މިއީ ސާބިއާގެ ވެރިރަށް ބެލްގްރޭޑާ މާ ދުރު ނޫން ހިސާބެއްގައި އޮތް އެގައުމުގެ އަވަށެއްގައި ހިނގައިގެން އުޅޭ މައްސަލަގަނޑެކެވެ. ވެގެން އުޅޭ ގޮތަކީ އިހަކަށް ދުވަހު އެ ސަރަހައްދަށް އެރި ތޫފާނެއްގައި އަވަށުގެ ނަސޯރާއިންގެ ފައްޅިއެއް ހަލާކުވެ އެ ފައްޅި މަރާމާތުކޮށް ދިނުމުގައި ކަމާ ބެހޭ ފަރާތްތައް ފެއިލްވުމެވެ.
މި މައްސަލާގައި ރުޅިއަރައިގަނެގެން އުޅޭ ނަސޯރާއިން މިހާރު ބުނަމުން ދަނީ ފައްޅި މަރާމާތުނުކޮށްދޭ ނަމަ ދެން ވަންނާނީ އިސްލާމް ދީނަށް ކަމަށެވެ. މި އަވަށުގެ ނަސޯރާއިންގެ ޓީމަކުން މި އިންޒާރު ދީފައި ވަނީ ސާބިއާގެ ނަސޯރާއިންގެ މައި ފައްޅީގެ ވެރިޔާ ޕެޓްރިއާޗް އިރިނީޖަށް ފޮނުވި ސިޓީއެއްގަ އެވެ.
ސިޓީގައި ބުނެފައި ވަނީ އެމީހުންގެ އެދުމާ އެއްގޮތަށް ފައްޅި މަރާމާތުކުރުމަށް ޕެޓްރިއާޗް ވެސް ތާއީދުކުރައްވަން ޖެހި ވަޑައިގަންނަވާނެ ކަމަށާއި އެހެން އެކަން އެގޮތަށް ނުކުރައްވާ ނަމަ ހިމާޔަތް ހޯދުމަށް އިސްލާމް ދީނަށް ވަންނަން މަޖުބޫރުވެދާނެ ކަމަށެވެ.
މި ފައްޅިއެއްގެ މައްސަލަ ސާބިއާގެ މި އަވަށުގައި ހޫނުވެގެން އުޅެނީ ހަލާކުވި ފައްޅީގެ ބަދަލުގައި އެތަނުގައި މުޅިން އާ ފައްޅިއެއް ގާއިމުކޮށްދޭން ކަމާ ބެހޭ ފަރާތްތަކުން މަސައްކަތްކުރާތީ އެވެ. އަވަށުގެ މީހުން ބުނަމުން ދަނީ އާ ފައްޅިއެއް ބޭނުން ނޫން ކަމަށާއި ހަލާކުވެފައި ހުރި ފައްޅި މަރާމާތުކޮށް ދިނީމަ ނިމުނީ ކަމަށެވެ.
ސާބިއާގެ 2011 ވަނަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އެގައުމުގެ އާބާދީގައި މުސްލިމުންގެ އަދަދަކީ 228658 އެވެ. ސާބިއާގައި އޮތޮޑޮކްސް ކްރިސްޓިއަނުންގެ އާބާދީ ހަ މިލިއަނަށް ވުރެ މައްޗަށް އަރަ އެވެ. އެއީ އާބާދީގެ 84.5 ޕަސެންޓެވެ.
ރޯމަން ކެތޮލިކްސްގެ އަދަދު 350957 އަށް އަރަ އެވެ.
ސާބިއާގެ ޖުމްލަ އާބާދީ އަރަނީ 7.2 މިލިއަނަށެވެ.