ރެއާ ޗަކްރަބަތީ

ރޭކާ އާއި ރިއާގެ ތަޖުރިބާ ވަރަށް އެއްގޮތް

ސުޝާންތު ސިންގް ރާޖްޕޫތުގެ މަރާ ގުޅިގެން އެންމެ ގިނަ ބަޔަކު އެމީހެއްގެ އަބުރު ކަތިލަމުންދާ މީހަކީ ސުޝާންތު މަރުވި އިރު ރައްޓެހިވެގެން އުޅުނު ރިއާ ޗަކްރަބަތީ އެވެ. އިންޑިޔާގެ ޓީވީ ޗެނަލްތަކުންނާއި ނޫސްތަކުން 24 ގަޑިއިރު މިހާރު ކުރާ ކަމަކީ ރިއާގެ ގޯސް ވާހަކަތައް ހޯދައިގެން އޭނާ ބަދުނާމު ކުރުމެވެ.

ސުޝާންތުގެ މަރުގެ މައްސަލައިގައި ރިއާގެ ދައުރަކީ ކޮބައިކަމާއި އޭނާ މިކަމުގައި ކުށްވެރިވޭތޯ ނިންމުމަކީ އިންޑިޔާގެ ސީބީއައި އާއި ކޯޓު ތަކުގެ ޒިންމާއެކެވެ. ނަމަވެސް ޓީވީ ޗެނަލްތަކުން ކެނޑިނޭޅި މި މަސައްކަތް ދަނީ ކުރަމުންނެވެ. މިކަމާ ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކު ވެސް ވަނީ ނުރުހި ވަރަށް ގިނަ މީހުން މިގޮތަށް ޓީވީ ޗެނަލްތަކުން ރިއާގެ ޝަރީއަތްކުރާތާ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފައި ވެއެވެ.

ކޮންމެއަކަސް ރިއާ އަށް މިހާރު މި ކުރިމަތިވެގެން އުޅޭ މައްސަލައަކީ މީގެ އެތައް އަހަރެއް ކުރިން ބަތަލާ ރޭކާއަށް ވެސް ކުރިމަތިވީ ފަދަ ކަންތައްތަކެކެވެ.

ރޭކާގެ ފިރިމީހާ މުކޭޝް އަގަރްވާލް 1990 ވަނަ އަހަރު އަމިއްލަ އަށް މަރުވުމުން ރޭކާއަށް ވެސް މީޑިއާއިން ހަމަ މިފަދަ ކަންތައްތަކެއް ތަޖުރިބާކުރަން ޖެހުނެވެ. ރޭކާ އަކީ "ރޮލާ ފިރިހެނުން ކާ" މީހެއްގެ ގޮތުގައި އޭރު އިންޑިޔާގެ މީޑިއަ ތަކުން ސިފަ ކުރި އެވެ.

ލިޔުންތެރިޔާ ޔާސިރް އުސްމާން ލިޔެފައިވާ ރޭކާގެ ބައޮގްރަފީ "ރޭކާ: ދި އަންޓޯލްޑް ސްޓޯރީ" ގައި މި ވާހަކަތައް ވަރަށް ތަފްސީލުކޮށް ރޭކާ ހާމަކޮށްފައި ވެއެވެ. ފިރިމީހާ އަމިއްލައަށް މަރުވުމުން އެކަމުގެ ޒިންމާ އޭނާގެ ބޮލުގައި އަޅުވައި އޭނާ ބަދުނާމު ކުރަން މީޑިއާތަކުން ކުރި މަސައްކަތާއި އެކަމުގެ ސަބަބުން އޭނާއަށް ކުރި ހިތްދަތި އަސަރުތައް ރޭކާ އަސަރާއެކު އެ ފޮތުގައި ކިޔައިދީފައި ވެއެވެ.

ރޭކާގެ ފިރިމީހާގެ މައިންބަފައިންނާއި އާއިލާގެ މީހުން އޭނާއަށް "ހަންޑި" އޭ ކިޔާ މުޚާތަބު ކުރަމުން ދިޔަ ކަމަށާއި ފިލްމު އިންޑަސްޓްރީގައި އޭރު ރޭކާ އާއެކު މަސައްކަތްކުރި ވަރަށް ގިނަ މީހުން ވެސް އޭނާއަށް މަލާމާތްކޮށް ފުރައްސާރަ ކުރިކަމަށް ރޭކާ ބުނެފައި ވެއެވެ.

ޑައިރެކްޓަރު ސުބާޝް ގާއީ އެ ދުވަސްވަރު ރޭކާއާ ދިމާލަށް އޭނާއަކީ ފިލްމު އިންޑަސްޓްރީގައި ޖެހުނު ލައްގަނޑެއް ކަމަށް ބުނެފައި ވެއެވެ. އަދި އެކްޓަރު އަނޫޕަމް ކޭރް ވެސް ރޭކާއަށް މަލާމާތްކޮށް އޭނާއަކީ "ނެޝަނަލް ވޭމްޕް" އެއް ކަމަށް ބުނެފައި ވެއެވެ.

"ރޭކާ ފިރިމީހާ މުކޭޝް 1990 ގެ އޮކްޓޯބަރު ދެވަނަ ދުވަހު އަމިއްލައަށް މަރުވީ އެވެ. އޭނާ މަރުވެފައި ހުރީ އެ ދެމަފިރިން ނިދާ ކޮޓަރީގެ ފަންކާގައި ރޭކާގެ ދޯޕައްޓާއަކުން ދަން ޖެހިގެންނެވެ. މަރުވި ދުވަހު ވެސް މުކޭޝް އުޅެފައި ވަނީ ވަރަށް އުފާވެރި މީހެއް އުޅޭ ގޮތަށް ކަމަށް ޚުދް އޭނާގެ ބޭބެ އަނިލް ވެސް ބުނެފައި ވެއެވެ،" ރޭކާގެ ބައޮގްރަފީގެ ސަފުހާއެއްގައި ވެއެވެ.

"ރޭކާ އަށް މުކޭޝް އަކީ ވަރަށް ބޮޑަށް ޑިޕްރެޝަންގެ މައްސަލަ ހުންނަ މީހެއް ކަން އެނގުނީ ކައިވެނީގެ ފަހުންނެވެ. އެހެންކަމުން އޭނާގެ ޑިޕްރެޝަންގެ މައްސަލަ ގޯސްވެގެން އަމިއްލައަށް މަރުވިޔަސް ރޭކާއަށް އޭގެ ބަދުނާމު ލިބެންވީ ސަބަބެއް ނުވިސްނެ އެވެ. ނަމަވެސް މުކޭޝްގެ މަރާ ގުޅިގެން އެ މަރުގެ ޒިންމާ މީޑިއާއިން އެޅުވީ ރޭކާގެ ބޮލުގަ އެވެ.

"އޭނާއަކީ 'ރޮލާ ފިރިހެނުން ކާ' މީހެއްގެ ގޮތުގައި މީޑިއާތަކުން ސިފަ ކުރި އެވެ. 'އެ ހަންޑި މަގޭ ދަރި ކާލީ' މިއީ ރޭކާގެ މަންމަ ބުނިކަމަށް ނޫސްތަކުގެ ފަލަ ސުރުޚީގައި އޭރު ލިޔުނު ވާހަކަ ތަކެވެ." ފޮތުގައި އިތުރު ތަފްސީލު ދެމުން ލިޔެފައި ވެއެވެ.

އޭގެ ފަހުން ފާއިތުވީ ދުވަސް ތަކަކީ ރޭކާއަށް އެއްގޮތަކަށް ވެސް ގޭން ބޭރަށް ބޯ ވެސް ދިއްކޮށްލަން ނުކެރޭ ވަރު ކޮށްލި ދުވަސްވަރެކެވެ. ނަމަވެސް މުކޭޝްގެ ވާހަކަ ނިމިގެން ދިޔައިރު ރޭކާ ކުށްވެރިވާނެ އެއްވެސް ތަންކޮޅެއް އެއްވެސް މީހަކަށް ނުދެއްކުނެވެ. ކަމުގެ ހަގީގަތަކީ ކޮބައިކަމެއް ނޭނގެ އެވެ. ނަމަވެސް މައްސަލަ ތަހުގީގުކުރި ފަރާތްތަކަށް ރޭކާގެ ކުށެއް ނުދެއްކުނެވެ. އަދި އެއްވެސް ކޯޓަކުން ވެސް ރޭކާ އަށް ހުކުމެއް އައިސްފައެއް ނެތެވެ.

އެއީ 1990 އެވެ. މިއީ 2020 އެވެ. މި ދެމެދުގައި ބަރާބަރު 30 އަހަރު ވަނީ ފާއިތުވެފަ އެވެ. ތިރީސް އަހަރު ފަހުން އަނެއްކާވެސް ފެންމަތިވެފައި ވަނީ ހަމަ ރޭކާ އަށް ދިމާވި ކަހަލަ ކަމެކެވެ. މިފަހަރު އަނެއްކާވެސް މީހުންގެ މަލާމާތާއި ފުރައްސާރައިގެ ޝިކާރައަކަށް ވެފައިވަނީ ޒުވާން ބަތަލާ އެކެވެ. ރިއާ ޗަކުރަބަތީ އެވެ.