މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާ ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ކަމާބެހޭ އިދާރާތަކުގެ އިސް ވެރިންގެ ކިބައިން އެދިވަޑައިގެންފި އެވެ.
ނާއިބް ރައީސް މި ކަމަށް އެދިވަޑައިގެންނެވީ ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ގެ ބޯޑާއިއެކު މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުވުމުގައެވެ.
ފައިސަލް ވަނީ މަސްތުވާތަކެތީގެ ވަބާއިން ޒުވާނުން ސަލާމަތްކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގައި އެންޑީއޭއަކީ މުހިންމު އިދާރާއެއް ކަމަށް ވިދާޅުވެފައެވެ.ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (އެސްއޭޕީ) އާއި އެއްގޮތަށް ޒުވާނުންނަށް ފަހި ފުރުސަތުތައް ހޯދައިދިނުމުގައި ވެސް މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެފައިވާ ޖީލެއް ބިނާކުރުމަށް އިސްކަންދީފައިވާ ކަމަށް ފައިސަލް ވިދާޅުވިއެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެވާންހުރި ދޮރުތައް ބަންދުކުރުމުގައި ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ގިނަ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، އެންޑީއޭގެ ބަޖެޓާއި ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި، އެ އިދާރާގެ ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމާއި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާދިނުމާއި ފަރުވާއަށްފަހު މުޖުތަމައާ އަލުން ގުޅޭ ޒުވާނުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމުގައި ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި އެންޑީއޭގެ ބޯޑުގެ މެންބަރުން ވަނީ ނައިބު އެދިވަޑައިގެންނެވި ގޮތަށް މަސައްކަތްތައް ބައްޓަން ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.