ރާއްޖެއާ ކައިރީ އޮންނަ ބޮޑު ގައުމު، އިންޑިއާއިން ރާއްޖެއަށް ދޭން ނިންމި، 250 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 3.8 ބިލިއަން ރުފިޔާ) މިއަދު ހަވާލު ކޮށްފި އެވެ.
ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި 250 މިލިއަން ޑޮލަރުގެ އެހީ ހަވާލު ކޮށްދެއްވީ އިންޑިއާގެ ސަފީރު ސަންޖޭ ސުދީރެވެ. އަދި މި އެހީއާ ރާއްޖެއިން ހަވާލުވެ ވަޑައިގަތީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެވެ.
އިންޑިއާގެ މި އެހީ ދެނީ އެ ގައުމުގެ ގައުމީ ބޭންކް، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން 250 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލެއް ގަންނަ ގޮތަކަށެވެ. މިއީ ފަހުން ދައްކަންޖެހޭ އެއްޗެކެވެ. އެނގިފައިވާ ގޮތުގައި މި އެހީގެ ލިއުން ރަސްމީކޮށް މިއަދު ސަރުކާރަށް ހަވާލު ކުރިނަމަވެސް މި ފައިސާ މަރުކަޒީ ބޭންކް (އެމްއެމްއޭ) އަށް މިއަދު ޖަމާއެއް ނުވާނެ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިންޑިއާގެ ސަފީރު ސަންޖޭ ސުދީރު ވިދާޅުވި ގޮތުގައި މި އެހީއަކީ ކުޑަ އިންޓްރެސްޓެއްގައި ދޭ އެހީއެއް ކަމަށާ، މި އަނބުރާ ދައްކަން 10 އަހަރު ލިބޭނެ ކަމަށެވެ. އަދި އެ ގައުމުން ހުއްޓާ ނުލައި ރާއްޖެއަށް ގިނަ އެހީ ތަކެއް ދެމުންދާ ވެސް ކަމަށް ވިދާޅުވި އެވެ. އޭގެ ތަފުސީލެއް ނުދެއްވަ އެވެ.
މި ރަސްމިއްޔާތުގައި ހިންދީ ބަހުން ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވި ގޮތުގައި އިންޑިއާއަކީ އަބަދު ވެސް ރާއްޖޭން އެންމެ ބޭނުންވާ ވަގުތު އެންމެ ބޭނުންވާ އެހީދޭ ގައުމެކެވެ.
"މިފަދަ ދަތިހާލަތުގައި ވެސް އެހެންޏާ ވެސް ކަންތައް ކުރައްވާ ގޮތުން ދުވެހި ރާއްޖޭގެ ރަހުމަތްތެރިން މިސާލު ދާއްކައިފި. މުޅި ދުނިޔެ ބަންދު ކުރިއަސް ދުނިޔޭގެ ވައިގެ ދަތުރު ފަތުރު ހުއްޓުމަކަށް އަޔަސް. ބޯޑަރުތައް ބަންދު ކުރިއަސް އެ ގައުމުތަކުން ހުޅުވާފައިވާ ރަހުމަތްތެރިކަމުގެ ދޮރުތައް ބަންދު ނުކުރާނެކަން ދައްކައިދީފި. ރަހުމަތްތެރިކަމުގެ ފޮރުތައް ބަންދު ނުވާނެކަން އަންގައިދީފި،" ޝާހިދު ވިދާޅުވި އެވެ. "އިންޑިއާއަކީ އަބަދު ވެސް މި މިސާލު ދައްކައިދިން އަބަދުގެ ވެސް ރަހުމަތްތެރިޔާ."
ފިނޭންސް މިނިސްޓަރު އަބްދުﷲ އަމީރު ވިދާޅުވި ގޮތުގައި ކޮވިޑް-19 ގެ ސަބަބުން ރާއްޖެފަދަ ތަރައްގީ ވަމުން އަންނަ މެދުފަންތީގެ އިގްތިސޯދު ތަކަށް ބޮޑެތި ގޮންޖެހުން ތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. އަދި އިންޑިއާ އިން ދިވެހި ސަރުކާރަށް ބަޖެޓު ސަޕޯޓުގެ ގޮތުގައި ދިން މި 250 މިލިއަން ޑޮލަރަކީ ބޮޑު އެހީއަކަށް ވެގެންދާނެ ކަމަށް ވިދާޅުވި އެވެ.
"ކޮވިޑް-19 ގެ ސަބަބުން ދައުލަތުގެ އާމްދަނީ ވަނީ 50 ޕަސެންޓް ދަށްވެފަ. އެހެންވެ، ހަރަދު ކުޑަކުރަން މިވަނީ ގިނަ ފިޔަވަޅު ތަކެއް އަޅާފަ. ދައުލަތުގެ މަތީ ފަންތީގެ މުސާރަ ލިބޭ ކެޓަގަރީގެ މުވައްޒަފުންގެ މުސާރަ ވަނީ ކުޑަކޮށްފަ. ބައެއް ނުފެށި ހުރި އިންވެސްޓްމަންޓް ޕްރޮޖެކްޓްތައް ވަނީ ވަގުތީ ގޮތުން ހުއްޓާލެވިފަ. އަދި މަރާމާތާއި ދަތުރުފަތުރު ކުރުމުގެ ހަރަދުތައް ވަނީ ކުޑަ ކުރެވިފަ،" އަމީރު ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށްވަޑައިގަތް ފަހުން އިންޑިއާއާއި ރާއްޖެއާ ދެމެދު ގުޅުން ވަނީ ރަނގަޅު ވެފަ އެވެ. އިންޑިއާއިން ގެންގުޅޭ ފޮރިން ޕޮސިލީގެ މައިގަނޑު އަސާސް ކަމަށްވާ "އިންޑާ ފަސްޓް" ޕޮލިސީ ކުރިއަރުވަން ރާއްޖެއިން ދަނީ ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ.