ހަބަރު

ލޯންޗްގައި ދިން ހަމަލާގެ ތުހުމަތު ވަކި މީހަކަށް ރައީސް ނުކުރައްވާ: މަޖިލިސް މެންބަރުން

  • ރައީސްއަށް އަމާޒު ކުރި ހަމަލާގެ އެންމެ ފަހުގެ މައުލޫމާތު ދެއްވި
  • ޖޭޕީގެ މެންްބަރުންނާ އެކު 60 މެންބަރުން ބައިވެރިވި
  • ނައިބު ރައީސް މިއަދު ބައިވެރިވެ ވަޑައި ނުގަންނަވާ

ރައީސް މައުލޫމާތު ދެއްވީ ރިޔާސީ ލޯންޗުގައި އެއްޗެއް ގޮވި ހާދިސާއާ ބެހޭގޮތުން ކަމަށާއި ވަކި މީހަކަށް ތުހުމަތުކޮށް އެ ނިސްބަތްވާ ވާހަކަފުޅު ނުދައްކަވާ ކަމަށް ސަރުކާރުގެ ކޯލިޝަނުގެ ޕީޖީ ގްރޫޕުގެ ބައްދަލުވުމަށް ވަޑައިގަތް މެންބަރުން ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީވެސް ހިމަނައިގެން މިއަދު މުލީއާގޭގައި ބޭއްވި ސަރުކާރުގެ ކޯލިޝަނުގެ ޕީޖީ ގްރޫޕުގެ ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ، މިއަދުގެ ބައްދަލުވުމަކީ ރައީސްގެ ލޯންޗުކޮޅުގައި ހިންގައިދިޔަ ހާދިސާއާ ގުޅިގެން ބޭއްވި ބައްދަލުވުމެއް ކަމަށެވެ. އެ ހާދިސާއާއި ގުޅިގެން މިހާތަނަށް ލިބިފައިވާ މައުލޫމާތު ރައީސް ހިއްސާ ކުރައްވާފައިވާ ކަމަށާއި އެއީ ތަހުގީގީ މަރުހަލާއެއްގައިވާ ކަމަކަށް ވާތީ ވަކި މީހަކާއި ދިމާލަށް ތުހުމަތުގެ އިނގިލި ދިއްކޮށްލެވެން ނެތް ކަމަށް ރައީސް ވިދާޅުވި ކަމަށް ގާސިމް ވިދާޅުވި އެވެ.

".. ވަކި ނިންމުމެއް ނިންމާކަށް ނޫން ރައީސް ބައްދަލުކުރެއްވީ. ވަކި ބޭފުޅަކާއި ދިމާލަށް އިނގިލި ދިއްކުރާކަށް ވެސް ނޫން. މި ހާދިސާގެ އެންމެ ފުނަށް ތަހުގީގު ކުރުމުގެ މުހިއްމު ވާހަކަ ދެއްކެވި. އަޅުގަނޑުމެންވެސް އެގޮތަށް ދެންނެވިން. އެއީ ގައުމުގެ ސަލާމަތަށް ކޮންމެހެން ކުރަންޖެހޭ ވަރަށް މުހިއްމު ކަމެއް،" ގާސިމް ވިދާޅުވި އެވެ.

ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޕާާޓީތަކުގެ ޕީޖީ ބައްދަލުވުމަކަށް ޖުމްހޫރީ ޕާޓީން ވަޑައިގެންނެވީ ކީވެތޯ ނޫސްވެރިއަކު ދެންނެވުމުން ގާސިމް ވިދާޅުވީ، އެޕާޓީގެ މެންބަރުން ބައްދަލުވުމަށް ވަޑައިގެންނެވީ ރައީސްގެ ދައުވަތުފުޅަކަށް ކަމަށެވެ. އަދި ޖުމްހޫރީޕާޓީން އޮތީ ރައީސް އާއި ސަރުކާރާއި އެކުގައި ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.

ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ، މިއަދުގެ ބައްދަލުވުމުގައި ލޯންޗުގައި ހިންގި ހާދިސާއާއި ގުޅިގެން ރައީސްގެ ބައެއް ކަންބޮޑުވުންތައް ހިއްސާ ކޮށްފައިވާ ކަމަށެވެ. އަދި މި ދަނޑިވަޅުގައި މެންބަރުން އަމަލުކުރަން ޖެހޭ ގޮތާއި ބެހޭ ގޮތުންވެސް އެމަނިކުފާނު ވާހަކަފުޅު ދައްކަވާފައިވާ ކަމަށްވެސް ނިހާން ވިދާޅުވި އެވެ.

އާންމުގޮތެއްގައި ސަރުކާރުން ޕީޖީ ގްރޫޕާއި އެކު ކުރާ މަޝްވަރާތަކުގައި ނައިބު ރައީސް އަހުމަދު އަދީބު ބައިވެރިވެ ވަޑައިގަންނަވައެވެ. ނަމަވެސް މިއަދުގެ ބައްދަލުވުމުގައި ނައިބު ރައީސް ބައިވެރިވެވަޑައިގަންނަވާފައެއް ނުވެ އެވެ.

ބައްދަލުވުމުގައި ނައިބު ރައީސް ބައިވެރިވެވަޑައި ނުގެންނެވީ ކީއްވެތޯ ސުވާލުކުރުމުން ނިހާން ވިދާޅުވީ، މިއަދުގެ ބައްދަލުވުމަކީ ސަރުކާރުގެ އިސްވެރިއެއްގެ ހައިސިއްޔަތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރައީސް ކޮންމެހެން ދެއްވަން ބޭނުންފުޅުވި މައުލޫމާތުތަކެއް ދެއްވަން ބޭއްވި ބައްދަލުވުމެއް ކަމަށެވެ. އަދި ބައްދަލުވުމުގައި ނައިބު ރައީސްގެ ވާހަކައެއް ނުދައްކަވާ ކަމަށެވެ.

".. މިއީ ހާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދެއްވުމަށް ބޭނުންފުޅުވާ މައުލޫމާތު ދެއްވަން ބޭއްވި ބައްދަލުވުމެއް. މި ނޫނަސް އަޅުގަނޑުމެންނާއި ރައީސް ކޮންމެ ދުވަހަކުވެސް ބައްދަލުވެ ވަޑައިގަންނަވާ. ހާޢްސަކޮށް އެމްޑީއޭ އަދި ޖުމްހޫރީ ޕާޓީގެ މެންބަރުންވެސް އަދި ގާސިމް އިބްރާހިމް ވެސް ހިމެނޭ ގޮތަށް ކޮންމެ ރެއަކު ކަހަލަ ގޮތަކަށް ހަމަ އައިޖީއެމްއެޗް ގައި އަޅުގަނޑުމެން ގަޑި ދެގަޑި އިރު އެބަ ތިބެމު ރައީސް އަރިހުގައި، އެކި ވާހަތަކުގައި،" ނިހާން ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި އެމްޑީއޭ، ޖުމްހޫރީ ޕާޓީ އަދި ޕީޕީއެމްގެ ޕީޖީ ގްރޫޕަށް ނިސްބަތްވާ 60 ބޭފުޅުން ވަނީ ބައިވެރިވެވަޑައިގަންނަވާފަ އެވެ.