ބަޔާން މިއުނިކް

ޝާލްކޭ ކޮޅަށް ބަޔާން އަށް ލަނޑު ޖަހައިފި

ބުންޑެސް ލީގާގެ އާ ސީޒަންގައި ބަޔާން މިޔުނިކް ކުޅުނު ފުރަތަމަ މެޗުގައި 8-0 ން ޝާލްކޭ ބަލި ކޮށްފި އެވެ.

މެޗުގައި ސާޖް ނެބްރީ ވަނީ ހެޓްރިކް ހަދާފަ އެވެ. މި ސީޒަންގައި ބަޔާންއަށް ބަދަލުވެ، ލިރޮއީ ސަނޭ ވެސް ކުޅުނު ފުރަތަމަ މެޗުގައި އޭނާވެސް މޮޅު ކުޅުމެއް ދެއްކި އެވެ. މިދިޔަ ސީޒަންގައި ތިން ތަށި ކާމިޔާބު ކުރި ބަޔާންއިން މެޗު ފެށިގެން ހަތަރު ވަނަ މިނެޓްގައި ޝާލްކޭގެ ގޯލް ހުޅުވައި ތަފާތު ބޮޑުކޮށް މޮޅުވުމަކީ ލީގްގައި ވާދަ ކުރާ އެހެން ޓީމުތަކަށް ދިން އިންޒާރެކެވެ.

ޖަނަވަރީގެ ފަހުން ބުންޑެސް ލީގާގައި މޮޅެއް ހޯދިފައި ނުވާ ޝާލްކޭއަށް މެޗުގައި މާބޮޑު ކަމެއް ނުކުރެވުނެވެ. ބަޔާންއިން އެ ޓީމުގެ ހަލުވި ގޭމް ކުޅެމުން ދިޔައިރު ލިއޯން ގޮރެސްކާއަށް ހަމަލާ އުފެއްދުމަށް ޖާގަ ލިބިގެން ދިޔަ އެވެ. މެޗުގެ 19 ވަނަ މިނެޓްގައި އޭނަ ވަނީ ލީޑް ފުޅާ ކޮށްފަ އެވެ. މިދިޔަ ސީޒަންގެ ޓޮޕް ސްކޯރާ ރޮބަޓް ލެވަންޑޮސްކީ އަށް ވަނީ މެޗުގެ 31 ވަނަ މިނެޓްގައި ޕެނަލްޓީއެއް ލިބިގެން ގޮސްފަ އެވެ. އެ ޕެނލްޓީ ކާމިޔާބު ކޮށް އޭނާ ވަނީ ޖެހިގެން 10 މެޗުގައި ޝާލްކޭ ކޮޅަށް ލަނޑު ޖަހުމުގެ ޓްރެކް ދަމަހައްޓާފަ އެވެ.

ދެ ވަނަ ހާފުގެ ކުރީ ކޮޅު ނެބްރީ ވަނީ ސަނޭ ތަނަވަސް ކޮށްދިން ފުރުސަތުތަކުން އިތުރު ދެ ލަނޑު ކާމިޔާބު ކޮށް ހެޓްރިކް ހަދާފަ އެވެ. އޭގެ 10 މިނެޓް ފަހުން ތޯމަސް މުލާ ލަނޑު ކާމިޔާބު ކުރި އެވެ. ފުރަތަމަ މެޗުގައި ސަނޭ ވަނީ އޭނާގެ ފުރަތަމަ ގޯލް ބަޔާންއަށް ކާމިޔާބު ކޮށްދީފަ އެވެ. އެނާ ލަނޑު ކާމިޔާބު ކުރީ ހޯޝުއާ ކިމިޗް ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.

ބަޔާންގެ އަށް ވަނަ ލަނޑު ކާމިޔާބު ކުރީ ޖަމާލް މުސިއާލާ އެވެ. އުމުރުން 17 އަހަރުގެ މުސިއާލާ ލަނޑު ކާމިޔާބު ކުރުމުން އޭނަ ވެފައި ވަނީ ބުންޑެސް ލީގަގައި ބަޔާންއަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ. އިނގިރޭސި 17 އަހަރުން ދަށުގެ ޓީމުގެ ކުޅުންތެރިޔާ ކުރިން ކުޅުނީ ޗެލްސީގެ ޒުވާން ޓީމަށެވެ. އޭނާ ބަޔާންއަށް ބަދަލުވީ މިދިޔަ އަހަރު އެވެ.

ބަޔާންގެ މޮޅާއެކު އެ ޓީމު ވަނީ މި އަހަރު ބަލި ނުވެ ދަމަހައްޓަމުން އަންނަ ޓްރެކް 31 މެޗަށްއިތުރު ކޮށްފަ އެވެ. އަދި މޮޅުވަމުގެ ޓްރެކް ޖެހިޖެގެން 22 މެޗަށް ގެންގޮސްފަ އެވެ.