ބާސެލޯނާ

މެޗުގައި ކޫމަންއަށް ބެންޗުން ޖާގަ ނުލިބިދާނެ

ލަލީގާގައި، ބާސެލޯނާ ކުޅޭ ފުރަތަމަ މެޗުގައި ޓީމުގެ އާ ކޯޗް ރޮނަލްޑް ކޫމަންއަށް ބެންޗުގައި ނުހުރެވިދާނެ ކަމަށް ބެލެވެން ފަށައިފި އެވެ.

ޗެމްޕިއަންސް ލީގް ކްއާޓާ ފައިނަލުގައި ބާސާ ވާދަ ކޮށްފައި ވުމުން، މިހާރު ފަށާފައިވާ ލަލީގާގައި ބާސާގެ ފުރަތަމަ މެޗު އޮންނާނީ މެޗު ޝެޑިއުލްގެ ތިން ވަނަ ބުރުގަ އެވެ. ކޭމްޕްނޯ ގައި ވިޔަރެއާލްއާ ދެކޮޅަށް ކުޅޭ މެޗުގައި ކޫމަންއަށް ބެންޗުގައި ހުރެވިދާނެ ކަމާމެދު ވަނީ ސުވާލު އުފެދިފަ އެވެ.

ކޫމަންގެ ކޯޗް ކަމުގެ ދަށުން ބާސާއިން ވަނީ މިހާތަނަށް އެކުވެރި ކަމުގެ ދެ މެޗު ކުޅެފަ އެވެ. އެހެން ނަމަވެސް ލަލީގާގެ ފުރަތަމަ މެޗުގައި ކޫމަންއަށް ބެންޗުގައި ހުރެވިދާނެ ކަމާމެދު ސުވާލު އުފެދިފައި ވަނީ، ބާސާގެ ކުރީގެ ކޯޗް ކީކޭ ސެޓިއެން މަގާމުން ވަކި ކުރިއިރު ރަސްމީ ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރެވިފައި ނުވުމުންނެވެ.

ކޯޗްކަމުން ސެޓިއެން ވަކި ކުރި ނަމަވެސް، ކޮންޓްރެކްޓް ބާތިލު ކުރުމަށް ސެޓިއެން އާއެކު ވެވުނު މުއާމަލާތުގެ ތަފްސީލެއް ސްޕެއިންގެ އެފްއޭގައި ފެންނާކަށް ނެތެވެ. އެހެންވެ ކޯޗެއްގެ ގޮތުގައި ކޫމަންގެ ނަން ރަޖިސްޓްރީ ކުރުމުގެ މަރުހަލާ އޮތީ ކުރިއަށް ނުގޮހެވެ. އެ މަރުހަލާ ފަށާނީ ސެޓިއެންގެ އެއްބަސްވުން ބާތިލު ކުރުމުގެ މަރުހަލާގެ ތަފްސީލުތައް ބާސާއިން ހުށަހެޅުމުންނެވެ.

ކޫމަންގެ އިރޫޝާދުގެ ދަށުން، އެކުވެރި ކަމުގެ މެޗުގައި ރޭ ބާސާއިން ކުޅުނީ ޖިރޯނާ އާ ދެކޮޅަށެވެ. ކެޕްޓަން ލިއޮނެލް މެސީ އާއި ފިލިޕޭ ކުޓީނިއޮ ލަނޑުތައް ކާމިޔާބު ކުރި މެޗުގައި ބާސާގެ ޓީމުން ޕޮޒިޓިވް ގިނަ ކަންތައްތަކެއް ފާހަގަ ވި އެވެ.