ޓޫރިޒަމް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އައިޝަތު ސޫޒަން ހަނީފު އެ މަގާމުން ސަސްޕެންޑް ކޮށްފި އެވެ.
އޭނާ ސަސްޕެންޑް ކޮށްފައި ވާކަން ޓޫރިޒަމް މިނިސްޓްރީއާ ސިވިލްސާވިސް ކޮމިޝަން (ސީއެސްސީ) އިން ވަނީ ޔަގީންކޮށްދީފަ އެވެ. ސޫޒަން ސަސްޕެންޑްކޮށްފައި ވަނީ އޭނާއާ ގުޅޭ ގިނަ ޝަކުވާތަކެއް ހިމެނޭ ސިޓީއެއް ސީއެސްސީއަށް ހުށައަޅާފައި ވަނިކޮށެވެ. ޓޫރިޒަމް މިނިސްޓްރީގެ ގިނަ މުވައްޒިފުންތަކެއް ސޮއިކޮށް ހުށައަޅާފައިވާ އެ ސިޓީގައި ސޫޒަންގެ ގާބިލް ކަމާމެދު ސުވާލު އުފައްދާ އޭނާ އެ މަގާމުން ވަކިކޮށް ދިނުމަށް އެދިފައި ވެއެވެ.
ސީއެސްސީން ބުނީ ޓޫރިޒަމްގެ ޕީއެސް މަގާމުން ސަސްޕެންޑްކޮށްފައި ވަނީ މަސް ދުވަހުގެ މުއްދަތަށް މުސާރަ ހިނގާ ގޮތަށް ކަމަށެވެ. އަދި ސޫޒަން އާ ގުޅުންހުރި ދެ ކަމެއް އެ ކޮމިޝަނުން ބަލަމުންދާ ކަމަށެވެ. އެއީ މުވައްޒިފުން ހުށައަޅާފައިވާ ސިޓީއާއި ކޮވިޑް-19 އާއި ގުޅިގެން އެ މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކުގައި ހަދާފައިވާ ގޯސްތަކާއި ގުޅުންހުރި މައްސަލަތަކެވެ.
ޓޫރިޒަމްގެ މުވައްޒިފުން ސީއެސްސީއަށް ހުށައަޅާފައިވާ ސިޓީގައި މުވައްޒިފުންގެ ހައްގުތަކަށް ސޫޒަން އިހުމާލުވެފައިވާ ކަަމަށާ އަދި މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އޭނާ ފެއިލްވެފައިވާ ކަަަމަށް ބުނެފައިވެއެެ.
ޓޫރިޒަމް މިނިސްޓްރީގެ މެންޑޭޓާ ނުގުޅޭ ބޮޑެތި ހަރަދުތަކެއް އެ މިނިސްޓްރީން ކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ކޮމްޕްލަޔަންސް އޮޑިޓްގައި ބުނެފައި ވާތީ އެކަމާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަމަށް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވެސް ވަނީ ވިދާޅުވެފައެވެ.
ކޮވިޑް-19 އާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ކުރި ހަރަދުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ މިނިސްޓްރީގެ މެންޑޭޓާ ނުގުޅޭ ބޮޑެތި ހަރަދުތަކެއް ކޮށްފައިވާ ކަމަށެވެ. އަދި ޓްރަސްޓް ފަންޑުން ކޮވިޑް-19 އާ ގުޅޭ ކަންކަމަށް ހަަރަދު ކުރަން ބަޖެޓެއް ކަނޑައެޅުމުގެ ކުރިން މުއާމަލާތްތައް ވެސް ހިންގާފައިވާ ކަމަށެވެ.
އެގޮތުން ވަކިވަކި ކަންކަމަށް ހަރަދު ކުރާނެ ފައިސާ އަދަދު ކޮމެޓީން ފާސް ކޮށްފައި ނުވާ ކަމަށް ބުނެފައި ވެއެވެ. ކޮވިޑްގެ ތެރޭގައި އެ މިނިސްޓްރީން އެކި ކަންކަމަށް 26،212،727 ރުފިޔާ ހަރަދު ކޮށްފައި ވެއެވެ.
ގޯސްތަކުގެ ތެރޭ ރާއްޖޭގެ ބައިނަލްއަގްވާމީ އެއާޕޯޓްތަކުގައި ތާމަލް އިމޭޖިން ކެމެރާ ބެއްޓުމާ ގުޅޭ މަޝްރޫއުގެ ތެރެއިން ހަދާފައިވާ ބޮޑެތި ގޯސްތައް ވަނީ ހިމަނާފަ އެވެ.