ދުނިޔޭގެ ބޮޑެތި ބޭންކުތައް މެދުވެރިކޮށް ކަޅު ފައިސާއަށް ޝައްކުކުރެވޭ މާލީ މުއާމަލާތްތައް ތަހުގީގުކުރާ އެމެރިކާގެ ފައިނޭންޝަލް ކްރައިމްސް އެންފޯސްމަންޓް ނެޓްވާކް (ފިންސެން) ގެ ގިނަ ލިޔެކިއުންތަކެއް ލީކޮށްލާފައި ވާއިރު، ރާއްޖޭގައި ހިންގާ ދެ ބޭންކަކަށް އެކި ފަހަރު މަތިން ބައި މިލިއަނަށް ވުރެ ގިނަ ޑޮލަރު ވަދެފައިވާކަން ހާމަވެއްޖެ އެވެ.
އެމެރިކާގެ ޓްރެޒަރީ ދަށުން ހިންގާ އެ އިދާރާއަށް ދުނިޔޭގެ ކޮންމެ ގައުމެއްގައި ވިޔަސް އެމެރިކާ ޑޮލަރުން ކުރާ މުއާމަލާތްތައް ރިޕޯޓު ކުރަންޖެހޭއިރު އެ ފަދަ މުއާމަލާތަކަށް ޝައްކު ކުރެވޭނަމަ، ބޭންކުތަކުން ސަސްޕިޝަސް އެކްޓިވިޓީ ރިޕޯޓް (އެސްއޭއާރު) މެދުވެރިކޮށް އަންގަންޖެހެ އެވެ.
އެގޮތުން، ލީކޮށްލާފައިވާ 2،500 އެއްހާ ޑޮކިޔުމަންޓުތައް އިންވެސްޓިގޭޓިވް ޖާނަލިސްޓުންގެ ނެޓްވޯކަކުން ދިރާސާ ކޮށްފައިވާއިރު، ކަޅު ފައިސާ ލޯންޑާ ކުރާ ކަމަށް ޝައްކު ކޮށްގެން ރިޕޯޓު ކޮށްފައިވާ އަދަދު ދެ ޓްރިލިއަން ޑޮލަރަށް އަރަ އެވެ.
ފިންސެންފައިލްސް އިން ދައްކާ ގޮތުގައި 2015 އާއި 2017 އާ ދެމެދު ޖުމްލަ 18 މުއާމަލާތެއް 501،359 ޑޮލަރު، ރާއްޖޭގައި ހުންނަ އެސްއެސްބީސީ އާއި ސްޓޭޓް ބޭކް އޮފް އިންޑިއާ (އެސްބީއައި) އަށް ވަދެފައިވެ އެވެ.
މި ފައިސާ ފޮނުވާފައި ވަނީ ޖަރުމަނުގައި ހުންނަ އިންވެސްޓްމަންޓް ބޭންކެއް ކަމަށްވާ ފަވަލްޓުންގް ޕްރައިވެޓް ބޭންކް (ވީޕީ ބޭންކް އޭޖީ) މެދުވެރިކޮށް ޗައިނާ އިންވެސްޓްމަންޓް ކޯޕަރޭޝަނުންނެވެ.
އެގޮތުން، ސެޕްޓެމްބަރު 17، 2015 އިން މާޗް 17، 2016 އާ ދެމެދު އެސްބީއައި އަށް 12 މުއާމަލާތެއް މެދުވެރިކޮށް 296،928.14 ޑޮލަރު ފޮނުވާފައިވެ އެވެ. މީގެ އިތުރުން، އެޗްއެސްބީސީ އަށް ނޮވެމްބަރު 27، 2015 އިން މާޗް 8، 2016 އަށް ހަ މުއާމަލާތެއް މެދުވެރިކޮށް ޖުމްލަ 204،430.75 ޑޮލަރު ވަދެފައިވެ އެވެ.
ނަމަވެސް، އެ މުއްދަތުގެ ތެރޭގައި ރާއްޖެ މެދުވެރިކޮށް އެ ޝައްކުކުރެވޭ އެއްވެސް ފައިސާއެއް ބޭރުކޮށްފައެއް ނުވެ އެވެ. މި ލީކާއެކު ދުނިޔޭގެ އެންމެ ބޮޑެތި ބޭންކުތަކަށް ތުހުމަތުގެ އިނގިލި އަމާޒުވެފައިވާއިރު، އެކަމުގައި ގޯސްކޮށް ކަމެއްކޮށްފައި ނުވާނެކަމަށް އެ ބޭންކުތަކުން ވަނީ ބުނެފަ އެވެ.