ކުޅިވަރު

ޗެލްސީ ބަލިކޮށް ލިވަޕޫލް ރޭހުގައި ކުރިއަށް

އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅުނު ޗެލްސީގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި ޕްރިމިއާ ލީގްގެ ޗެމްޕިއަން ލިވަޕޫލް ރޭހުގެ ކުރީގައި މަގާމު ދަމަހައްޓައިފި އެވެ.

ފުރަތަމަ ހާފުގެ ފަހު ކޮޅުގައި، ޗެލްސީގެ ޑިފެންޑަރު އެންޑްރޭސް ކްރިސްޓެންސެން އަށް ވަނީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލަފަ އެވެ. އޭނާއަށް ރަތް ކާޑު ދެއްކީ، ލިވަޕޫލަށް ލިބުނު ހުސް ފުރުސަތުގައި ސެޑިއޯ މާނޭ ބޯޅަ ހިފައިގެން ވަންނަން އުޅުމުން އޭނާއަށް ހުރަސް އެޅުމުގެ ގޮތުން މާނޭ ގައިގައި ހިފެހެއްޓުމުންނެވެ. މައްސަލަ ވީއޭއާރުން ބެލުމަށް ފަހު ރެފްރީ ރަތް ކާޑު ދެއްކި އެވެ.

ފުރަތަމަ ހާފުގައި ލިބުނު އެންމެ ރަނގަޅު ފުރުސަތު ލިބުނީ، ޗެލްސީގެ ޓީމޯ ވާނާ އަށެވެ. އޭރިއާ ބޭރުން އޭނާ ފޮނުވާލި ބޯޅަ ދިޔައީ ލިވަޕޫލްގެ ކީޕަރު އަލިސަންގެ އަތް ދަށުން ގޯލް ދަނޑި ކައިރިން ބޭރަށެވެ. ދެ ވަނަ ހާފު ލިވަޕޫލުން ފެށީ، ހާއްސަ ބަދަލަކާއެކު އެވެ. މިދިޔަ ބުރާސްފަތި ދުވަހު، ބަޔާން މިޔުނިކުން ލިވަޕޫލަށް ބަދަލުވި ތިއާގޯ އަލްކަންޓަރާ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތެވެ. އެއީ ޕްރިމިއާ ލީގްގައި އޭނާގެ ފުރަތަމަ މެޗެވެ.

ދެ ވަނަ ހާފު ފެށިގެން ފަސް ވަނަ މިނެޓްގައި ލިވަޕޫލުން ލީޑް ނެގި އެވެ. ރޮބާޓޯ ފިރުމީނޯ ނަގައިދިން ބޯޅައިން، މާނޭ ލަނޑު ކާމިޔާބު ކުރީ ބޮލުން ގޯލްގެ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ. ވަރުގަދައަށް ޕްރެސް ކޮށްގެން ކުޅުނު ލިވަޕޫލަށް ދެ ވަނަ ގޯލް ފަހީވީ ބޯޅަ ހޯދަން މާނޭ އެރުމުންނެވެ. ޗެލްސީގެ ކީޕަރު ކެޕާ އަރީޒަބަލަގާއަށް ދިން ބޭކްޕާސް އޭނާ މަސައްކަތް ކުރީ ޗެލްސީގެ އެހެން ކުޅުންތެރިޔަކަށް ދޭށެވެ. ކެޕާ ދިން ބޯޅަ ހޯދީ މާނޭ އެވެ. މާނޭއަށް ލިބުނީ ހުހަށް އޮތް ޗެލްސީގެ ގޯލެވެ. އޭނާ ވަނީ ގޯލްގެ ތެރެއަށް އެ ބޯޅަ ވައްދާލައި ދެ ވނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ.

މެޗުގެ ތެރެއަށް އަނބުރާ އަންނަން ގޯލަކަށް ބޭނުންވެފައިވާ ޗެލްސީން، ވާނާ ބޯޅަ ހިފައިގެން ލިވަޕޫލްގެ ޑިފެންސް ރޫޅާލައި އޭރިއާގެ ތެރެއަށް ވަނުމުން ވާނާއަށް ފައުލު ކުރީ ތިއާގޯ އެވެ. މެޗުގެ 75 ވަނަ މިނެޓްގައި ޗެލްސީއަށް ލިބުނު ޕެނަލްޓީ ޖޯޖީނިއޯ ލުއިޒް ފޮނުވާލުމުން، ލިވަޕޫލްގެ ކީޕަރު އަލިސަން އެ ބޯޅަ ދިފާއު ކުރި އެވެ.