ވިޔަފާރި

ތިލަމާލެ ބްރިޖަށް އިންޑިއާއިން 400 މިލިއަން ޑޮލަރުގެ ލޯނު ދީފި

މާލެ، ވިލިނގިލި އަދި ތިލަފުއްޓާއި ގުޅީފަޅު ގުޅާލަން އަޅާ "ތިލަ މާލެ" ބްރިޖަށް، އިންޑިއާއިން 400 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 6.1 ބިލިއަން ރުފިޔާ) ގެ ލޯނު ދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި 400 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން އެގްރީމެންޓުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. އިންޑިއާގެ ފަރާތުން ސޮއި ކުރެއްވީ އެ ގައުމުގެ އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް އިންޑިއާ (އެގްޒިމް ބޭންކް) ގެ ޖެނެރަލް މެނޭޖަރު ނިރްމިތް ވޭދު އެވެ.

މި އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ފަހު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ މި އެހީ ދިން ކަމަށްޓަކައި އިންޑިއާގެ ރައްޔިތުންންނާއި އެ ގައުމުގެ ސަރުކާރަށް ޝުކުރު އަދާ ކުރައްވާގަ އެވެ. އަދި އިންޑިއާ އިން މިހާތަނަށް ދީފައިވާ އެހީތަކުގެ މައްޗަށް އަލުއަޅުއްލައި ވަރަށް ބޮޑަށް ތައުރީފު ވެސް ކުރެއްވި އެވެ. މިއަދު ދިން ލޯނާއި ބްރިޖު މަޝްރޫއުގެ އިތުރު އެއްވެސް ވާހަކައެއް ފިނޭންސް މިނިސްޓަރު ނުދައްކަވަ އެވެ.

"މިއީ މިހާތަނަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު މަޝްރޫއު. މިއީ ރާއްޖެއަށް ވަރަށް ދަތި ހާލަތެއް. ދައުލަތުގެ އާމްދަނީ ވަނީ 50 ޕަސެންޓް ދަށްވެފަ. ރާއްޖޭގެ ޖީޑީޕީގެ 70 ޕަސެންޓަށް ވަނީ ދަށްވެފައި. މި އެހީގެ ސަބަބުން އިންފްރާސްޓަކްޗާ މަސަައްކަތް އިތުރު ވެގެން ދާނެ. މިއީ އިކޮނޮމީ ރީސްޓާޓް ކުރަން މުހިންމު އިންވެސްޓްމަންޓަކަށްވާނެ،" އަމީރު ވިދާޅުވި އެވެ.

މި މަޝްރޫއުގެ އިތުރު ތަފުސީލް ދެއްވަމުން، އިންޑިއާގެ ސަފީރު ސަންޖޭ ސުދީރު ވިދާޅުވީ މިއީ އެ ގައުމުން ކުރިން ދޭން ވައުދުވީ 500 މިލިއަން ޑޮލަރުގެ "އެހީ" ގެ ތެރޭގައި ހިމެނޭ ބައެއް ކަމަށެވެ. އަދި މި މަޝްރޫ އަށް ކޮންސެލްޓެންސީ ދޭން އެ ގައުމުގެ އާރޫޕް ކުންފުނި ނަގާފައިވަނީ ދިވެހި ސަރުކާރުން ކަމަށެވެ. އަދި މި ލޯނުގެ މައުލޫމާތުތައް އެގްޒިމް ބޭންކުގެ ޕަބްލިކް ޑޮމެއިންގައި ފެންނަން ހުންނާނެ ކަމަށާ، ބްރިޖު އަޅަން ބޭނުންވާ ސާމާނުގެ 65 ޕަސެންޓް ގެންނާނީ އިންޑިއާއިން ކަމަށެވެ.

"ކޮންސެލްޓެންޓުގެ ޑީޓެއިލް ރިޕޯޓް އެޕްރޫވްޑް ކުރާނީ ދެ ގައުމުގެ ސަރުކާރުން. ފައިނަލް ޓެންޑާ އިޝޫ ކުރާނީ ދިވެހި ސަރުކާރުން،" ސުދީރު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ މި އެހީއަށް ދެ އަހަރާއި ފަސް އަހަރުގެ މޮރިޓޯރިއަމް އެއް ދޭނެ ކަމަށެވެ. އަދި ލޯނު ދައްކަން 20 އަހަރު ލިބޭނެ ކަމަށް ސަފީރު ވިދާޅުވި އެވެ.

"މި މަޝްރޫއުގެ ކަންކަން ކުރި އަށް ދާނީ ޓްރާންސްޕޭރެންސީ އާއި ކޮމްޕެޓިޓިވް ޕްރައިސްއެއްގައި،" ސުދީރު ވިދާޅުވި އެވެ.

އިންޑިއާއިން ވަނީ މީގެ ކުރިން ބްރިޖް އަޅަން 500 މިލިއަން ޑޮލަރު ދޭނެ ކަމަށް ބުނެފަ އެވެ. އެ ފައިސާގެ ތެރެ އިން 100 މިލިއަން ޑޮލަރަކީ ހިލޭ އެހީ އެވެ. ބާކީ އޮތް 400 މިލިއަން ޑޮލަރަކީ ލޯނެވެ.

ބްރިޖު އަޅާނީ އިންޑިއާ ކުންފުންޏަކުން

މާލެ އާއި ތިލަފުށި އަދި ވިލިމާލެ ގުޅިގެންދާ ގޮތަށް ބްރިޖް އެޅުމުގެ ގޮތުން ސާވޭގެ މަސައްކަތް ކުރަން ހަވާލުކޮށްފައި ވަނީ ނެދަލެންޑްސްގެ ކުންފުންޏަކަށް 15 މިލިއަން ޑޮލަރަށެވެ. ނެދަލޭންޑުގެ ފުގްރޯ ކުންފުނިން މި މަސައްކަތުގެ ދަށުން ކަނޑުގައި 25 ބޯހޯލް އަދި އެއްގަމުގައި 25 ބޯހޯލް ތޮރުފުމުފެ މަސައްކަތް ދަނީ ކުރަމުންނެވެ.

ގާތްގަނޑަކަށް 6.695 ކިލޯ މީޓަރުގެ ބްރިޖްތަކާއި ކޯޒްވޭގެ މައްޗަށް އެކުލެވޭ މި މަޝްރޫއު ހަވާލުކޮށްފައިވަނީ އިންޑިއާ ކުންފުންޏަކާ އެވެ. އެގޮތުން މާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމަށް ޖުމްލަ ތިން ބްރިޖް މި މަޝްރޫއުގެ ތެރެއިން ހެދުމަށް ވަނީ ހަމަޖެހިފަ އެވެ.

"ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ގެ ދަށުން މާލެ، ވިލިގިނލި، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމުން ރާއްޖޭގެ އިގުތިސޯދަށް އޭގެ ގިނަ ފައިދާތަކެއް ލިބި، ވިޔަފާރިތަކަށާއި އާއްމު ރައްޔިތުންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.