ބާސެލޯނާ

ބާޓޮމެއުގެ އިތުބާރު ނެތްކަމަށް ސޮއި ހަމަކޮށްފި

ބާސެލޯނާގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއުގެ އިތުރުބާރު ނެތް ކަމުގެ ވޯޓަށް ސޮއި ހަމަ ކުރުމަށް ފަހު މައްސަލަ ހުށަހަޅައިފި އެވެ.

"ކޯ ބަލައުގްރާނާ" ގެ ނަމުގައި ހަރަކާތްތެރިވާ މޫވްމެންޓުން ވަނީ އިތުބާރު ނެތް ކަމުގެ މައްސަލަ ވެއްދުމަށް ޖުލައި މަހު ކެމްޕޭނެއް ހިންގާފަ އެވެ. ވޯޓް ނެގުމަށް ބޭނުން ވާ އެންމެ މަދު އަދަދަކީ 15 ޕަސަންޓް މެންބަރުގެ ސޮއެވެ. އެއިީ 16،521 މެންބަރުންގެ ސޮއެވެ.

ސޮއި ހަމަ ކުރުމަށް ފަހު، ހުށަހަޅަން ދިން މުއްދަތު މިދިޔަ ބުރާސްފަތި ދުވަހު ހަމަވިއިރު ސަޕޯޓަރުންގެ ގުރޫޕުން މައްސަލަ ވެއްދީ 20،687 މެންބަރުންގެ ސޮޔާ އެކު އެވެ. އިތުބާރު ނެތް ކަމުގެ ވޯޓް ނަގާނީ ނޮވެމްބަރު މަހު އެވެ. ބާޓޮމެއުގެ ކުރިމަގާ ބެހޭގޮތުން އެއްޗެއް ބުނަން އެނގޭނީ ނޮވެމްބަރު މަހު އެވެ. އެ ހާލަތަށް ދާއިރު ވެސް އިސްތިއުފާ ނުދީފިނަމަ، އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް 10 ދުވަހުގެ ތެރޭގައި އިލެކްޓޯރަލް ބޮޑީއެއް އުފައްދަން ޖެހެ އެވެ.

އިލެކްޓޯރަލް ބޮޑީގައި ހިމެނެން ޖެހޭނީ، އިތުބާރު ނެތްކަމުގެ މައްސަލައިގައި އެންމެ ފުރަތަމަ ސޮއި ކޮށްފައިވާ ދެ މެންބަރުން، ކުލަބުގެ ބޯޑުގެ ދެ މެންބަރު އަދި ކަޓަލާން ފުޓްބޯޅަ ފެޑްރޭޝަންގެ މެންބަރެކެވެ. އިތުބާރު ނެތް ކަމުގެ މައްސަލައިގައި އެންމެ ފުރަތަމަ ސޮއި ކޮށްފައި ވަނީ، ބާސާގެ ރައީސް ކަމަށް ކުރިއަށް އޮތް ތަނުގައި ވާދަ ކުރައްވާނެ ކަމަށް އިއުލާން ކޮށްފައިވާ ޖޯޑީ ފާރޭ އެވެ.

އިލެކްޓޯރަލް ބޮޑީގެ ބެލުމުގެ ދަށުން އިތުރު 10 ދުވަހުގެ ތެރޭގައި މައްސަލައިގައި ސޮއި ކޮށްފައިވާ ފަރާތްތަކުގެ ސޮޔަކީ ސައްހަ ސޮއެއްތޯ ބެލަން ޖެހޭނެ އެވެ. އަދި އިތުބާރު ނެތް ކަމުގެ ވޯޓް އިންތިޒާމުތައް ރާވަން ޖެހެ އެވެ. އިތުބާރު ނެތް ކަމަށް ފާސް ވާނީ ބާސާގެ މެންބަރުންގެ ތެރެއިން، ތިން ބައިކުޅަ ދެބައި ވޯޓް ލިބިގެންނެވެ. އެއީ ބާސާގެ 154،000 މެންބަރުންގެ 66.7 ޕަސަންޓެވެ. އިތުބާރު ނެތް ކަމަށް ފާސް ވެއްޖެނަމަ ބާޓޮމެއު އާއި އޭނާގެ ބޯޑު ފަހަތަށް ޖެހި އާ އިންތިހާބެއް ބާއްވަން ޖެހޭނެ އެވެ. އެ އިންތިހާބު އޮންނާނީ ޖަނަވަރީ ނުވަތަ ފެބްރުއަރީގަ އެވެ. ކޮންމެ ފަސް އަހަރަކުން އެއް އަހަރު ބާއްވާ ކުލަބުގެ އިންތިހާބު ބޭއްވުމަށް މާޗް މަހަށް މިހަރުވެސް ވނީ ޝެޑިއުލް ކޮށްފަ އެވެ.

ކޯ ބަލައުގްރާނާގެ ފަރާތުން ވާހަކަ ދެއްކި އޮފިޝަލް ބުނީ، އިންތިހާބުގެ ބޭރުން ކުލަބުގެ ޑިރެކްޓަރުންގެ ބޯޑު ބަދަލު ކުރުމަށް އެއީ އެންމެ ރީތި ގޮތް ނޫންކަން ގަބޫލު ކުރާ ކަމަށާއި އެހެން ނަމަވެސް ކުލަބު މިހާރު ވެއްޓިފައިވާ ހަލާތުން އެ މަސައްކަތް އަވަސް ކުރަން ޖެހޭ ކަމަށެވެ.

"ވޯޓާއިގެން ކުރިއަށް ދިއުން ނޫންގޮތެއް ނެތް،" ކޯ ބަލައުގްރާނާގެ ފަރާތުން ވާހަކަ ދެއްކި ޖޯސެފް މާރިއޯ ކްރެމާޑޯސް ސްޕެއިންގެ ރޭޑިއޯ ސްޓޭޝަނެއް ކަމަށްވާ 'ކެޑަނާ ސޭރު' އަށް ދިން އިންޓަވިއުގައި ބުނެފައި ވެއެވެ. "ކުލަބުގެ ހިންގާ ގޮތާމެދު އަހަރެމެންނަށް ބަލަން އުނދަގޫ އެހެންވެ އަހަރެމެން ބޭނުންވޭ ވީއެންމެ އަވަހަކަށް ބަދަލު ގެންނަން."

ބާސެލޯނާގެ ރައީސް ބާޓޮމެއު ކުލަބު ހިންގާ ގޮތާމެދު ގިނަ ފާޑު ކިޔުންތަކެއް ވަނީ އަމާޒު ވެފަ އެވެ. މިދިޔަ ސީޒަން ހުސް އަތާ ނިންމާލަން ޖެހުމަކީ ބާސާގެ ސަޕޯޓަރުންނަށް ގަބޫލު ކުރަން ފަސޭހަ ކަމަކަށް ނުވި އެވެ. ކެޕްޓަން ލިއޮނެލް މެސީ ޓީމު ދޫކޮށްލަން ބޭނުންވާކަންވެސް އެންގީ ބާޓޮމެއުގެ ބޯޑާ މެދު ހިތްހަމަ ނުޖެހުންތައް ހުރުމުންނެވެ.