ހަބަރު

ހަތަރު ރަށެއްގެ ސިއްހީ މަރުކަޒު މަރާމާތު ކުރަން ހަވާލުކޮށްފި

ހަތަރު ރަށެއްގެ ސިއްހީ މަރުކަޒު މަރާމާތުކޮށް ޖާގަ ބޮޑުކުރަން ހަތަރު ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

މިއަދު ހެލްތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މަސައްކަތުގެ އެއްބަސްވުންތަކުގައި ސޮއިކުރީ ބ. ތުޅާދޫ، އއ. ހިމަންދޫ، އަދި ރ. އަނގޮޅިތީމުގެ ސިއްހީ މަރުކަޒު މަރާމާތުކުރުމަށާއި އަދި އދ. އަތޮޅު ހޮސްޕިޓަލްގެ ތިންބުރީ އިމާރާތުގައި ނުނިމި ހުރި ކޮންސްޓްރަކްޝަން މަސައްކަތް ނިންމުމަށެވެ. އަދި މިމަސައްކަތްތަށް ހަތަރު ކުންފުންޏަކާ ހަވާލު ކުރީ ދައުލަތުގެ ބަޖެޓުން ނުވަމިލިޔަނަށްވުރެ ގިނަ ރުފިޔާ ހަރަދު ކުރާ ގޮތަށެވެ.

އެގޮތުން ތުޅާދޫ ސިއްހީ މަރުކަޒު އިމާރާތް ކުރުމަށް 1،097،000ރ ހޭދަވާއިރު އެމަސައްކަތް ހަވާލު ކުރީ ހަވާ ވުޑް ވޯކްސް ޕްރައިވެޓް ލިމިޓެޑާއެވެ. އެގްރިމަންޓުގައިވާ ގޮތުން މިމަސައްކަތް 67 ދުވަސް ތެރޭގައި ނިންމަން ޖެހެއެވެ.

އަނގޮޅިތީމުގެ ސިއްހީ މަރުކަޒު އިމާރާތް ކުރުމަށް ޕްރޮޕް ޕްރައިވެޓް ލިމިޓަޑާއި ހަވާލުކޮށްފައިވާ އިރު އެމަސައްކަތަށް 3،113،751ރ. ހަރަދުވެއެވެ. މިމަސައްކަތް ކުރުމަށް 185 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.

ހިމަންދޫ ސިއްހީ މަރުކަޒު ބޮޑު ކުރުމަށް 3،154،694ރ ހަރަދުވާ އިރު އެމަސައްކަތް ހަވާލު ކުރީ ކްރިސްޓަލް ސޭންޑީ މޯލްޑިވްސް އާ އެވެ. އަދި މިމަސައްކަތް ތެރެއިން އޮފީހުގެ ބައެއް ހެދުމާއި ލޭބަ ރޫމް ތަކެއް އެޅުމަށް ހަމަޖެހިފައިވާ އިރު މަސައްކަތް 150 ތެރޭގައި ނިންމަން ޖެހެއެވެ.

މީގެއިތުރުން އދ. އަތޮޅު ހޮސްޕިޓަލުގެ ތިންބުރީ އިމާރާތުގައި ހަނދަންފަށައި ނުނިމި ހުރި ބައެއް ކޮންސްޓްރަކްޝަން މަސައްކަތް ނިންމުމަށް ހަވާލު ކުރީ ޔުމަން ކޮންސްޓްރަކްޝަން ޕްރައިވެޓްލިމިޓެޑާއެވެ. އެއީ 105 ދުވަސް ތެރޭގައި މަސައްކަތް ނިންމާށެވެ. މަސައްކަތުގެ އަގަކީ 2،267،128ރ. އެވެ.

ސަރުކާރުން އެކި އަތޮޅުތެރޭ ރައްރަށުގެ ސިއްހީ ފެންވަރު ރަނގަޅުކުރުމަށް މިހާތަނަށް މިއަހަރު ތެރޭގައި 98 ޕްރޮޖެކްޓެއް ހިނގާފައިވެއެވެ. އަދި 48 ޕްރޮޖެކްޓެއް މިހާރު ކުރިޔަށްދެ އެވެ.