ސަންތޯޝް ކުމާރު ޔާދަވް އަކީ އިންޑިޔާގެ ބިހާރްގެ ދަރްބަންގާގައި ދިރިއުޅޭ ކުއްޖެކެވެ. ކަލްކަތާގައި އޮތް ނެޝަނަލް އެލިޖިބިލިޓީ ކުމް އެންޓްރެންސް ޓެސްޓް (ނީޓް)ގައި ބައިވެރިވާން މި ކުއްޖާ އަށް ދިގު ދަތުރެއް ކުރަން ޖެހުނެވެ. ސަބަބަކީ އެ ދެ ރަށުގެ ދެމެދުގައި 700 ކިލޯމީޓަރުގެ ދުރު ރާސްތާއެއް އޮތީމަ އެވެ.
މި ކުއްޖާއަކީ ވަރަށް އާދައިގެ އާއިލާއަކަށް ނިސްބަތްވާ ކުއްޖަކަށް ވާތީ އިމްތިހާނު އޮތް ދުވަހުގެ އެއް ދުވަސް ކުރިން އޭނާ ބަހުގައި ދަތުރު ފެށި އެވެ. އެގޮތުން ދެ ފަހަރަށް ބަސް ބަދަލުކޮށް 24 ގަޑިއިރު ދުއްވައިގެން އޭނާ އިމްތިހާނު އޮތް ހޯލަށް ދެވުނީ ގަޑިޖެހިގެން 10 މިނިޓް ހިނގި ފަހުންނެވެ.
ކުއްޖާ އެންމެ ހިތްދަތިވީ 10 މިނިޓް ލަސްވެގެން އޭނާ އަށް އިމްތިހާނު ނުދިނީމަ އެވެ. ސެޕްޓެމްބަރު 13 ވަނަ ދުވަހު އޮތް މި އިމްތިހާނުގައި އިންޑިޔާގެ އެކި ކަންކޮޅުތަކުން އެތައް ހާސް ކުދިންނެއް ބައިވެރިވި އެވެ. މިހާ ގިނަ ކުދިން އެއްތަނެއްގައި ބައިތިއްބަން ޖެހޭތީ މި ކުދިންނަށް އިމްތިހާނު ހޯލާ ހަމައަށް ދެވެނީ ވަރަށް ގިނަ ސިއްހީ ގައިޑްލައިންތައް ފުރިހަމަކުރުމަށް ފަހުގަ އެވެ. އެހެންވެ ކޮންމެ ކުއްޖަކަށް ވެސް ދިގު ކިއުގައި ވެސް ވަރަށް ގިނަ ވަގުތު ހޭދަކުރަން ޖެހުނެވެ. އެގޮތުން ސަންތޯޝް އަށް ވެސް މި ހުރިހާ ކަމެއް ފުރިހަމަ ކޮށްފައި އިމްތިހާނު ހޯލަށް ގަޑި ޖެހުމުގެ ކުރިން ނުވަދެވުނީ އެވެ.
"އަހަރެން ވަރަށް އާދޭސް ކުރިން އެމިހުން ކައިރީ. އެކަމު އެމީހުން އަހަރެން ނުވެއްދި. އިމްތިހާނު ފެށެން އޮތީ މެންދުރުފަހު 2.00 ގައި. އަހަންނަށް އެހިސާބަށް ދެވުނުއިރު 1.40 ވެއްޖެ. އެންމެ ލަސްވެގެން ވެސް 1.30 ގެ ކުރިން އެތަނުގައި ހުންނަން ޖެހޭ. އެހެންވެ އަހަރެން 10 މިނިޓް ލަސްވީމަ ނުވެއްދީ. އިމްތިހާނު ނުހެދުނީމަ އަހަންނަށް އެއް އަހަރު ވަނީ ގެއްލިފައި،" ޔާދަވް ބުންޏެވެ.
އޭނާ ބުނި ގޮތުގައި އޭނާ ލަސްވީ އޭނާ ދަތުރުކުރި ބަސް ޓްރެފިކްގައި ޖެހި އަށް ގަޑިއެއްހާއިރު ނުދުއްވި އޮތީމަ ކަމަށެވެ. އެންމެ ފަހުން އޭނާ ބަހުން ފައިބައިގެން ޓެކްސީއެއްގައި ދަތުރުގެ ބާކީ އޮތް ބައި ކަޑައްތު ކޮށްފައި އިމްތިހާނު ހޯލަށް އައީ ކަމަށެވެ. ނަމަވެސް އެވަރުން ވެސް އޭނާ ގަޑިޖެހި އިމްތިހާނު ލިބޭ ގޮތް ނުވުމުން މި ކުއްޖާ ހުރީ ވަރަށް ދެރަވެފަ އެވެ.
ޔާދްވް ނޫނަސް ވަރަށް ގިނަ ކުދިންނަށް މި މައްސަލަ ދިމާވެ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ މި ޝަކުވާ ކުރަމުންނެވެ. ބައެއް ކުދިން ވަރަށް ގިނަ ފައިސާ ޚަރަދުކޮށްގެން އިމްތިހާނު ހޯލަށް ހާޒިރުވެފައި ވެއެވެ. ނަމަވެސް އެހާ ފައިސާ ނެތް މީހުންނަށް މިފަދަ ފުރުސަތެއް ވެސް ނުލިބި އަހަރެއް ބޭކާރުވީ އެވެ.
ނީޓް ކަހަލަ އިންޑިޔާގައި އާއްމުކޮށްކޮށް ބާއްވާ ބޮޑެތި ބައެއް އިމްތިހާނުތައް ފަސްކުރަން ސުޕްރީމް ކޯޓު އަމުރަށް ބަޔަކު އެދުނެވެ. ނަމަވެސް އިމްތިހާނުތައް ފަސް ކުރުމުގެ އަމުރެއް ނެރެން އެ ކޯޓުން ދެކޮޅު ހެދުމުގެ ސަބަބުން އިމްތިހާނު ބޭއްވީ އެވެ.