ކުޅިވަރު

ފަސް އަހަރަށް ފަހު ލަންކާގެ ކީޕަރު އީގަލްސް ދޫކޮށްލައިފި

ކުލަބު އީގަލްސްއަށް ފަސް އަހަރު ކުޅުމަށް ފަހު ލަންކާގެ ގައުމީ ޓީމުގެ ކީޕަރު ޑޮސް ސޫޖަން ޕެރޭރާ އެ ކުލަބު ދޫކޮށްލައިފި އެވެ.

ސޫޖަން، އީގަލްސް އާ ގުޅުނީ 2015 ވަނަ އަހަރު ސީޒަންގެ މެދުތެރެއިންނެވެ. އޭރު ކުލަބު އީގަލްސްގެ ކީޕަރު ލަބާން ޝަރީފް މޭޑޭ މުޒާހަރާގައި ފުލުހަކަށް ހަމަލާ ދިނުމުން އޭނާ ހައްޔަރު ކުރުމުން، އީގަލްސްއިން ގެނައީ ސުޖަން އެވެ. ގައުމީ ޓީމުގެ ގޯލްކީޕަރު ކޯޗް އަސްލަމް އަބްދުރަހީމްގެ ޓްރޭނިންގެ ދަށުން ސުޖަން އީގަލްސްގައި މޮޅު ކުޅުމެއް ދެއްކި އެވެ.

ދިވެހި ޕްރިމިއާ ލީގްގައި ދެއްކި މޮޅު ކުޅުމާއެކު، ލަންކާގެ ޓީމުގެ އެއް ވަނަ ކީޕަރަށް ސުޖަން ވެގެން ދިޔަ އެވެ. އަދި ފަހުން އޭނާ އަކީ އެ ޓީމުގެ ކެޕްޓަންވެސް މެއެވެ. އޭނާގެ ހުނަރު ތަރައްގީ ވެގެން ދިއުމުގައި އީގަލްސްގައި އަސްލަމް ތަމްރީންތައް މުހިންމު ދައުރެއް އަދާ ކުރިކަން ސުޖަން ފާހަގަ ކުރި އެވެ. ކުރިން އަވަސް އަށް ދީފައިވާ އިންޓަވިއުގައި ސުޖަން ބުނީ އޭނާގެ ކެރިއަރުގެ އެންމެ މޮޅު ކުޅުން ދެއްކެނީ އީގަލްސް އާ އެކު ހޭދަ (ކުރި) މުއްދަތުގައި ކަމަށެވެ.

މިދިޔަ ސީޒަންގެ ދިވެހި ޕްރިމިއާ ލީގްގެ ދެ ވަނަ އީގަލްސް އަށް ހޯދައިދީ އަންނަ އަހަރުގެ ޢޭއެފްސީ ކަޕް ކޮލިފިކޭޝަން ބުރަށް އީގަލްސް ގެންގޮސްދޭ ސުޖަން ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ. އޭނާ އަކީ 2017 ވަނަ އަހަރު ދިވެހި ޕްރިމިއާ ލީގްގެ އެންމެ މޮޅު ކީޕަރެވެ.

ސުޖަން ވަނީ އީގަލްސް ދޫކޮށްލަން ނިންމާފައިވާކަން އޭނާގެ ފޭސްބުކް ޕޭޖު މެދުވެރިކޮށް ހާމަ ކޮށްފަ އެވެ. ރޭ ދަންވަރު އަވަސްއާ ވާހަކަ ދައްކަމުން ސުޖަން ބުނީ އަންނަ ސީޒަންގައި އީގަލްސްގައި މަޑު ކުރުމާމެދު ކޮންމެވެސް ވަރަކަށް ވާހަކަތައް ދެކެވުނު ކަމަށެވެ.

"ނަމަވެސް އަހަންނަށް އެނގޭ ކޮންމެވެސް އެއްދުވަހަކުން އީގަލްސް ދޫކޮށްލަން ޖެހޭނެކަން،" ރޭ އަވަސް އާ ވާހަކަ ދައްކަމުން ބުންޏެވެ. "ހަމަ ހަގީގަތުގައިވެސް އަހަންނަށް ފަސޭހަ ނިންމުމެއް ނޫން އީގަލްސް ދޫކޮށްލުމަކީ، އެއީ އަހަރެންގެ ގެ، ރާއްޖެއަކީ އަހަރެންގެ ދެ ވަނަ ގައުމު."

އޭނާ ބުނީ އެންމެ ފަހު ވަގުތާ ހަމައަށްވެސް އީގަލްސްގެ މެނޭޖުމެންޓުން އޭނާއާ މެދު ވަރަށް ރަނގަޅަށް ކަންތައް ކުރި ކަމަށާއި އަބަދުވެސް އީގަލްސް މަތިން ހަނދާން ހުންނާނެ ކަމަށެވެ.

އީގަލްސްގެ ސީއީއޯ މުފާވިޒް ހާޝިމް (މުފާ) އަވަސް އަށް ވިދާޅުވީ އީގަލްސްއަށް ސުޖަން ކޮށްދިން ހިދުމަތް އީގަލްސްއިން އަބަދުވެސް ބަލައިގަންނަ ކަމަށެވެ. އަދި މުޅި އީގަލްސްއިން ސުޖަންގެ އަގުވަޒަން ކުރާ ކަމަށްވެސް މުފާ ވިދާޅުވި އެވެ. އެނާ ވިދާޅުވީ އިތުރު ކީޕަރަކު ހޯދުމުގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ.