ބޮލީވުޑް

ޝަކުން ބަޓްރާގެ ފިލްމުގައި ދީޕިކާއާއެކު ދައިރިޔާ ކަރްވާ

ޝަކުން ބަޓްރާ ޑައިރެކްޓްކުރާ އަދި ވަކި ނަމެއް ހަމަނުޖެހޭ ފިލްމު އިއުލާން ކޮށްފައި އޮންނަތާ މިހާރު ދުވަސްކޮޅެއް ވެއްޖެ އެވެ. ފިލްމުގެ ބަތަލާ އަކީ ދީޕިކާ ޕަދުކޯން ކަން ޔަގީން ވެފައިވާއިރު ސިދާންތު ޗަތުރަވޭދީ އާއި އަނަންޔާ ޕާންޑޭ ވެސް ފިލްމުގައި މުހިއްމު ރޯލުތަކެއް ކުޅޭކަން ވަނީ އެނގިފަ އެވެ.

މިއީ މިޒަމާނުގައި އާއިލީ ގުޅުންތައް އޮންނަ ގޮތާ ބެހޭ މައުލޫއަކަށް އުފައްދާ ފިލްމަކަށް ވާތީ ފިލްމު އިއުލާން ކުރީއްސުރެ މި ފިލްމަށް ގިނަ ބައެއްގެ ޝައުގުވެރިކަން ވަނީ ލިބިފަ އެވެ.

މިހާ ދުވަސްވީއިރުވެސް މި ފިލްމުގައި ދީޕިކާ ބައިވެރިޔަކަށް އުޅޭ އެކްޓަރެއް އޮތީ އިއުލާން ނުކޮށެވެ. ނަމަވެސް ދާދިފަހުން ވަނީ މި ރޯލު ދައިރިޔާ ކަރްވާ އަށް ލިބިފައިވާކަމަށް އިންޑީޔާގެ ނޫސްތަކުން ކަށަވަރު ކޮށްދީފަ އެވެ.

ދައިރިޔާ ވަނީ "އުރީ: ދަ ސާޖިކަލް ސްޓްރައިކް"ގައި ވަރަށް ރަނގަޅު ބައެއް އަދާކޮށްފަ އެވެ. އަދި ޑައިރެކްޓަރު ކަބީރް ޚާންގެ ރަންވީރު ސިންގް ލީޑް ރޯލު ކުޅޭ ފިލްމު "83"ގައި ރަވީ ޝާސްތުރީގެ ރޯލު ކުޅެފައިވަނީ ވެސް ދައިރިޔާ އެވެ.

ޝަކުންގެ ފިލްމަކީ ދައިރިޔާ އަށް އޭނާގެ ހުނަރު އެންމެ ފުރިހަމަ ގޮތުގައި ދައްކާލަން ލިބޭ ފުރަތަމަ ފުރުސަތެވެ. ކުރީގެ ފިލްމުތަކުގައި އޭނާއަށް ކުޅެން ލިބިފައިވަނީ ވަރަށް ކުދިކުދި ސައިޑް ރޯލުތައް ކަމަށް ވެފައި މި ފިލްމުގައި ވަރަށް ބޮޑު ރޯލެއް އަދާ އަށް އަދާކުރަން ލިބިފައިވާތީ އެވެ. މި ފިލްމުގެ ޝޫޓިން ފެށުމަށްޓަކައި ހުރިހާ އެކްޓަރުންނާއި ކުރޫން މިހާރު ވަނީ ގޯއާއަށް ގޮއްސަ އެވެ. މި އެންމެންނާއެކު ދައިރިޔާ ވެސް މިހާރު ހުރީ ގޯއާގަ އެވެ.