ފިނިޕޭޖް

ރަންބީރު-ޝްރައްދާ ފިލްމުގެ ޝޫޓިން ނޮވެމްބަރުގައި

"ޝަމްޝޭރާ" ގެ ޝޫޓިން ރަންބީރު ކަޕޫރު މިހާރު ވަނީ ނިންމާލާފަ އެވެ. ސަންޖޭ ދަތާއެކު އޭނާ ކުޅޭ މި ފިލްމު ނުނިމި އޮތީ ލޮކްޑައުންގެ ސަބަބުންނެވެ. ނަމަވެސް ސަންޖޭ ކެންސަރުގެ ފަރުވާ އަލުން ފެށުމުގެ ކުރިން ފިލްމު ނިންމަން ބޭނުންވެގެން ވަރަށް އަވަސް ކޮށްލާފައި މިހާރު ވަނީ މި ފިލްމުގެ ޝޫޓިންތައް ނިންމާފަ އެވެ.

ރަންބީރު ދެން ކުޅެމުން ދިޔައީ "ބްރަހްމަޝްތުރާ" އެވެ. ހަގީގީ ލޯބިވެރިޔާ އާލިއާ ބަޓް އާއި އަމީތާބު ބައްޗަން އަދިވެސް ވަރަށް ގިނަ އެކްޓަރުން ބައިވެރިވާ މި ފިލްމުގެ ޝޫޓިން ފެށިތާ ތިން އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ. ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި އަޔާން މުކަރުޖީ ޑައިރެކްޓް ކުރާ މި ފިލްމުގައި ވެސް ރަންބީރު ކުޅެން ޖެހޭ ބައި މިހާރު ގާތްގަނޑަކަށް ވަނީ ފުރިހަމަ ވެފަ އެވެ. އެޔާއެކު މުޅިން އާ ފިލްމެއްގެ މަސައްކަތް ފެށުމުގެ ފުރުސަތު ރަންބީރަށް ވަނީ ލިބިފަ އެވެ.

އެގޮތުން ރަންބީރު ދެން އެންމެ އަވަހަށް ފަށަން ހަމަޖެހިފައި ވަނީ ޝްރައްދާ ކަޕޫރާއެކު ކުޅޭ ޑައިރެކްޓަރު ލަވް ރަންޖަންގެ ފިލްމެވެ. މި ފިލްމުގެ ޝޫޓިން ނޮވެމްބަރު މަހު މުމްބައިގައި ފަށަން މިހާރު ވަނީ ހަމަޖެހިފަ އެވެ. އެންމެ ކުރިން ޝޫޓިން ބާއްވަން ހަމަޖެހިފައިވަނީ ޓެސްޓް ޝޫޓް ތަކެއް ގޮތަށެވެ. ސިއްހީ ގޮތުން ބަލަން ޖެހޭ ކަންތައްތައް ބަލާ ގައިޑްލައިންތަކަށް އަމަލު ކޮށްގެން ޝޫޓިން ބޭއްވޭނީ ކިހިނެއްތޯ އަޖުމަ ބެލުމުގެ ޝޫޓިން ތަކެކެވެ. އޭގެ ފަހުން އިންޑީޔާއިން ބޭރު ގައުމަކަށް މި ފިލްމު ކުރޫ ގޮސް ފިލްމުގެ ޝޫޓިންގެ ބޮޑު ބައެއް ފުރިހަމަކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މި ފިލްމުގެ ވާހަކަ ބިނާ ކޮށްފައި ވަނީ ސްޕޭނުގައި ހިނގާ ލޯބީގެ ހާދިސާ ތަކަކަށެވެ. މި މަހުގެ ތެރޭގައި ލަވްގެ އޮފީހުގައި ފިލްމުގެ އެންމެ ފަހުގެ ނެރޭޝަން އެކްޓަރުންނަށް ދީ ވަނީ ނިންމާފަ އެވެ. މި ނެރޭޝަންގައި ރަންބީރާއި ޝްރައްދާ ބައިވެރިވެފައި ނިކުންނަނިކޮށް ޕަޕަރާޒީން ފޮޓޯ ނަގާފައި ވެއެވެ.

"ޝްރައްދާ މި ފިލްމުގައި ކުޅެނީ ވެއިޓަރެއްގެ ބައި. ރަންބީރު ކުޅެނީ ލޯބިން ގޮސް ހަލާކުވެފައި ހުންނަ ފިރިހެން ކުއްޖެއްގެ ރޯލު،" ފިލްމާ ގުޅޭ މައުލޫމާތު ދިން މީހަކު އިންޑިޔާގެ ނޫހަކަށް ބުނެފައި ވެއެވެ.

ނޮވެމްބަރުމަހު ފިލްމު ފަށައި އަންނަ އަހަރުގެ އޭޕްރީލް މަސް ނިމުމުގެ ކުރިން ފިލްމުގެ މަސައްކަތް މުޅިން ނިންމާލަން ވަނީ ހަމަޖެހިފަ އެވެ.

"ކޮރޯނާވައިރަހުގެ ބަލިމަޑުކަމެއް ދުނިޔެއަށް ފެތުރިފައިވާތީ ޔަގީންކަމާއެކު އެއްވެސް ޝޫޓިންގެއް މިވެނި ދުވަހަކަށް ނިންމާލެވޭނޭ ބުނާކަށް ނޭނގޭނެ. ނަމަވެސް މިހާރު ރާވާފައި އޮތީ އެޕްރީލް މަސް ނިމުމުގެ ކުރިން ޝޫޓިން ފުރިހަމަ ކުރަން،" ފިލްމާ ގުޅޭ މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.

މިއީ ރޮމެންޓިކް ކޮމެޑީ އަކަށް ވާތީ ރަންބީރުގެ "ޝަމްޝޭރާ" އާއި "ބްރަހްމަޝްތުރާ" ގޮތަށް މާ ގިނަ ދުވަސް ޝޫޓިންގް އަކަށް ނުނަގާނެ އެވެ. އޭޕްރީލްގައި ލަވް ރަންޖަންގެ ފިލްމު ނިންމުމަށްފަހު މުޅިން އާ އިތުރު ފިލްމެއްގެ މަސައްކަތް ރަންބީރު ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.