ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އދ. ގެ ޗާޓަރުތަކަށް ރާއްޖެ ތަބާވާނެ: ރައީސް

އދ. ގެ ޗާޓަރުތަކަށް ރާއްޖެއިން އިހުތިރާމުކޮށް އެ ޗާޓަރުގައި ހިމެނޭ އަސާސްތައް ދެމެހެއްޓުމުގައި ދެމި އޮންނާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދެއްވައިފި އެވެ.

އެމަނިކުފާނު އެކަމުގެ ޔަގީންކަން ދެއްވާފައ ވަނީ ދިވެހިރާއްޖެއިން އދގެ މެންބަރަކަށްވިތާ 55 އަހަރު ފުރޭ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހާއްސަ މެސެޖުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އެމަނިކުފާނު ވިދާޅުވި ގޮތުގައި، އދ ގެ މެންބަރު ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ވަނީ ފާހަގަކޮށްލެވޭ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. ފާއިތުވި އަހަރުތަކުގެ ތެރޭގައި ރާއްޖެއިން ވަނީ އިގްތިސާދީ ރޮނގުން ބޮޑެތި ކުރިއެރުންތަކެއް ހޯދައި ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ ފަދަ ފަތުރުވެރިކަމުގެ ސިނާއަތެއް ގާއިމުކޮށް ކުރިއަރުވާފައި ކަމަށް ވިދާޅުވިއެވެ.

ރާއްޖެއަކީ ދުނިޔޭގެ ކުރިއަރާފައިވާ އެހެން ގައުމުތަކާއި އެއް ސަފެއްގައި ފައިތިލަ ސާބިތުކުރަމުންދާ ގައުމެއްކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ރާއްޖެއަކީ ކުދި އަދި ޖަޒީރާ ގައުމުތަކަށް ބަލާއިރު ބައިނަލްއަގްވާމީ މައިދާނުގައި އެންމެ ހަރަކާތްތެރިކޮށް މަސައްކަތް ކުރަމުންދާ އެއް ގައުމު ކަމަށެވެ.

އދ. ގެ މެންބަރު ގައުމެއްގެ ގޮތުގައި ލިބޭ ފުރުސަތުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ރާއްޖެއިން އަބަދުމެ ހިފަމުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރާއްޖެއިން އދގެ މެންބަރަކަށްވިތާ 55 އަހަރު ފުރޭ މި މުނާސަބަތަކީ އެ ޖަމިއްޔާއަށް 75 އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވަނީ އދ ޗާޓާއަށް ރާއްޖެއިން އިހުތިރާމުކޮށް،އެ ޗާޓަރުގައި ހިމެނޭ އަސާސްތައް ދެމެހެއްޓުމުގައި ދެމި އޮންނާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކަށް އޮތް ހައްލަކީ ބައިނަލްއަގުވާމީ މައިދާނުގައި އޮތް ގުޅުންތައް އިތުރަށް ހަރުދަނާކުރުން ކަމަށް ވިދާޅުވިއެވެ.

ރައީސް ވަނީ އިންޑިއާ ކަނޑުގައި އޮތް ކުޑަ އާބާދީއެއްގެ ގައުމަކަށް އދ މެންބަރެއްގެ ގޮތުގައި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ރައްކާތެރިކުރެވޭނެ ކަމާއިމެދު ބައިނަލްއަގުވާމީ މުޖުތަމައުގައި ސުވާލުތައް އުފެދިފައިވަނިކޮށް އެ ޖަމިއްޔާގެ މެންބަރު ގައުމެއްގެ މަގާމު ރާއްޖެއަށް ދިނުމުން ދިވެހިރާއްޖެއިން އަބަދުމެ އެކަމަށް ޝުކުރުވެރިވާ ކަމަށް ވިދާޅުވެފައެވެ.