ސްކޫލްތަކުގެ ޕްރިންސިޕަލުން ވަޒީފާއަދާކުރާ ސްކޫލް ކަނޑައެޅުމުގެ އުސޫލަށް ގެނައި ބަދަލަކީ ގާނޫނީ އަސާސީ އާއި ވަޒީފާއާބެހޭ ގާނޫނާ ހިލާފު އުސޫލެއްކަމަށް ބުނެ، އެކަން ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީން ބަލައި ދިނުމަށް މަޑުއްވަރީ ދާއިރާގެ މެެންބަރު އާދަމް ޝަރީފު އުމަރު ވަނީ އެދިވަޑައިގެންފަ އެވެ.
ކުރިން އެޑިއުކޭޝަން ދާއިރާގައިވެސް މަސައްކަތް ކުރެއްވެވި އާދަމް ޝަރީފް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ކޮމިޓީއަކުން ޕްރިންސިޕަލުން ވަޒީފާ އަދާ ކުރާ ސްކޫލު ކަނޑައެޅުމަކީ ގާނޫނު އަސާސީގެ ރޫހާ ހިލާފު ކަމެއް ކަމަށެވެ.
އޭގެ އިތުރުން، ވަޒީފާ އަދާކުރާތަން ވަޒީފާ ބަޔާނުގައި ކަނޑައަޅާފައި އޮންނަންޖެހޭ ކަމަށް ވަޒީފާއާބެހޭ ގާނޫނުގައި ބަޔާން ކޮށްފައިވާއިރު، ކޮމިޓީއަކުން ޕްރިންސިޕަލުން ވަޒީފާ އަދާ ކުރަންޖެހޭތަން ކަނޑައަޅާ ގޮތަށް އުސޫލެއް އެކުލަވައިލުމަކީ ވަޒީފާއާބެހޭ ގާނޫނާ ތައާރުޒުވާކަމެއް ކަމަށްވެސް އެ ސިޓީގައި ވެއެވެ.
"މަޖުބޫރުން މަސައްކަތް ކުރުވައިގެން ނުވާނެކަމަށް ވަޒީފާއާބެހޭ ގާނޫނުގެ ތިން ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، ކޮމިޓީން ބުނާ ތަނެއްގައި ވަޒީފާ އަދާ ކުރަން ޖެހުމަކީ ވަޒީފާއާބެހޭ ގާނޫނާ ތައާރުޒުވާ ކަމެކެވެ،" އާދަމް ޝަރީފް ވިދާޅުވެފައިވެ އެވެ.