ކޮވިޑް-19 އާ ގުޅިގެން ޓޫރިޒަމް ހުއްޓި ރާއްޖެއަށް ބޭރު ފައިސާ ވަންނަ ހުރިހާ ދޮރެއް ބަންދުވެފައި ވުމުން ރާއްޖެ ވަނީ ކޮންމެ ގޮތަކަށް ލިބުނަސް ބޭރު ފައިސާ އަށް "ފެން ބޮވައިގެންފަ" އެވެ. ސަރުކާރުން ކެނޑިނޭޅި "ދުނިޔެއަށް ސަލާން ޖަހަމުން" ގެންދަނީ ޑޮލަރު ފޮއްޗެއް ދިއްކޮށްލާނެ ބަޔަކު ވޭތޯ އެވެ. މި ހާލަތުގައި ސަރުކާރު "އާދޭސް" ކުރަނިކޮށް އިންޑިއާ އިން އިއްޔެ ވަނީ ރާއްޖެއަށް "ދީލައިތިކަމާއެކު" ފައިސާ ޑޮލަރު ދީފަ އެވެ. މި ފައިސާ އަށް ބައެއް މީހުން އިއްޔެކީ "އެހީ" އެވެ. އަނެއް ބަޔަކު އެއަށް "ހިލޭ އެހީ" ކިޔޭތޯ ވެސް އުޅުނެވެ. އަދި ބައެއް އެހެން މީހުންގެ ނަޒަރުގައި މިއީ ހަމަ ބޮޑު ލޯނެކެވެ. އިންޑިއާއިން ރާއްޖެއަށް ލޯނެއް ދިނީ އެވެ. ނޫނީ ދިވެހިންގެ ބޮލުގައި ދަރަންޏެއް އެޅުވީ އެވެ.
އެހެންވީމާ އެކުވެރިއަކަށް ވެގެން އައިސް އިންޑިއާއިން އެހީއެއް ދިނީ ހެއްޔެވެ؟ ނޫނީ ރަނގަޅު ދަނޑިވަޅު ބަލާފައި ލޯނެއް ދިނީ ހެއްޔެވެ؟
ކައިރީ މިއޮންނަ އިންޑިއާއިޖން ދިނީ ހަގީގަތުގައިބޮންޑެކެވެ. އޭގެ މާނައަކީ އެއީ ލޯނެކެވެ. އަދި އެއީ ފަހުން އެ ފައިސާ ދައްކާ ހަލާސް ކުރަންޖެހޭނެ ލޯނެކެވެ. އިންޑިއާ އަކީ ރާއްޖޭގެ އެހީތެރިއެކެވެ. އަދި އަވަށްޓެެރިއެކެވެ. އެކަމަކު "އިންޑިއާ އައުޓް" ކެމްޕޭނެއް ހިނގަމުން ދަނިކޮށް އަދި މި ކަހަލަ ނާޒުކު ދަނޑިވަޅެއްގައި އެފަދަ ލޯނެއްގައި ހިފާއިރު ސަރުކާރުން އިންޑިއާގެ މި ބޮންޑުގެ ކޫޕަން ރޭޓާއި މި ބޮންޑުގެ ފުރިހަމަ މައުލޫމާތު ރީތިކޮށް ރައްޔިތުންނަށް ކިޔައިދީ ހާމަކޮށްދޭން ޖެހޭނެ އެވެ. ކަމެއް ޓްރާންސްޕޭރެންޓްކޮށް ކުރުމަކީ އެއީ އެވެ. ކަމެއް ޓްރާންސްޕޭރަންޓް ވުމަކީ އެއްޗެއް ދިއްކޮށްލާ ކޮންމެ ފަހަރަކު އެއީ އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި ދައްކަން ޖެހޭ ސަބަބެއް ނޫނެވެ.
"މިއީ ބޮންޑެއް އިނގޭތޯ؟ ފަހުން ދައްކަން ޖެހޭ ލޯނެއް އިނގޭތޯ؟" ކުރިން ފިނޭންސް މިނިސްޓްރީގެ އިސް މަގާމުތަކެއް ވެސް ފުރުއްވި އިސް ބޭފުޅަކު ރޭ ވިދާޅުވި އެވެ.
އިންޑިއާ ސަރުކާރުން އިއްޔެ ރާއްޖޭގެ ޓޮޕް ދެ ވަޒީރަކާ "ކަރުދާސް ހަވާލު ކުރި" 250 މިލިއަން ޑޮލަރަކީ އެ ގައުމުގެ ގައުމީ ބޭންކް، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައިއި) އިން ގަތް ޓްރެޒަރީ ބޮންޑެކެވެ. އާއްމު ގޮތެއްގައި އިންޓަނޭޝަނަލް މާކެޓުގައި ބޮންޑުގެ ރޭޓް ފަސް ޕަސެންޓު ވަރުގައި ހުއްޓަސް ސަރުކާރު ތަކުން ދޫކުރާއިރު މި ރޭޓް ދަށް ވާނެ އެވެ.
އިންޑިއާ ބޭންކުން މި ބޮންޑު ރާއްޖެއަށް ވިއްކި ރޭޓެއް ސަރުކާރުން މިހާތަނަށް ރަސްމީކޮށް ހާމަ ކޮށްފައެއް ނުވެ އެވެ. ހަމަ އެކަނި ސަރުކާރުން ބުނެދޭ ވާހަކައަކީ އިންޑިއާއިން ލޯނު ނަގަނީ ކުޑަ އިންޓްރެސްޓެއްގައި ދިގު މުއްދަތުން ދައްކާ ހަލާސް ކުރާ ގޮތަށެވެ. އަދި އެ ގައުމު ވަރަށް ލުއިކޮށް ލޯނު ދޭ ބަޔަކު ނެތް ކަމަށް ވެސް މި ސަރުކާރުން ބުނެ ދެއެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައިވެރި ވަޑައިގަތް އިއްޔެގެ ބައްދަލުވުމުގައި ވެސް މި ބޮންޑާ ގުޅޭ "ކުޑަ ނަމަވެސް" ތަފުސީލެއް ދެއްވީ އިންޑިއާގެ ސަފީރު ސަންޖޭ ސުދީރެވެ. ރާޖޭގެ ޓޮޕް ދެ ވަޒީރުން ވާހަކަ ފައްޓަވަނީ މުޅިން އެހެން ހިސާބަކުންނެވެ.
ސަފީރު، ސަންޖޭ ސުދިރު ވިދާޅުވި ގޮތުގައި މިއީ ބަޖެޓް ސަޕޯޓެކެވެ. އަދި މި ބަޖެޓް ސަޕޯޓަކީ ވަރަށް ކުޑަ އިންޓްރެސްޓް ރޭޓެއްގައި ދޫކުރާ ލުއި ލޯނެކެވެ. ޕްރިންސިޕަލް ޕޭމަންޓް ދައްކަން 10 އަހަރު ލިބޭނެ އެވެ.
މިހުރީ ސުވާލުތަކެކެވެ. ދިވެހިން ޖަވާބު ބޭނުންވާނެ ސުވާލުތަކެވެ. މި ސުވާލުތަކަށް ސަންޖޭ ސުދީރު ޖަވާބު ދެއްވާކަށް މަޖުބޫރެއް ނޫނެވެ. އެކަމަކު ފިނޭންސް މިނިސްޓްރީން ޖާވާބެއް ނުކުންނާން ވާނެ އެވެ.
މިއީ ދެރަ އިކޮނޮމީއެއް މޮޅު އިކޮނޮމީއަކަށް ބަދަލު ކުރާން މަސައްކަތް ކުރާ ރާއްޖެ އިންޑިއާ އިން މިގޮތަށް ފަހުން ދައްކާ ހަލާސް ކުރާ ގޮތަށް ޓްރެޒަރީ ބޮންޑެއް ގަތް ނުވަތަ ލޭންދޭނު ކުރި ފުރަތަމަ ފަހަރު ހެއްޔެވެ؟ މިއިން ދަރަންޏަށް ކުރާނީ ކޮން އަސަރެއް ހެއްޔެވެ؟ އަދި މިއިން ރާއްޖެއަށް ލިބޭނީ ކޮން ފައިދާއެއް ހެއްޔެވެ؟ މިކަމުން އެސްބީއައި އަށް ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ ލިބޭނެ ގެއްލުމަކީ ކޮބައި ހެއްޔެވެ؟ މި ޑޮލަރުން ކުރަން ޖެހޭ ކަމަކީ ކޮބައި ހެއްޔެވެ؟
މަޖިލީހުގެ ރުހުން އޮތް ކަމެއް
ދައުލަތުގެ ބަޖެޓުގައި 2018 އިން 2022 އަށް ބޭރުގެ ފަރާތް ތަކަށް ބޮންޑު ވިއްކައިގެން ހޯދަން ކަނޑައަޅާފައި ވަނީ 4.6 ބިލިއަން ރުފިޔާ އެވެ. އަދި ރާއްޖޭގެ ފަރާތް ތަކަށް ބޮންޑް ވިއްކައިގެން ހޯދަން 930 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އެހެންވެ މި ބޮންޑު ވިއްކުމާ ހަމައަށް ދާން ސަރުކާރުން ރުހުން ހޯދަން ޖެހެ އެވެ. ސަބަބަކީ މި ބޮންޑާއެކު ބޭރުގެ ފަރާތްތަކަށް ބޮންޑު ވިއްކަން ކަނޑައަޅާފައި އަދަދަށްވުރެ މަތިވާނެ އެވެ. އެހެންވެ ސަރުކާރުން ވަނީ ރައްޔިތުން މަޖިލީހުގެ ރުހުން ހޯދާފަ އެވެ. މާނައަކީ މިއީ ދިވެހިން އެދިގެން ދިވެހި ރައްޔިތުން ދީފައިވާ ހުއްދައެއްގެ ދަށުން ހިންގި މުއާމަލާތެކެވެ. އިއްޔެ ތަފާތު ވާހަކަތައް ދެކެވުނު އިރު ރާއްޖޭގެ ޓޮޕް ދެ މިނިސްޓަރުންނަށް މި ވާހަކަ ވިދާޅުވެ ދެއްވާކަށް އެނގި ވަޑައެއް ނުގަތެވެ.
ބޮންޑު ވިއްކުމާ ބެހޭ ގޮތުން، މަޖިލީހުގެ ލަފަޔަކަށް އެދި މަރުކަޒީ ބޭންކުގެ ގަވަރުނަރު އަލީ ހާޝިމް ފޮނުއްވާފައިވާ ސިޓީއެއްގައިވާ ގޮތުން ބޮންޑް ވިއްކާއިރު އަމަލު ކުރަނީ ބޮންޑް ވިއްކައިގެން ފައިނޭންސް ކުރުމަށް ބަޖެޓްގައި ހިމަނާފައިވާ ޖުމުލަ އަދަދަށް ވުރެ އިތުރު ނުވާނެ އަދަދު ބަލައިގެނެވެ. ނަމަވެސް، ސްޓޭޓް ބެންކް އޮފް އިންޑިއާ (އެސްބީއައި) އިން ގަތް ބޮންޑާއެކު އެ އަދަދަށް ވުރެ ޖުމުލަ އަދަދު އިތުރު ވެދާނެ ކަމަށް ގަވަރުނަރު ވިދާޅުވެ އެވެ.
ގަވަރުނަރު ވިދާޅުވެފައިވާ ގޮތުގައި ދައުލަތުގެ ބަޖެޓްގައި ހިމެނޭ ނެޓް ފައިނޭސިންގެ އަދަދު ހަ ބިލިއަން ރުފިޔާއަށް އަރާއިރު އެ އަދަދަށް ވުރެ އިތުރަށް ސަރުކާރަށް އަހަރުގެ ތެރޭގައި ދަރަނި ނެގިދާނެ އެވެ.
ގަވަރުނަރު އެހެން ވިދާޅުވި ނަމަވެސް އަހަރު ނިމުމުގެ ކުރިން ނެޓް ފައިނޭންސް ހަ ބިލިއަނަށް ވުރެ ކުޑަ ކުރެވިއްޖެ ނަމަ ބަޖެޓާ އެއްގޮތަށް އަމަލު ކުރެވުނީ ކަމަށް ބެލެވޭނެ ކަމަށް އެޓާނީ ޖެނެރަލް އޮފީހުން ފިނޭންސް މިނިސްޓްރީއަށް ލަފާ ދީފައި ވެއެވެ.
އިންޑިއާއިން އާ ކަމެއް ނޫން
ރާއްޖެއިން ބޮންޑެއް ގަތުމަކީ "އެކުވެރި އިންޑިއާ" އިން އަލަށް ކުރާ ކަމެއް ނޫނެވެ. އެ ގައުމުން ރާއްޖެ އަށް 2012 ވަނަ އަހަރު ވެސް މިފަދަ "އެހީ" އެއް ހަމަ ބަޖެޓް ސަޕޯޓަށް ވެދިނެވެ. ދެހާސް އެގާރަ ވަނަ އަހަރު އައްޑު އަތޮޅުގައި ބޭއްވި ސާކް ސަމިޓުގައި ދޭން އެއްބަސްވި އެހީގެ ދަށުން އެސްބީއައި އިން 2012 ވަނަ 100 މިލިއަަން ޑޮލަރުގެ ބޮންޑެއް ގަތެވެ. މި ބޮންޑު ވެސް ދިވެހި ސަރުކާރުން ވިއްކީ 10 އަހަރު ދުވަހުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް ނަގާ ލޯނެއްގެ ގޮތުގަ އެވެ. އަދި އެ ލޯނުގެ އިންޓަރެސްޓް ރޭޓަކީ އަހަރަކު 1.5 ޕަސެންޓެވެ.
ނަމަވެސް ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވެ ހިނގައި ދިޔަ އެތައް ކަމެއްގެ ތެރޭގައި 10 އަހަރަށް ދޫކުރި "އެހީ" އަވަހަށް ވަގުތުން ދައްކަން އިންޑިއާއިން އެންގުމާއެކު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ކުރީކޮޅު އެއް ފަހަރާ 100 މިލިއަން ޑޮލަރު ދައްކާފައި އެކަން ނިންމާލީ އެވެ.
އެހެންވެ މި "އެހީ" އަކީ ދައްކާ ހަލާސް ކުރަން 10 އަހަރު ލިބޭ "އެހީއެއް ކަމަށް ވިއަސް އިންޑިއާ އިން ބޭނުން ވެއްޖެ ހާލަތެއްގައި "ކުރު ގަޅުވާލައި" މި ބޮންޑަކީ ދަރަނީގެ "މަޅި އަކަށް" ހެދުމުގެ ފުރުސަތު ވެރިރަށް ނިއުދިއްލީގެ މުށުތެރޭގައި އަދި ބެންގަލޫރުގައި ހުންނަ ދިވެހި ރާއްޖެއަށް ހާއްސަ ސްޓެރެޓެޖީކް އޮފީހަށް އޮންނާނެ އެވެ. މިއީ މި "އެހީ" ގެ އެއް ސިފަ އެވެ.
މީ ބޮންޑު ގަތް އިންޑިއާގެ އެސްބީއައި ބޭންކްއަށް ލިބޭނެ ކޮން ފައިދާއެއް ހެއްޔެވެ؟ މި ބޮންޑު ރިއަލައިޒްވާ ހިސާބުން ފެށިގެން މި ބޭންކުގެ ރާއްޖޭގެ ބްރާންޗަށް ކޮންމެ އަހަރު އެވްރެޖް ގޮތެއްގައި ސާފު ފައިދާގެ އެތައް މިލިއަން ޑޮލަރެއް ލިބޭނެ އެވެ. އެހެންވީމާ އެ ބޭންކުން އެއްވެސް "ވޮރީ" އެއްނެތި ހިދުމަތް ދީ އަދި އެސްބީއައިގެ ރާއްޖޭގެ ބްރާންޗް ވެގެން ދާނީ މި ބޭންކުން ބޭރުގައި ހިންގާ "އެންމެ މުއްސަނދި" އެއް ގޮތްޕަށެވެ.
އެކަމަކު މި ހާލަތަށް މުހިންމު އެހީއެއް
ރާއްޖެއަށް ބޭރު ފައިސާ ވަންނަ މައިގަނޑު ސިނާއަތަކީ ޓޫރިޒަމެވެ. ޓޫރިޒަމުން ދައުލަތުގެ ހަޒާނާއަށް ފައިސާ ވަނުން އެއްކޮށް ވަނީ ހުއްޓިފަ އެވެ. ކުޑަކުޑައިކޮށް ޓޫރިޒަމް ޕިކްކުރާ ތަން މިހާރު ފެނުނަސް ހަމަޖެނެން އަދި ވަރަށް ދުވަސް ނަގާނެ އެވެ. އެހެންވެ، ރާއްޖޭގެ ފޮރިން އެކްސްޗޭންޖް މާކެޓް ހިފެހެއްޓޭނެ ގޮތެއް ބޭނުންވެ އެވެ. ސަބަބަކީ ރާއްޖެއަކީ އިމްޕޯޓަށް އިންތިހާއަށް ޑޮލަރު ބޭނުންވާ ގައުމަކަށްވާތީ އެ އެވެ. ރާއްޖޭގެ ރިޒާވަށް ދިރުން ގެންނަން އެބަ ޖެހެ އެވެ. ރާއްޖޭގެ ޖުމްލަ ރިޒާވުގައި 700 މިލިއަނެއްހާ ޑޮލަރު ހުއްޓަސް ބޭނުންކުރެވޭ، އަތްލެވޭ ރިޒާވް ނުވަތަ ޔޫޒަބަލް ރިޒާވްފައި މިހާރު ހުރީ 155.64 މިލިއަން ޑޮލަރެވެ. އެހެންވެ، މި ފައިސާ ވެފައި ވަނީ ރިޒާވް މެއިންޓެއިން ކުރަން މި ވަގުތު މަރުކަޒީ ބޭންކް އަށް ލިބޭނެ "ރަންގަނޑަކަ" ށެވެ.
އެކަމަކު މިއާއެކު އެމްއެމްއޭގެ ބޮލުގައި ރިހެމުން ވެސް ދާނެ އެވެ. އެއީ އަންނަ އަހަރު ޑިއުވާ ޕޭމަންޓް ތަކެއް އޮތުމެވެ. ޑޮލަރު ނެރުމުގައި އެމްއެމްއޭއިން އެކަމަށް ވަރަށް ވިސްނާނެ އެވެ. ވިސްނަން ޖެހޭނެ އެވެ.
އިގްތިސޯދީ މާހިރުން ދެކެވަޑައިގަންނަވާ ގޮތުގައި އިންޑިއާއިން ހޯދި މި ފައިސާއަކީ ރާއްޖޭގެ މި ހާލަތަށް ބަލާއިރު މުހިންމު އެހީއެއްގެ ގޮތުގައި ބެލުމުގެ ފުރުސަތު އެބައޮތެވެ.
"ހަގީތަކަކީ މިއީ މި ހާލަތަށް މުހިންމު އެހީއެއް. ލޯނެއްގެ ގޮތުގައި ވޯކް ކުރާނެ ކަމަށް ވިސްނަން ޖެހޭ. އެކަމަކު މިހާރު ލޯނެއްގެ ގޮތުގައި ބެލުމަށް ވުރެ އެހީއެއްގެ ގޮތުގައި ވިސްނުން ވެސް މުހިންމު،" އެއް ބޭފުޅަކު ވިދާޅުވި އެވެ.
ޑޮލަރުގެ "ޑޯޒެއް" ބޭނުންވާ ވަގުތެއް
ރާއްޖެއަށް އިމްޕޯޓަށް އާއްމުކޮށް 200 މިލިއަން ޑޮލަރުގެ ހޭދަވެ އެވެ. ނަމަވެސް ކޮވިޑް-19 އިގެ ސަބަބުން އިމްޕޯޓަށް 30 އަކަށް ޕަސެންޓް ދަށްވެފައި ވާތީ މިހާރު އެވްރެޖު ގޮތެއްގައި ހޭދަވަނީ 150 މިލިއަން ޑޮލަރުވަރެވެ. އެމްއެމްއޭއިން އެވްރެޖު ގޮތެއްގައި ހަފުތާއަަކު ދެ މިލިއަންހާ ޑޮލަރު ބޭންކް ތަކަށް ދޫކުރާ ކަމަށްވެ އެވެ. ރިޒާވް ދަށްވުމުގެ ސަބަބުން މިހާރު ފައިސާ ދޫކުރަނީ ޒަރޫރީ ކާބޯތަކެއްޗާއި ބޭސް ފޯރުކޮށް ދޭށެވެ. ނަމަވެސް އިންޑިއާގެ މި ފައިސާ ވަނުވާއެކު ވަގުތީ ގޮތުން ނަމަވެސް ރިޒާވް އިތުރުވާ ތަން ފެންނާނެ އެވެ. އެހެންވެ މިއީ ގުތީ ގޮތުން ނަމަވެސް "ޑޮލަރުގެ ޑޯޒެއް" އިކޮނޮމީއަށް އިންޖެކްޓް ކުރަން ޖެހޭ ވަގުތެކެވެ. އިގްތިސޯދީ މާހިރުން ވެސް މި ހަމަ ގަބޫލު ކުރައްވަ އެވެ.
މި ހާލަތުގައި ޑޮލަރުގެ އިންޖެކްޝަނެއް އިގްތިސޯދަށް މުހިންމު ވަނީ ކީއް ވެގެންތޯވެސް ބަލައިލަން ޖެހެ އެވެ. އެއް ކަމަކަށް މިހާރު ފޮރިން އެކްސްޗޭންޖުގެ "ޕެރަލަލް މާކެޓް" ނުވަތަ އާއްމު ބަހުރުވައިން ބުނާނަމަ "ޑޮލަރުގެ އަނދިރި ބާޒާރާ" އެކު އުފެދިފައިވާ ހާސްކަން ނައްތާލެވޭނެ، ނޫނީ މިނިމައިޒް ކުރެވޭނެ އެވެ. މިހާރު އުފެދިފައިވާ ކަޅު ބާޒާރުގެ ރޭޓް ދަށް ނުކުރެއްވިޖެ ނަމަ ކުރިޔަށް އޮތް ދަތި ހަމަހުގެ ކުރީކޮޅުގެ މަސްތަކުގެ ތެރޭގައި ދިވެހި ރައްޔިތުން ހަނާވެގެން ދާތަން ފެނިގެން ދާނެ އެވެ. ސަބަބަކީ މުދަލުން އެވްރެޖު ގޮތެއްގައި 20 ޕަސެންޓު ވަރުގެ އުފުލުމެއް މިހާރު ވެސް ފާހަގަވެފައިވާތީ އެވެ. މި ބަދަލު އަންނަން ދިމާވި ސަބަބަކީ ވެސް އިމްޕޯޓަށް ބޭނުންވާ ވަރަށް ޑޮލަރުގެ ނުލިބުމެވެ.
"އެހެންވެ، މިހާލަތުގައި 20 މިލިއަން ޑޮލަރު ވަރު އިންޖެކްޓްކޮށްލުން ހަމަ ރަނގަޅު. އެހެން ހަދައިފިނަމަ ސިގުނަލެއް ދެވިގެން ދާނެ. މިހާރު ބޭނުން ވަނީ ސިގްނަލް ދިނުން. މި ބަދަލުން ޑޮލަރު ވެއްޓޭނެ. އެހެންވީމަ މި ޑިސިޝަން ނެގުން ހަމަ އެންމެ ރަނގަޅު ކަމެއް މިއީ،" އިގްތިސޯދީ މާހިރަކު ވިދާޅުވި އެވެ.
ސަރުކާރުން މި ފަދަ ހާލަތްތަކުގައި ހޯދާ އެހީގެ ބޮޑުބައި ވަންނާނީ ދަރަންޏެށެވެ. ސަބަބަކީ ރިކަރަންޓް އެކްސްޕެންޑިޗާ އަށް އެ އެހީ ބޭނުން ކުރަން ޖެހޭތީ އެވެ. އިންޑިއާގެ މި 250 މިލިއަން ޑޮލަރަކީ ވެސް ހަމަ ދައުލަތް ހިންގަން ހޯދި ފައިސާ އެވެ. އެހެންވެ މީގެން ޑޮލަރުގެ މާކެޓަށް ހެޔޮ ބަދަލެއް ގެނައުން ނޫން ވަކިން މޮޅެއް ޕްރައިވެޓް ސެކްޓާއަކަށް ވާނެ ކަމަށް ނުބެލެވެ އެވެ. އެކަމަކު އިންޑިއާ އިން މި ވަގުތު ދިން މި 250 މިލިއަން ޑޮލަރު ވެގެން ދަނީ މިހާލަތަށް މުހިންމު އެހީއަކަށެވެ. މިއީ ފަހުން ދައްކަން ޖެހޭ ލޯނަކަށް ވިއަސް މިއީ މިހާތަލަށް ބަލާއިރު ހަމަ "އެހީއެއް" ގެ ގޮތުގައި ބެލިދާނެ އެވެ. ލޯނު ދައްކާނީ ފަހުންތާ އެވެ. އެކަމަކު މައްސަލައަކީ މި ހަގީގަތް ކިޔައި ނުދޭތީ އެވެ.