ދުނިޔެ

އެބޯލާޖެހުނު ނަރުސްގެ ހާލު ސީރިއަސް

ސިއެރެލިއޯންގައި މަސައްކަތް ކުރަމުން ދަނިކޮށް އެބޯލާ ޖެހުނު ސްކޮޓްލޭންޑް ނަރުސްގެ ސިއްހީ ހާލަތު ސީރިއަސް ވެއްޖެ އެވެ.

އުމުރުން 39 އަހަރުގެ ޕައުލީން ކެފާކީ މިހާރު އޮތީ ލަންޑަންގެ ރޯޔަލް ފްރީ ހޮސްޕިޓަލުގައި ކަރަންޓީނު ކޮށްފައެވެ.

ސިއްހީ ދާއިރާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި އެބޯލާގެ ނިޝާންތައް މުޅިން ފިލައިގެންދާތާ އެތައް މަހެއް ފަހުން ވެސް ހަށިގަނޑުގައި ބަލި މުޅިން ފިލައިގެން ނުގޮސް ހުރެދާނެ އެވެ.

ޕައުލީން އަށް އެބޯލާ ޖެހުނީ މިދިޔަ އަހަރު ޑިސެންބަރުގައެވެ. އޭރު އެބަލީގެ އަސަރުތައް ފިލައި ދިޔުމުން އޭނާ ވަނީ ދޫކޮއްލާފައެވެ. އެހެން ނަމަވެސް އަނެއްކާވެސް އެ ބަލީގެ އަސަރުތައް ފެނުމުން ފަރުވާ ދިނުމައްފަހު ހޮސްޕިޓަލުގައި އޭނާ ކަރަންޓީނު ކުރީއެވެ. ޕައުލީންއަށް ފަރުވާދޭ ޑޮކްޓަރު ވިދާޅުވީ ކުރިން އޭނާގެ ގައިން ފެނުނު ވައިރަސް އަނެއްކާ ވެސް ހަރަކާތްތެރި ވެފައިވާ ކަމަށެވެ.

މި ނަރުހުގެ ކިބައިން އެހެން މީހަކަށް އެބޯލާ ޖެހިފައި ވުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށް ހޮސްޕިޓަލުން ބުނެއެވެ. އެބޯލާ ޖެހިފައި ހުރި މުއްދަތުގައި އޭނާ އާއި ބައްދަލުވެފައިވާ މީހުންގެ ގައިން އެބޯލާގެ އެއްވެސް އަސަރެއް ފެނޭތޯ ސިއްހީ ފަރާތްތަކުން ދަނީ ބަލަމުންނެވެ.