ސަން ހިއުންގްމިން ކާމިޔާބު ކުރި ހަތަރު ލަނޑާއެކު 5-2 ގެ ނަތީޖާ އަކުން، ސައުތުހެމްޓަން ބަލި ކޮށް ޓޮޓެންހަމް ހޮޓްސްޕާސް އިން ލީގްގައި ފުރަތަމަ މޮޅު ހޯދައިފި އެވެ.
ޔޫރޮޕާ ލީގްގެ ކޮލިފިކޭޝަންގައި މިދިޔަ ބުރާސްފަތި ދުވަހު ބަލްގޭރިއާގެ ލޮކޮމޯޓިވް ޕޮލްޑޯވް އާ ދެކޮޅަށް ކުޅުނު ސްޕާސްގެ ޓީމަށް ކޯޗް ހޯޒޭ މޮރީނިއޯ ވަނީ ތިން ބަދަލެއް ގެނެސްފަ އެވެ. މިފަހަރުވެސް ފާހަގަ ކުރެވުނު އެއްކަމަކީ ޑެލީ އަލީ އަށް ފުރުސަތު ނުލިބުމުވެ. މިއީ ހަތަރު ދުވަސް ތެރޭ ރަށުން ބޭރަށް ސްޕާސް ކުރި ދެ ވަނަ ދަތުރުގައި އަލީ އަށް ފުރުސަތު ނުލިބުނު ދެ ވަނަ ފަހަރެވެ.
ޓޮޓެންހަމްއިން ވަނީ ލޯން އުސޫލުން އަލީ ދޫކޮށްލުމަށް ބައެއް ކުލަބުތަކާ ވާހަކަ ދައްކާފަ އެވެ. އޭގެ ތެރޭގައި ޕެރިސް ސެއިންޓް ޖާމަން ޕީއެސްޖީ ވެސް ހިމެނެ އެވެ. އަދި ހާއްސަކޮށް މިހާރު ގެރެތު ބޭލް ޓީމަށް އައުމުން އަލީ ދޫކޮށްލުމުގެ ސަބަބެއް މޮރީނިއޯއަށް އެބައޮތެވެ. ކުރިންވެސް އޭނާ ބުނެފައި ވަނީ އެހާ ބައިވަރު ކުޅުންތެރިންތަކެއް މެނޭޖު ކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ.
މެޗުގައި ފުރަތަމަ ލީޑް ނެގީ އަމިއްލަ ދަނޑުގައި ކުޅެމުން ދިޔަ ސައުތުހެމްޓައިން އެވެ. އެ ޓީމުގެ ލަނޑު 32 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޑެނީ އިންގްސް އެވެ. ޓޮޓެންހަމްގެ ހުރިހާ ލަނޑެއްގައިވެސް ސަން އާއި ކޭންގެ ހިއްސާ އޮތެވެ. ސަންގެ ހަތަރު ލަނޑުވެސް ކާމިޔާބު ކުރީ ކޭން ތަނަވަސް ކޮށްދިން ފުރުސަތުތަކުންނެވެ.
ފުރަތަމަ ހާފުވީ މެޗުން ބޭރުން ގިނަ ކަންކަމެއް ދަނޑު މަތީގައި ހިނގި ވަގުތުތަކަށެވެ. ޖެހި ތިން ގޯލް އެއީ ލަނޑު ކަމަށް ނުންނިންމި އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ކޭން ވަނީ ސްޕާސްއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. ދެ ވަނަ ހާފަށް ނުކުމެ ދެ ވަނަ މިނެޓްގައި ލަނޑު ކާމިޔާބުކޮށް ސްޕާސްއަށް ލީޑް ނަގައިދިނެވެ.
ސަން ހެޓްރިކް ހެދީ މެޗުގެ 64 ވަނަ މިނެޓްގަ އެވެ. ގާތްގަނޑަކަށް އޭގެ 10 މިނެޓް ފަހުން ހަތަރު ވަނަ ކޭނލަނޑު ކާމިޔާބު ކުރި އެވެ. ކޭން ލަނޑު ޖެހީ 82 ވަނަ މިނެޓްގަ އެވެ. ސައުތުހެމްޓަންގެ ދެ ވަނަ ލަނޑު ޑެނީ އިންގްސް ކާމިޔާބު ކުރީ 90 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީންނެވެ.