ފައިސަލް ނަސީމް

ޑްރަގް ބޭނުންކުރާ މީހުންނަށް ފަރުވާ ދެވޭނެ ގޮތްތަކެއް ކަނޑައަޅައިފި

މަސްތުވާތަކެތީގެ މައްސަލަތަކުގައި ބަންދުކުރެވޭ މީހުންނަށް ފަރުވާ ދެވޭނެ އަވަސް ގޮތްތަކެއް ރައީސުލްޖުމްހޫރިއްޔާގެ ނާއިބް ފައިސަލް ނަސީމް ކަނޑައަޅުއްވައި ދެއްވައިފި އެވެ.

އެމަނިކުފާނު މިގޮތްތައް ކަނޑައަޅުއްވާފައި ވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރު ކުރެވޭ މީހުން އެކަށީގެންވާ ފަރުވާ ދިނުމުގައި ނިޒާމުގައި ހުރި ދަތިކަން ހައްލު ކުރުމަށް އަމާޒުކޮށް މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކަމާގުޅޭ އިދާރާތަކުގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މަސްތުވާތަކެތީގެ ވަބާގައިޖެހިފައިވާ މީހުންގެ ފަރުވާގެ ނިޒާމުގައި ހުރި ބައެއް މައްސަލަތައް ފާހަގަކުރައްވައި، މަސްތުވާތަކެތީގެ މައްސަލަތަކުގައި ބަންދުކުރެވޭ މީހުންނަށް ފަރުވާދެވޭނެ އަވަސް ގޮތްތަކެއް ކަނޑައަޅުއްވައިދެއްވާފައެވެ. އެގޮތުން މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކުރެވޭ މީހުން ފަރުވާ ދިނުމަށް ގުޅީފަޅުގައި ވަގުތީގޮތުން ގާއިމްކުރެވޭ ޑްރަގް އޮފެންޑާސް ރިމާންޑް ސެންޓަރުގެ މަސައްކަތްތައް އަވަސް ކުރުމުގެ ގޮތުން، މިކަމުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކަށް ކުރިމަތިވި ބައެއް މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވާފައެވެ.

އެ ސެންޓަރުގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ނިމިގެން ދިއުމުން، ރިމާންޑުގެ އިތުރުން ހިމެނޭ ރިހެބިލިޓޭޝަނާއި ކޮމިއުނިޓީ ފަރުވާ އަދި އާފްޓާ ކެއާގެ ފަރުވާދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމުގައި ވިދާޅުވިއެވެ. އަދި އެއާއެކު މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރެވޭ މީހުން ޒިންމާދާރު ބައެއްގެ ގޮތުގައި މުޖުތަމައަށް އަނބުރާ ގެނައުމަށް އަމާޒުކޮށް އެކި އިދާރާތަކުން ރާވާފައިވާ ރީ-އިންޓެގްރޭޝަން ޕްރޮގްރާމްތައް ހިންގޭނެ ދާއިމީ ނިޒާމެއް ބިނާކުރެވިގެން ދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސަރުކާރުން މި ނިޒާމު ފަރުމާކޮށްފައިވަނީ މަސްތުވާތަކެތީގެ ފަރުވާއަށްފަހު އެ މީހުޖން އަނބުރާ މުޖުތަމައަށް ނިކުތުމުގެ ކުރިން ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ ތެރެއިން ތަމްރީނާއި ވަޒީފާގެ ފުރުސަތުތައްވެސް ފަހިކޮށްދީ، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެ މަގު ތަނަވަސްކޮށްދިނުމަށް އަމާޒު ހިފައިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުންޏެވެ.