ފައިސަލް ނަސީމް

އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރަން އޮނިގަނޑު މުރާޖައާކުރަނީ

ސަރުކާރުގެ އަމާޒަކީ ގައުމީ އިޖުތިމާއީ ރައްކާތެރިކަމުގެ އާ އޮނިގަނޑުގެ ތެރެއިން އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރެވޭ ގޮތަށް އެކަން އަލުން މުރާޖައާކުރުން ކަމުގައި ނައިބް ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެ އެވެ.

ނައިބް ރައީސް މިހެން ވިދާޅުވީ "އެކްޝަން ޕްލޭން ޓް ސްޓްރެންތަން ރީޖަނަލް ކޯޕަރޭޝަން އޮން ސޯޝަލް ޕްރޮޓެކްޝަން އޮފް މޯލްޑިވްސް" އިފްތިތާހުކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

ހޮޓެލް ޖެންގައި މިއަދު ހެނދުނު އޮތް މި ރަސްމިއްޔާތުގައި ނައިބް ރައީސް ވިދާޅުވީ އިންޝުއަރެންސް ސްކީމްތަކާއި، އިޖުތިމާއީ އެހީތެރިކަމުގެ ޕްރޮގްރާމްތައް މެދުވެރިކޮށް ރާއްޖޭގެ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު އިތުރަށް ހަރުދަނާކުރަންޖެހޭ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު ހަރުދަނާކުރުމުގައި، މި ސަރުކާރުން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ރަޖިސްޓްރީ ޕޯޓަލްއެއް ތައާރަފްކޮށްފައިވާކަންވެސް ފާހަގަކުރެއްވި އެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރު އެކުލަވާލާފައިވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ މިންގަނޑުތަކާއި އެއްގޮތަށް ކަމުގައި ވިދާޅުވި އެވެ.

މީގެ އިތުރުން ރާއްޖެއިން ޔުނިވާސަލް ކޭޝް ޓްރާންސްފާ ހިދުމަތާއި، ތެރަޕިއުޓިކް އައިޓަމް އެލަވަންސް އަދި އެސިސްޓިވް ޓެކްނޮލޮޖީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާ ކަމުގައިވެސް ވިދާޅުވި އެވެ.

އިޖުތިމާއީ ރައްކާތެރިކަން އެންމެނަށް ފޯރުކޮށްދިނުމުގައި މި ސަރުކާރުން ހޯދާފައިވާ ކާމިޔާބީތަކަށް ބައްލަވާލައްވަމުން ނައިބް ރައީސް ވިދާޅުވީ އެކަނިވެރި މައިންނަށް ދެވޭ އެލަވަންސާއި، ޔުޓިލިޓީސް ބިލްތައް ދެއްކުމަށް ފޯރުންތެރިކަން ނެތް އާއިލާތަކަށް އިނާޔަތް ފޯރުކޮށްދިނުމާއި، ޕެންޝަން ސްކީމަށް ގެނެވުނު ބަދަލުތަކަކީ ރާއްޖޭގެ އެތައް ބައެއްގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނުވި ކަންތައްތަކެއް ކަމަށެވެ.

މީގެ އިތުރުން ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ މުހިއްމުކަމުގެ ވާހަކަވެސް ނައިބް ރައީސް ވިދާޅުވި އެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ އެކްޝަން ޕްލޭން އޮން ސްޓްރެންތެން ރީޖަނަލް ކޯޕަރޭޝަން އޮން ސޯޝަލް ޕްރޮޓެކްޝަނަށް ރާއްޖެއިން ވަރަށް ބޮޑަށް ތާއީދުކުރާ ކަމަށެވެ.

ރީޖަނަލް އެކްޝަން ޕްލޭނަކީ ސަރަޙައްދީ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުތައް ހަރުދަނާކުރެވޭނެ ގޮތްތަކުގެ، އާ ވިސްނުންތަކުގެ މަޝްވަރާތަކާއި ސިޔާސަތުތައް ބައްޓަންކުރުމަށް މަގުފަހިކުރުވާ ޕްލެޓްފޯމެކެވެ.