ލިވަޕޫލް

ބަޔާން ދޫކޮށް ތިއާގޯ ލިވަޕޫލަށް

ބަޔާން މިޔުނިކް މިޑްފީލްޑާ ތިއާގޯ އަލްކަންޓަރާ ލިވަޕޫލަށް ވިއްކާލުމަށް ދެ ކުލަބުގެ ދެމެދުގައި އެއްބަސްވުމަކަށް އަތުވެއްޖެ އެވެ.

ބަޔާންގެ ކޮންޓްރެކްޓްގައި ބާކީ އެއް އަހަރު އޮއްވައި، ތިއާގޯ ވިއްކާލުމަށް ބަޔާންއިން އެއްބަސްވީ 30 މިލިއަން ޔޫރޯ އަށެވެ. ޓީމުގެ މިޑްފީލްޑަރު ވަރުގަދަ ކުރުމަށް ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް ބޭނުންވާ ކުޅުންތެރިޔަކީ ސްޕެއިންގެ ގައުމީ ޓީމުގެ މިޑްފީލްޑަރެވެ.

ބާސެލޯނާގެ ޔޫތު ސިސްޓަމުން ރެކްރޫޓް ވެގެން އައި ތިއާގޯ ގެނައުމަށް މެންޗެސްތާ ޔުނައިޓެޑުންވެސް ވާހަކަ ދެއްކި އެވެ. އެހެންނަމަވެސް ޔުނައިޓެޑާއި ބަޔާން އާ ދެމެދު އެއްބަސްވުމަކަށް އާދެވޭ ހިސާބަށް ދެވިފައެއް ނުވެ އެވެ. ޔުނައިޓެޑުން ވަނީ އަޔެކްސްގެ މިޑްފީލްޑާ ޑޮނީ ވެންޑެބީކް އެ ޓީމަށް ސޮއި ކުރުވާފަ އެވެ.

ތިއާގޯ،29 އާއެކު ލިވަޕޫލުން ހަތަރު އަހަރުގެ އެއްބަަސްވުމެއްގައި ސޮއި ކުރާނެ ކަމަށް ބެލެވެ އެވެ. ކުރިން ވާހަކަ ދެކެވިފައި އޮތީ ލިވަޕޫލްގެ ހޮލެންޑްގެ މިޑްފީލްޑާ ޖޯޖީނިއޯ ވައިނަލްޑަން ބާސާއަށް ވިއްކާލުމަށް ފަހު ތިއާގޯ ގެންނަ ގޮތަށެވެ. އެހެންނަމަވެސް ބާސާއިން ޓްރާންސްފާގައި އިތުރު ކުޅުންތެރިޔަކަށް ހޭދަ ކުރާނެ ކަމަކަށް ނުބެލެވެ އެވެ. ބާސާގެ ކޯޗް ރޮނަލްޑް ކޫމަން މިހަފުތާގައި ބުނެފައި ވަނީ ސީޒަން ކުރިއަށް ދާނީ މިހާރު އޮތް ޓީމާއެކު ކަމަށެވެ.