ލަންޑަން (ޖެނުއަރީ 10) – އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ނިއު ކާސަލް ޔުނައިޓެޑް އަތުން 2-0 އިން ޗެލްސީ މޮޅުވިއިރު، ރަށުން ބޭރުގައި އެވަޓަން އަތުން 1-1 އިން މެންޗެސްޓާ ސިޓީ އެއްވަރުވެއްޖެ އެވެ. މި ނަތީޖާތަކާއެކު، ތާވަލްގެ އެއްވަނައިގައި އޮތް ޗެލްސީން ވަނީ ސިޓީގެ މައްޗަށް ދެ ޕޮއިންޓްގެ ލީޑެއް ހޯދައިފަ އެވެ.
އަމިއްލަ ދަނޑުގައި ނިއުކާސަލް އަތުން ޗެލްސީ މޮޅުވީ ބްރެޒިލްގެ މިޑްފީލްޑަރު އޮސްކާ އާއި ސްޕެއިންގެ ފޯވަޑް ޑިއޭގޯ ކޮސްޓާ ޖެހި ދެ ލަނޑުންނެވެ. މިއީ މި ސީޒަންގެ ޕްރިމިއާ ލީގުގައި ކޮސްޓާ ޖެހި 15 ވަނަ ލަނޑެވެ.
މި މެޗުން މޮޅުވެ، ޗެލްސީ ތާވަލްގެ އެއްވަނައިގައި އޮތީ 49 ޕޮއިންޓާއެކު އެވެ. ތާވަލްގެ ދެވަނައިގައި ސިޓީ އޮތީ 47 ޕޮއިންޓާއެކު އެވެ.
އެވަޓަންގެ ދަނޑުގައި ކުޅުނު މެޗުގެ 74 ވަނަ މިނިޓުގައި ބްރެޒިލްގެ މިޑްފީލްޑަރު ފެނާންޑީނިއޯ ޖެހި ލަނޑާއެކު ސިޓީން ލީޑު ނެގި ނަމަވެސް، އޭގެ ހަތަރު މިނިޓު ފަހުން އެވަޓަން އިން މެޗުގެ ނަތީޖާ އެއްވަރުކުރީ ސްޓީވަން ނޭސުމިތު ޖެހި ލަނޑުންނެވެ.
ލީގުގައި މިރޭ ދިހަ މީހުންނާއެކު ކުޅުނު ސަންޑަލޭންޑް އަތުން ލިވަޕޫލް މޮޅުވީ 1-0 އިންނެވެ. ސަންޑަލޭންޑްގެ ދަނޑުގައި ކުޅުނު މެޗުގެ އަށް ވަނަ މިނިޓުގައި ލިވަޕޫލަށް ލަނޑު ޖަހައިދިނީ ލަޒާރް މަރްކޮޗިވް އެވެ. ދެވަނަ ހާފުގެ ކުރީކޮޅު ސަންޑަލޭންޑްގެ ޑިފެންޑަރު ލިއަމް ބްރިޑްކަޓް އަށް ވަނީ ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދައްކައިފަ އެވެ. -- ބީބީސީ