ދުނިޔެ

އީޔޫން ސައުދީއަށް ހަތިޔާރު ވިއްކުން މަދުކުރުމަށް ގޮވާލައިފި

ސައުދީ އަރަބިއްޔާއަށް ހަތިޔާރު ވިއްކުން މަދުކުރަން ފިޔަވަޅުތައް އަޅަން ޔޫރަޕިއަން ޔޫނިއަންގެ މެމްބަރު ގައުމުތަކަށް
ޔޫރަޕިއަން ޕާލަމެންޓުން ގޮވާލައިފި އެވެ. މިގޮތަށް ގޮވާލީ ސަައުދީގެ ނޫސްވެރިއާ ޖަމާލް ހަޝޯގީ މަރާލި މައްސަލަ އާއި ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުންނެވެ.

އިއްޔެ އީޔޫން ނެރުނު ހަތިޔާރު އެކްސްޕޯޓު ކުރުމާބެހޭ ރިޕޯޓުގައި ގޮވާލާފައި ވަނީ މެމްބަރު ހުރިހާ ގައުމުތަކުން ސައުދީ އަރަބިއްޔާއަށް ހަތިޔާރު ވިއްކުން މަދު ކުރުމަށެވެ. އަދި ނަމޫނާ އެއްގެ ގޮތުގައި ޖަރުމަނާއި ފިންލޭންޑާއި ޑެންމާކް ނެގުމަށެވެ. މި ތިން ގައުމުން ވަނީ ނޫސްވެރިއާ ޖަމާލް ހަޝޯގީ މަރާލި މައްސަލައިގައި ސައުދީއަށް ހަތިޔާރު ވިއްކުން މަދު ކޮށްފަ އެވެ.

އީޔޫގެ ރިޕޯޓުގައި އިތުރަށް ބުނެފައި ވަނީ އިީޔޫ ގައި ބާކީތިބި ގައުމުތަކުން ވެސް ސައުދީއަށް ހަތިޔާރު ވިއްކުން މަދުކުރަންޖެހޭ ކަމަށެވެ. އެއީ ޔަމަންގެ ހަނގުރާމައިގައި އިތުރު ބަޔަކު ހާލުގައި ޖެހުނު ނުދިނުމަށެވެ.

ސައުދީ އާއި ޔޫއޭއީ އަދި ސައުދީ ކޯލިޝަނުގައި ހިމެނޭ އެހެނިހެން ގައުމު ތަކަށް އެކްސްޕޯޓް ކުރާ ހަތިޔާރު ބޭނުން ކުރަނީ ޔަމަން ގައި ހިނގަމުންދާ ހަނގުރާމައަށް ކަމަށާއި ޔަމަނަކީ އިންސާނީ އެހީ އާއި ހިމާޔަތް ބޭނުން ވެފައިވާ 22 މިލިއަން މީހުން ތިބި ގައުމެއްކަމުގައި ވެސް އީޔޫ ގެ ބަޔާނުގައި ބުނެފައި ވެއެވެ.

ޖަމާލު ހަޝޯގީ ގެއްލުމާއިބެހޭ ގޮތުން ތަފާތު ގޮތްގޮތައް ވާހަކަ ދެއްކުމަށްފަހު ސައުދީން ތުރުކީ ގައި ހުންނަ ސައުދީ އެމްބެސީ ތެރޭގައި ވަރަށް އަނިޔާވެރިކޮށް އޭނަ މަރާލާފައިވާ ކަމަށް އެއްބަސް ވެފައި ވެއެވެ. އަނެއްކޮޅުން ޔަމަން ގައި ހިނގަމުންދާ ހަނގުރާމައިގައި އެތައް ހާސް ބަޔަކު ވަނީ މަރުވެފަ އެވެ. މިކަމުގެ ސަބަބުން ޔަމަން ވެފައިވަނީ ދުނިޔޭގައި މިވަގުތު އިންސާނީ އެންމެ ބޮޑު މުސީބާތެއް ދިމާވެފައިވާ އެއް ގައުމަށެވެ.