ދުނިޔެ

އިޒްރޭލް، ހޮންޑިއުރަސް އެމްބަސީ ގުދުސަށް ބަދަލު ކުރަނީ

ހޮންޑިއުރަސް އިން އިޒްރޭލް ގައި ގާއިމްކޮށްފައިވާ އެގައުމުގެ އެމްބަސީ ޓެލް އަވީވް އިން ގުދުސް / ޖެރޫސަލަމް އަށް މިއަހަރު ނިމުމުގެ ކުރިން ބަދަލުކުރަން ނިންމައިފި އެވެ.

މީގެ ސަބަބުން އެ ގައުމުން އަރަބި-އިޒްރޭލްގެ މައްސަލަތަކުގައި ގެންގުޅެމުން އައި ވަކިފަރާތަކަށް ނުޖެހުމުގެ ސިޔާސަތަށް ނިމުމެއް އަންނާނެ އެވެ. އަދި ފަލަސްތީނާއި އަރަބި ދުނިޔޭގެ ރުޅިވެރިކަން ވެސް ހޮންޑިއުރަސް އަށް އަމާޒުވުމާއެކު މެދުއިރުމަތީގެ މައްސަލަ އިތުރަށް ގޯސް ވެގެން ދާނެ އެވެ.

"އަޅުގަނޑު ޕްރައިމް މިނިސްޓާ ނަތަންޔާހޫ އާއި ދެ ގައުމުގެ ގުޅުން ބަދަހި ކުރުމާބެހޭ ގޮތުން ވާހަކަ ދައްކައިފިން. އަޅުގަނޑުމެން ދެ މީހުންމެ ޓެގުސިގަލްޕާ އާއި ޖެރޫސަލަމްގައި ދެ ގައުމުގެ އެމްބަސީ ހުޅުވުުމާބެހޭ ގޮތުން ވާހަކަ ދެއްކިން،" ހޮންޑިއުރާސްގެ ރައީސް ހުއާން އޯލާންޑޯ ހެނާންޑޭޒް ޓްވީޓް ކުރައްވައި ވިދާޅުވި އެވެ." އަޅުގަނޑުމެން އުންމީދު ކުރަނީ މި ތާރީހީ ފިޔަވަޅަށް [ކޮވިޑްގެ] މި ބަލިމަޑުކަން ހުރަސް ނާޅާނަމަ މިއަހަރު ނިމުމުގެ ކުރިން އަމަލު ކުރެވޭނެ ކަމަށް"

އިޒްރޭލުގެ ބޮޑު ވަޒީރު ނަތަންޔާހޫ ވެސް ވިިދާޅުވީ ދެ ގައުމުން އުންމީދު ކުރަނީ މި އަހަރު ނިމުމުގެ ކުރިން އެމްބަސީ ތައް ހުޅުވުމަށެވެ. މިވަގުތު އިޒްރޭލްގެ އެމްބަސީ އެއް ހޮންޑިއުރާސް ގައި ނުހުރެ އެވެ. އެކަމަކު ޑިޕްލޮމެޓިކް އޮފީހެއް މިދިޔަ މަހު ހުޅުވާފައި ވެއެވެ. ހޮންޑިއުރަސް އިން މިދިޔަ އަހަރު ވަނީ އިޒްރޭލާއި ފަލަސްތީނުގެ މައްސަލާގައި އެ ގައުމުން ގެންގުޅޭ ވަކި ފަރާތަކަށް ނުޖެހުމުގެ ސިޔާސަތު ދޫކޮށްލުމުގެ މަސައްކަތް ފަށައިގެންފަ އެވެ.

ހެނާންޑޭޒް ވިދާޅުވި ގޮތުގައި ހޮންޑިއުރާސް އިން ޖެރޫސަލަމަކީ އިޒްރޭލުގެ ވެރި ރަށުގެ ގޮތުގައި ގަބޫލު ކުރެ އެވެ. އަދި އޭގެ ސަބަބުން އެ ދެ ގައުމަށް ވެސް ފައިދާ ވާނެ އެވެ.

ހޮންޑިއުރަސްއަކީ ލެޓިން އެމެރިކާގައި ޗިލީ އަށް ފަހު ދެވަނައަށް ފަލަސްތީންގެ މީހުން އެންމެ ގިނަ ގައުމެވެ. މުލި ދުނިޔެއިން ވެސް އިޒްރޭލްގެ ޖެރޫސަލަމް ގައި އެ ގައުމެއްގެ އެމްބެސީ ގާއިމް ކޮށްފައި ވަނީ އެމެރިކާ އާއި ގުއަޓިމާލާއިން އެކަންޏެވެ.

ހޮންޑިއުރަސްގެ މި ނިންމުން އައިސްފައި މިވަނީ ކޮސޯވޯ އާއި ސާބިއާ އިން އެ ދެ ގައުމުގެ އެމްބެސީ ޖެރޫސަލަމް ގައި ހުޅުވާނެ ކަމަށް އެމެރިކާގެ ރައީސް ޓްރަންޕް އާއި އިޒްރޭލްގެ ބޮޑު ވަޒީރު ނަތަންޔާހޫ މިމަހު ވިދާޅުވެފައި ވަނި ކޮށެވެ. އަލްގުދުސް ނުވަތަ ޖެރޫސަލަމްގެ މައްސަލަ އަކީ އެތައް އަހަރަކަށް ދިގު ދެމިގެންދާ ފަލަސްތީނުގެ މައްސަލައިގެ އެންމެ ހައްލު ކުރަން ދަތި އެއް ކަންތަކެވެ