މެންޗެސްޓާ ޔުނައިޓެޑް

މެޗުން ބަލިވި ޔުނައިޓެޑަށް ސަންޗޯ ބޭނުންވޭ

ސްކޮޑަށް އިތުރު ކުރިއެރުން ބޭނުންވާކަމަށް، ރޭ ކްރިސްޓަލް ޕެލަސް އަތުން ބަލިވި މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗް އޮލޭ ގަނާ ސޮލްޝަޔާ ބުނެފި އެވެ.

ވެލްފްރެޑް ޒަހާ ކާމިޔާބު ކުރި ދެ ލަނޑާއެކު ޕެލަސް މެޗު ކާމިޔާބު ކުރީ 3-1 ންނެވެ. ޔުނައިޓެޑްގެ ލަނޑު މެޗުގެ 80 ވަނަ މިނެޓްގައި ކާމިޔާބު ކުރީ މިފަހަރުގެ ޓްރާންސާފާގައި އެ ޓީމަށް ގެނައި ޑޮނީ ވެން ޑެ ބީކް އެވެ.

މިދިޔަ ހަފުތާގައި، ޔުނައިޓެޑްގެ ސަޕޯޓަރުން ހިތްހަމަ ޖައްސާލަން ވަގުތު ކޮޅުތަކެއް ލިބުނެވެ. އެ ޓީމުން ގެންނަން މަސައްކަތް ކުރާ ބުރޫޝިއާ ޑޯޓަމުންޑްގެ ފޯވަޑް ޖާޑަން ސަންޗޯގެ ޓްރާންސްފާގައި ރަނގަޅު ހިސާބަކަށް ވާސިލު ވެއްޖެ ކަމުގެ ޚަބަރުތަކުން ޔުނައިޓެޑްގެ ސަޕޯޓަރުންނަށް ހިތްހަމަ ޖެހުން ލިބުނު ނަމަވެސް އެ ޓްރާންސްފާގައި ވަކި ގޮތެއް އަދި ނިމިފައެއް ނެތެވެ.

ޔުނައިޓެޑްގެ ޓީމަށް ސަންޗޯ ނުވަތަ އިތުރު ކުޅުންތެރިން ބޭނުންވޭތޯ ސުވާލު ކުރުމުން ޝޮލްޝަޔާ ބުނީ، މިހާރު އޮތް ޓީމާއެކުވެސް ޔުނައިޓެޑަށް މޮޅު ވެވޭނެ ކަމަށާއި އިތުރު ކުޅުންތެރިން ގެނެވިއްޖެނަމަ ސްކޮޑަށް އިތުރު ކުރި އެރުން ލިބޭނެ ކަމަށެވެ. ސަންޗޯގެ ނަމެއް ސޮލްޝަޔާ ފާހަގައެއް ނުކުރެ އެވެ.

"މިއަދަށް ވުރެ މާ ރަނގަޅަށް އަހަރެމެންނަށް ކުޅެވޭނެ، ދަނޑުމަތީގައި ތިބި އަހަރެމެންގެ ކުޅުންތެރިންނަށް ބަލާފައި އަދި ބެންޗުގައި ތިބި ކުޅުންތެރިންނަށް ބެލިއަސް ފެންނާނެ އަހަރެމެންނަށް މާ ރަނގަޅަށް ޕާފޯމް ކުރެވޭނެ،" ނޯވޭގެ ކޯޗް ބުންޏެވެ. "އެކަމަކު އަހަރެމެން އަބަދުވެސް ބަލަން މި ސްކޮޑު އިމްޕްރޫވް ކުރެވޭނެ ގޮތެއް، ރަނގަޅު ވަގުތުގައި ރަނގަޅު މަގާމުގައި ލިބެން ހުރި ނަމަ - ނަމަވެސް އަހަރެމެން އަމިއްލަ ލޯގަނޑުން ބަލާލިޔަސް ފެންނާނެ މިހާރުވެސް އަހަރެމެން ރަނގަޅު ކުރަން ޖެހޭ ކަންކަން."

ޕެލަސްގެ ފުރަތަމަ ލަނޑު އެންޑްރޯސް ޓައުންސެންޑް ކާމިޔާބު ކުރީ މެޗު ފެށިގެން ހަތް ވަނަ މިނެޓްގަ އެވެ. ދެ ވަނަ ހާފުގައި ޒަހާ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ ޕެލަސްއިން ދެ ވަނަ ފަހަރަށް ޖެހި ޕެނަލްޓީންނެވެ. ފުރަތަމަ ޕެނަލްޓީ ޖޯޑަން އަޔޭ ޖެހުމުން ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ ޕެނަލްޓީ ދިފާއު ކުރި އެވެ. އެހެންނަމަވެސް ރެފްރީ ނިންމީ ޕެނަލްޓީ ފޮނުވާލުމުގެ ކުރިން ޑެހެއާ ލައިނަށް ވުރެ ކުރިއަށް ނުކުތް ކަމަށެވެ. އެހެންވެ އެ ޕެނަލްޓީ ދެ ވަނަ ފަހަރަށް އަލުން ޖަހަން އެންގި އެވެ. ޕެނަލްޓީ ފޮނުވާލީ ޒަހާ އެވެ.

ފުރަތަމަ ޕެނަލްޓީ ޑެހެއާ ދިފާއު ކުރުމުން، އެނާއަށް ފާޑު ކިޔުންތަކުން ސަލާމަތް ވެވުނު ނަމަވެސް ޔުނައިޓެޑްގެ ސްކޮޑަށް ފާޑުކުޔުން އަމާޒުވި އެވެ. ޒަހާ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ މެޗުގެ 85 ވަނަ މިނެޓްގަ އެވެ.