ބޮލީވުޑް

ބޮލީވުޑްގެ ނަން ހަރާބުކުރާ މީހުނާ ދެކޮޅަށް ޖާޔާ

އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ މަރުގެ މައްސަލައިގެ ތަހުގީގު މިހާރު ވަނީ މުޅިން އެހެން އަތަކަށް ފުރޮޅިފަ އެވެ. ސުޝާންތުގެ މަރުގެ ސަބަބު އެކި މީހުން އެކި ގޮތަށް ކިޔައިދޭއިރު ސޯޝަލް މީޑިއާގައި ސުޝާންތުގެ ފޭނުންގެ ހަމަލާތައް ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކަށް ދަނީ އަމާޒު ވަމުންނެވެ. ސުޝާންތުގެ މަރުގެ ޒިންމާ ފިލްމު އިންޑަސްޓްރީގެ ބައެއްގެ ބޮލުގައި އެޅުވުމުގެ ސަބަބުން އެތައް ބަޔަކުގެ ނަފުރަތު އެމީހުންނަށް ވަނީ އަމާޒުވެފަ އެވެ.

މިކަމާ ދެކޮޅަށް ވަރަށް ވަރުގަދަ ސްޕީޗެއް ބުދަ ދުވަހު ޖާޔާ ބައްޗަން ވަނީ ދީފަ އެވެ. ޖާޔާއަކީ ފިލްމު އެކްޓަރެއްގެ އިތުރުން ސަމާޖްވާދީ ޕާޓީގެ ޕާލަމެންޓް މެންބަރެކެވެ.

ޕާލަމެންޓް ސެސެޝަންގެ މޮންސޫން ސެޝަންގެ ދެ ވަނަ ދުވަހު ޖާޔާ ޕާލަމެންޓުގައި ވާހަކަ ދައްކަމުން ބުނި ގޮތުގައި ފިލްމު އިންޑަސްޓްރީގެ މީހުންގެ އަބުރު ކަތިލައި އެމީހުންގެ ނަން ޚަރާބުކުރަން ބަޔަކު ސިއްރު ރޭވުންތަކެއް ރާވައިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޖާޔާ ބުނި ގޮތުގައި އިންޑަސްޓްރީގެ މީހުންގެ އެހީތެރިކަމާއެކު މަޝްހޫރުކަން ލިބުނު މީހުން ވެސް މިއަދު އެއީ ކުނިގޮނޑެއް ކަމަށް ބުނާ ކަމަށެވެ. ސޯޝަލް މީޑިއާގައި އިންޑަސްޓްރީގެ މީހުންނަށް މަލާމާތްކުރާ މީހުންނަށް ވިސްނައިދޭން ސަރުކާރުން ކަންތައްތަކެއް ކުރާނެކަމަށް އުންމީދުކުރާ ކަމަށް ޖާޔާ ބުންޏެވެ.

ބޮލީވުޑް މީހުން މަސްތުވާ އެއްޗިއްސަށް ދެވިހިފާފައި ތިބި ކަމަށް ބުނެ ބީޖޭޕީގެ ޕާލަމެންޓް މެންބަރު އަދި އެކްޓަރު ރަވީ ކިޝަން ދެއްކި ވާހަކަ ތަކަށް ވެސް ޖާޔާ ޖަވާބު ދިނެވެ. އޭނާ ބުނީ އިންޑަސްޓްރީގައި އުޅޭ މަދު ބަޔަކު ކުރާ ކަމެއްގެ ސަބަބުން އެންމެންގެ ނަން ޚަރާބު ނުކުރެވޭނެ ކަމަށެވެ.

"އިއްޔެ ލޯކް ސަބާގައި ވާހަކަ ދައްކަމުން ޕާލަމެންޓް މެންބަރު އަދި އެކްޓަރު ރަވީ ކިޝަން ދެއްކި ވާހަކައިން އަހަރެން ވަރަށް ލަދުގަނެއްޖެ. ޚުދް އޭނާއަކީ އިންޑަސްޓްރީގެ މީހަކަށް ވެ ހުރެ އެ އިންޑަސްޓްރީ އާ ދެކޮޅަށް އޭނާ ވާހަކަ ދެއްކީތީ. މިއީ ކާ ތައްޓަށް ކުޅުޖެހުން ފަދަ ކަމެއް،" ޖާޔާ ބުންޏެވެ.

ޖާޔާގެ މި ވާހަކަތަކަށް ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކު ތާއީދުކުރި އެވެ. ނަމަވެސް ބަތަލާ ކަންގަނާ ރަނާވަތު ވަނީ ސީދާ ފާޅުގައި ޖާޔާގެ ވާހަކަތަކަށް ސޯޝަލް މީޑިއާގައި ގޮންޖަހާފަ އެވެ.

"ޖާޔާ ޖީ. އަހަރެންނަށް އިންޑަސްޓްރީގައި ދިމާ ގޮތަށް ޓީންއޭޖް އުމުރުގައި ތަޅާ އަނިޔާކޮށް، ޑްރަގް ދީ އަދި ހާނިއްކަ ކުރީ އަމިއްލަ ދަރިފުޅު ޝްވޭތާ އަށް ނަމަވެސް ހަމަ ތިހެން ބުނާނަންތަ. ބުލީކުރުމާއި ބިރުދެއްކުމުގެ އަމަލުތަކެއް އަބީޝެކް އަށް ދިމާވެ އޭނާ އެއް ދުވަހު ދަންޖެހިފައި ހުއްޓާ ފެނިއްޖިއްޔާ ވެސް ހަމަ ތިހެން ބުނެވޭނެތަ. އަހަރެމެންނަށް ވެސް ކޮންމެވެސް ވަރެއްގެ އޯގާތެރިކަމެއް ދައްކަބަލަ،" ޖާޔާ ދެއްކި ވާހަކަތަކަށް ޖަވާބުދިނުމުގެ ގޮތުން ކަންގަނާ ކުރި ޓުވީޓުގައި ބުނެފައި ވެއެވެ.

އިންޑަސްޓްރީއަކީ ކުނިގޮނޑެކޭ އެ އިންޑަސްޓްރީގައި މަސައްކަތްކުރާ ގިނަ ބަޔަކީ ޑްރަގް އެޑިކްޓުންނޭ ކިޔައިގެން ވާހަކަ ދައްކާފައިވަނީ ކަންގަނާ އެވެ. އެހެންވެ ޖާޔާގެ ތަގުރީރުގައި އެވާހަކަތައް ދެއްކުމުން ކަންގަނާ ރުޅިގަދަވެގެން ޖަވާބު ދިނި އެވެ.

ޖާޔާގެ ވާހަކަ ތަކަށް ތާއީދުކޮށް ސޯޝަލް މީޑިއާގައި އެމީހުންގެ ޝުއޫރު ފާޅުކުރި އެކްޓަރުންގެ ތެރޭގައި ފަރްހާން އަޚްތަރު، ތާޕްސީ ޕަންނޫ، ސޯނަމް ކަޕޫރު ފަދަ އެކްޓަރުން ހިމެނެ އެވެ. އަދި ކުރީގެ ބަތަލާ ހެމާ މާލިނީ ވެސް ވަނީ ޖާޔާ ދެއްކި ވާހަކަ އަށް ތާއީދުކޮށްފަ އެވެ.

ޖާޔާގެ ވާހަކަތަކުން ސުޝާންތަށާއި ކަންގަނާ އަށް ތާއީދުކުރާ ގިނަ ބަޔަކު ރުޅިގަދަވެފައިވާތީ މުމްބައިގައި ޖާޔާ ދިރިއުޅޭ ގޭގެ ސެކިއުރިޓީ ވެސް މުމްބައި ފުލުހުން މިހާރު ވަނީ ވަރުގަދަ ކޮށްފަ އެވެ.