އަކެޝޭ ކްމާރު

އަކްޝޭގެ 18 އަހަރުވީ ރޫލް "ބެލްބޮޓަމް" އަށް ބަދަލުކޮށްފި

އަކްޝޭ ކުމާރަކީ އަބަދުވެސް ވަރަށް ދީލަތި ކަމަށް މަޝްހޫރު މީހެކެވެ. ފިލްމު އިންޑަސްޓްރީގެ މީހަކަށް ވިޔަސް އަދި އެނޫން މީހަކަށް ވިޔަސް މީހަކަށް ބޮޑު ކަމެއް ދިމާ ވެގެން އުޅޭކަން އެނގިއްޖެނަމަ އެންމެ ފުރަތަމަ ދީލަތިކަމުގެ އަތް ފޯރުކޮށްލާ ބޮލީވުޑް ތަރިންގެ ތެރޭގައި އަކްޝޭ ހިމެނޭނެ އެވެ. ކޮރޯނާވައިރަހުގެ ބޮޑު ވަބާ އިންޑީޔާއަށް ލައިގަތުމުން ވެސް އެންމެ ދީލަތިކަމާއެކު އެމީހެއްގެ މުށް ހުޅުވާލި އެއް އެކްޓަރަކީ އަކްޝޭ އެވެ. ހާލުގައި ޖެހިފައިވާ މީހުންނަށް ތަފާތު އެހީތެރި ފޯރުކޮށްދިނުމުގެ އިތުރުން ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންނަށާއި އިންޑަސްޓްރީގައި ތިބި ދުވަހު މުސާރަވެރިންގެ ވެސް ގިނަ ބަޔަކަށް އަކްޝޭ ވަނީ ވަރަށް ދީލަތި އެހީތަކެއް ވެދީފަ އެވެ.

މިފަހަރު އޭނާގެ ދީލަތިކަމުގެ ނަމޫނާ ދެއްކީ މިހާރު އޭނާ ކުޅެމުންދާ "ބެލްބޮޓަމް" ގެ ޕްރޮޑިއުސަރުންނަށެވެ.

ބޮޑު ބަލިމަޑުކަމެއް ދުނިޔެއަށް ކުރިމަތިވެފައިވާ މިފަދަ ދަނޑިވަޅެއްގައި "ބެލްބޮޓަމް" ގެ ކާސްޓުންނާއި ކުރޫންގެ ގިނަ އަދަދެއްގެ މީހުން ގޮވައިގެން ޗާޓަރު ފްލައިޓެއްގައި އަކްޝޭ އާއި ޕްރޮޑިއުސަރުން މިވަގުތު ގޮސް ތބީ ސްކޮޓްލެންޑްގަ އެވެ.

ސްކޮޓްލެންޑްގެ ރީތި ވާދީތަކުގައި ފިލްމުގެ ޝޫޓިން ކުރިޔަށް ދާއިރު އަކްޝޭ ވަނީ ފާއިތުވީ 18 އަހަރު ދުވަހުއްސުރެ ފިލްމު ކުޅުމުގައި އޭނާ ގެންގުޅެމުންދިޔަ އެއް އުސޫލަށް މި ފިލްމުގައި އަމަލު ނުކުރަން ނިންމާފަ އެވެ. އެއީ ރެޔަކާ ދުވާލު އަށް ގަޑިއިރަށް ވުރެ ގިނައިރު ފިލްމު ޝޫޓިންގައި ހޭދަ ނުކުރުމަށް އޭނާ ކަނޑައަޅައި ފާއިތުވީ 18 އަހަރުއްސުރެ އަމަލު ކުރަމުން ދިޔަ އުސޫލެވެ.

އިންޑިޔާގެ ލޮކްޑައުންއަށް ދިން ލުއިތަކާއެކު ޗާޓަރު ފްލައިޓެއްގައި ފިލްމުގެ ކާސްޓާއި ކުރޫން ސްކޮޓްލެންޑަށް ގެންގޮސް އެ ގައުމުގައި 14 ދުވަހު ކަރަންޓީނުގައި ތިބުމަށްފަހު ޝޫޓިން ފެށިއިރު ޕްރޮޑިއުސަރުން އަތުން ވަރަށް ގިނަ އަދަދެއްގެ ފައިސާ ވަނީ ހޭދަވެފަ އެވެ. އެހެންވެ އޭނާގެ އަށް ގަޑިއިރު ޝޫޓްކުރުމުގެ އުސޫލަށް ބަދަލު ގެނެސް ޑަބަލް ޝިފްޓަށް މަސައްކަތްކުރުމުގެ ޚިޔާލު ޕްރޮޑިއުސަރުންނަށް ދިނީ ވެސް ޚުދް އަކްޝޭ އެވެ. ފިލްމުގެ ބަޖެޓް ބޮޑުވެ ޕްރޮޑިއުސަރުންގެ ޖީބަށް ކުރާ ބާރު ބޮޑުވަމުންދާ ވަރު އިހްސާސް ކުރެވިގެންނެވެ.

ކޮންމެ ދުވަހަކުވެސް ދެ ޝިފްޓަށް ގިނަ ވަގުތު ޝޫޓް ކުރެވިއްޖެނަމަ ވަރަށް ބޮޑު އެއްޗެއް ސަލާމަތް ކުރެވޭނެ ކަން އަކްޝޭ އަށް ވެސް ގަބޫލު ކުރެވެ އެވެ. އެހެންވީމާ މި ފިލްމަށް ޚާއްސަކޮށް އޭނާ މިފަދަ ގޮތަކަށް ޝޫޓިން ކުރިޔަށް ގެންދަން ނިންމީ އެވެ.
"ބެލްބޮޓަމް" އުފައްދަނީ ޕޫޖާ އެންޓަޓައިންމަންޓްގެ ފަރާތުން ޕްރޮޑިއުސަރު ޖެކީ ބަގްނާނީ އެވެ.

ޕްރޮޑީއުސަރު ބުނި ގޮތުގައި އަކްޝޭ އަކީ ހުރިހާ މީހުންނާ ދޭތެރޭ ވެސް އެއްވަރަކަށް ވިސްނާ އެކްޓަރެކެވެ. އަބަދުވެސް އެހެން މީހުންނަށް ކުރިމަތިވެދާނެ އުނދަގުލަކަށް އޭނާ ވިސްނާ ފިކުރު ކުރެ އެވެ. އެތައް ޒަމާނަކުއްސުރެ އަމަލުކުރަމުންދިޔަ ގޮތް ވެސް އޭނާ ބަދަލުކުރީ ޕްރޮޑިއުސަރުންނާ މެދު ވިސްނާފަ އެވެ.