ހަބަރު

މޮބައިލް ފިހާރައެއް ފަޅާލައި ވައްކަން ކޮށްފި

Sep 20, 2020

މާލޭގައި ހިންގާ މޮބައިލް ފިހާރައެއް ފަޅާލައިގެން ގިނަ އަދަދެއްގެ ފޯނު ވަގަށް ގެންގޮސްފި ކޮށްފި އެވެ.

ލޮނު ޒިޔާރަތް މަގުގައި ހިންގާ "ސެލް ޒޯން" ފިހާރައިގެ ވެރިޔާ އަބްދުލް މަޖީދު ވިދާޅުވި ގޮތުގައި އެ ކުންފުނިން އެންމެ ފަހުން ހުޅުވި ފިހާރަ ފަޅާލާފައި ވަނީ ރޭ މެންދަމުގެ ވަގުތެއްގައި ކަމަށެވެ.

"ވައްކަން ކޮށްގެން އައިޕޮޑާއި އައިފޯނުގެ އިތުރުން އެހެން ގިނަ އަދަދެއްގެ އެއްޗިހި ގެންގޮސްފައިވޭ،" މާލޭގައި ތިން ފިހާރައެއް ހިންގާ، މަޖީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފިހާރަ ފަޅާލި އިރު އެ ފިހާރައިން ވަގަށް ގެންދިޔަ ތަކެތީގެ އަގު 250،000ރ. އަށްވުރެ މަތިވާނެ އެވެ.

"[ވައްކަން ކުރިތަން]ސީސީޓީވީން ފެނޭ. މުދާ ހުންނާނީ ވެސް އިންޝުއަރެންސް ކޮށްފައި،" މަޖީދު ވިދާޅުވި އެވެ.

ފޮޓޯ ތަކުން ފެންނަ ގޮތުގައި "ސެލް ޒޯން" ފިހާރަ ފަޅާލައިގެން ވައްކަން ކޮށްފައިވަނީ ފިހާރައިގެ ދޮރެއްގެ ބިއްލޫރި ގަނޑެއް ހަލާކުކޮށްލައިގެން ވަދެ އެވެ.

ފުލުހުން ބުނި ގޮތުގައި ފޯނު ފިހާރަ ފަޅާލި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެ ވައްކަމާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ވިޔަފާރިތައް ކުރިން ބަންދު ކުރުމާއެކު ބޮޑެތި ވައްކަން ތަކެއް ވަނީ ކޮށްފަ އެވެ. އަދި އެ ވައްކަން ތަކުގައި ބޮޑެތި އަދަދު ތަކުން ފައިސާ ވެސް ވަނީ ގެއްލިފަ އެވެ. މިގޮތުން މި ފަހުން ހިނގި ބޮޑެތި ވައްކަތަކުގެ ތެރޭގައި އެޕޯލޯ ހާޑްވެއާގެ ތިޖޫރިތަކެއް ފަޅާލައިގެން ކުރި ވައްކަމާއި ޔޫރޯ މާކެޓިންގެ އޮފީސް ފަޅާލައިގެން ކުރި ވައްކަން ހިމެނެ އެވެ.