ކަޅުބިލަމަސް ގަނެވޭނެ އެންމެ ދަށް އަގު މުރާޖައާކޮށް އާ އަގެއް ކަނޑައަޅައިފި އެވެ.
މިނިސްޓްރީ އޮފް ފިޝަރީޒު، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާއިން މިއަދު ބުނީ ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމުގައި ބާނާ މަސް ގަނެވޭނެ އެންމެ ދަށް އަގު ނުވަތަ ފްލޯ ޕްރައިޒް މުރާޖައާކޮށް އާ އަގުތަކެއް ކަނޑައަޅާފައިވާ ކަމަށެވެ.
އެގޮތުން ކަޅުބިލަ މަހާއި ރީނދޫ އުރަހަ ކަންނެލި، 1.5 ކިލޯ އަދި އެއަށްވުރެ ބަރު މަސް ގަނެވޭނެ އެންމެ ދަށް އަގަކީ ކިލޯއެއް 13 ރުފިޔާ ކަމުގައި ވަނީ ކަނޑައަޅާފަ އެވެ. އަދި ކަޅުބިލަ މަހާއި ރީދޫ އުރަހަ ކަންނެލި، 1.5 ކިލޯ އިން ދަށުގެ މަސް ގަނެވޭނެ އެންމެ ދަށް އަގަކީ 5.15 ރުފިޔާ އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ ކަޅުބިލަ މަހުގެ ސިނާއަތް ތަރައްގީކޮށް ކުރިއެރުވުމުގެ ގޮތުން މަސްވެރިންގެ އަތުން މަސް ގަނެ، ޕްރޮސެސްކޮށް އެކްސްޕޯޓް ކުރުމަށް މިނިސްޓްރީއާއެކު ސޮއިކޮށްފައިވާ ކުންފުނިތަކުންނާއި މަސްވެރިކަމުގައި ބާނާ މަސް ގަތުމުގެ ހުއްދަ ދީފައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން މިމަހުގެ 24 ވަނަ ދުވަހުން ފެށިގެން ފްލޯ ޕްރައިޒް ސިޔާސަތާއި އެއްގޮތްވާ ގޮތުގެ މަތިން އަމަލު ކުރަން ޖެހޭނެ ކަމަށެވެ.
މި ސިޔާސަތަކީ ފުޅާ ދާއިރާއެއްގައި އެކްސްޕޯޓް ކުރުމަށް މަސްގަންނަ ފަރާތްތަކަށް ހިނގާ ސިޔާސަތެކެވެ. މަސް ކައްކާ ހިއްކާ ފަރާތްތަކާއި އެ ނޫންވެސް ކަޅުބިލަމަސް ގަންނަ އެހެނިހެން ފަރާތްތަކުން ފްލޯ ޕްރައިޒް ސިޔާސަތަށް އަަމަލު ކުރާކަށް ނުޖެހޭނެ އެވެ.
ކަޅުބިލަމަސް ގަނެވޭނެ އެންމެ ދަށް އަގު މުރާޖައާކޮށް އާ އަގެއް ކަނޑައަޅާފައިވާއިރު އެންމެ ފަހުން އަމަލު ކުރަމުން އައީ މެއި 13، 2010 ގައި ކަނޑައެޅި އަގަކަށެވެ.
ހަތް އަހަރަށް ފަހު، މަސްވެރިންގެ އަތުން ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް މަސް ގަންނަމުން ދިޔަ އަގުގެ ކޮންޓްރޯލް ދޫކޮށްލަން ސަރުކާރުން މިއަދު ވަނީ ނިންމާފަ އެވެ. މި ގޮތަށް ނިންމި ނަމަވެސް މި ބޮޑު ބަދަލަށް އަމަލު ކުރަން ފަށާނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ. މަސް ގަނެވޭނެ އެންމެ ދަށް އަގެއް ކަނޑައެޅުމަކީ ސަރުކާރުން ކުރަން ޖެހޭ ކަމެކެވެ.