ޔުވެންޓާސް

އެހެން މީހެއްގެ ހިޔާލު ކޮޕީއެއް ނުކުރަން: ޕިރްލޯ

ޔުވެންޓަސްގެ ޓީމު އޭނާ ބައްޓަން ކުރަނީ، އޭނާގެ އަމިއްލަ ވިސްނުމާއި ހިޔާލުގެ މައްޗަށް ކަމަށް، އެ ޓީމުގެ ކޯޗް އަންޑްރެއާ ޕިރްލޯ ބުނެފި އެވެ.

ހެޑް ކޯޗްގެ ގޮތުގައި ޕިރްލޯ ފުރަތަމަ ކުރިމަތިލި ރަސްމީ މެޗުގައި ޔުވެންޓަސް ވަނީ ސަމްޕްޑޯރިއާގެ މައްޗަށް 3-0 ން މޮޅުވެފަ އެވެ. ޔުވެންޓަސް މެޗު ކާމިޔާބު ކުރީ ޑެޔާން ކްލްސެލްވްސްކީ އާއި ލިއަނޯޑޯ ބަނޫޗީ އަދި ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑުތަކުންނެވެ.

ޕިރްލޯގެ ފުރަތަމަ މެޗުގައި ޔުވެންޓަސް ވަނީ ހުރީހާ ޑިޕާޓެމެންޓަކުން ގޭމް ކޮންޓްރޯލް ކޮށްފަ އެވެ. ތަނަވަސް ފުރުސަތުތަކެއް ސަމްޕްޑޯރިއާއަށް ލިބިދީފައެއް ނުވެ އެވެ. މެޗަށް ފަހު ވާހަކަ ދައްކަމުން ޕިރްލޯ ބުނީ އޭނާ މަސައްކަތް ކުރަނީ ހުރިހާ ޑިޕާޓްމެންޓެއްގައި ވެސް ބެލެންސް ޓީމެއް ބިނާ ކުރުމަށް ކަމަށެވެ. އޭނާ ބުނީ އެ ފިލޯސަފީއަށް މަސައްކަތް ކުރުމުގައި އެހެން އެއްވެސް މީހެއްގެ ހިޔާލެއް އޭނާ ކޮޕީކޮށް ޕޭސްޓް ނުކުރާ ކަމަށެވެ.

"އަހަރެން ބޭނުމެއް ނެތް އެހެން މީހެއްގެ ހިޔާލެއް ކޮޕީކޮށްފައި ގެނެސް ހަމަ ޕޭސްޓް ކުރާކަށް، އަހަރެންގެ އެބަހުރި އަހަރެންގެ އަމިއްލަ ހިޔާލުތަކެއް، އަހަންނަށް އިންސްޕަޔާވާ ގޮތަށް އަހަރެން އެޑްޕްޓް ކުރާނަން،" ޕިރްލޯ ވާހަކަ ދެއްކި އެވެ. "ޕްރީ ސީޒަންގައި މާ ގިނަ ވަގުތުތަކެއް ނުލިބޭ، ގައުމީ ޓީމަށް ވަގުތު ހުސް ކުރަން ޖެހުމުން، އަހަރެމެންނަށް ކުޅެވުނީވެސް އެންމެ ފްރެންޑްލީއެއް، ނަމަވެސް އެއީ ރަނގަޅު ފެށުމެއް، އެގޮތުގައި އަހަރެމެން މަސައްކަތް ކުރަމުން ދާނަން."

ޕިރްލޯ ޓީމު އެކުލަވާލި ގޮތުން 5-4-1 ށް ޓީމުގެ ގްރާފް އޮތް ނަމަވެސް ޑިފެންސް އަތުރާލީ ތިން ކުޅުންތެރިންނެވެ. އަދި އިދިކޮޅު ޓީމު އެޓޭކް ކުރާއިރު ހަތަރަކަށް ބަދަލު ކުރެ އެވެ.

"އަހަރެމެން މެޗުގައި ތިބި ހަތަރު ސެންޓްރަލް މިޑްފީލްޑަރުން، ނަމަވެސް އަހަރެންގެ ހިޔާލުގައި ދެ ސެންޓްރަލް މިޑްފީލްޑަރުންނާއެކު މާ ރަނގަޅަށް މަސައްކަތް ކުރޭ، އެހެންވީ އަހަރެމެން މަސައްކަތް ކުރީ އެ ސިސްޓަމް ބޭނުން ކުރަން، ހަތަރު ޑިފެންޑަރުންނާއެކު ޑިފެންސްކޮށްފައި އެޓޭކްގައި ތިންކުޅުންތެރިންގެ ތެރެއަށް އިތުރު ދެ ކުޅުންތެރިން އިތުރުކޮށް އެޓޭކް ކުރަނީ."

މެޗަށް ފަހު ވާހަކަ ދައްކަމުން ބަނޫޗީ ބުނީ، ޔުވެންޓަސްގެ ކުރީގެ ކޯޗް މައުރީޒިއޯ ސާރީ އާއި ޕްރްލޯއާ ތަފާތުތަކެއް އެބަހުރި ކަމަށެވެ. ދަނޑުމަތީގައި ޕިރުލޯ ކުޅުންތެރިންނަށް މާބޮޑަށް ފްރީޑަމް ދޭ ކަމަށް ބަނޫޗީ ބުންޏެވެ.