ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ގައްދޫ ކޭސް: ތިން ބިދޭސީއަކު ކަރަންޓީނު ކޮށްފި

ގދ. ގައްދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ ތިން މީހަކު އެކަހެރި ކޮށްފި އެވެ.

ގައްދޫ ކައުންސިލް ރައީސް ރައްޔާން ޖަމާލް މިއަދު ވިދާޅުވީ އެ ރަށު ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވް ވުމާއި ގުޅިގެން އެ ރަށުގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރާ ކަމަށާއި މިހާތަނަށް ތިން ބިދޭސީއަކު އެކަހެރި ކޮށްފައިވާ ކަމަށެވެ.

ރައްޔާން ވިދާޅުވީ އެމީހާ ޕޮޒިޓިވް ވެފައިވާކަން އެނގުނީ 14 ދުވަހުގެ ކަރަންޓީނަށް ފަހު ދޫކޮށްލުމަށް ޓެސްޓު ކުރުމުން ކަމަށެވެ. އަދި އެމީހާ ކަރަންޓީނުގެ އުސޫލުތަކާއި ހިލާފު ނުވާ ކަމަށާއި ނަމަވެސް އެމީހާ ހުރި ގެއަށް ބިދޭސީންނާއި އެހެން މީހުން ވެސް ވަނތް ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"މިހާތަނަށް ކޮންޓެކްޓްވި ކަމަށް ބެލެވޭ ތިން ބިދޭސީއަކު ވާނީ އެކަހެރި ކޮށްފައި. އޭގެ އިތުރަށްވެސް އިތުރު ބަޔަކު އެމީހާ އާއި ބައްދަލުވިތޯ ބަލަމުން މިދަނީ." އޭނާ ބުންޏެވެ.

އާބާދީގައި 3،400 މީހުން ދިރިއުޅޭ ގައްދޫން މިއީ މި ބަލި ފެނުނު ފުރަތަމަ ފަހަރެވެ. ޕޮޒިޓިވް ވެފައިވަނީ އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ މީހާގެ ހާލު ރަނގަޅެވެ.