އަލަށް އިމާރާތްކުރާ ސްކޫލްތަކުގައި ފެމެލީ ލައުންޖް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ.
ސަރުކާރުގެ ފަރާތުން ނައިބް ރައީސް ފައިސަލް ނަސީމު މިކަން ހާމަކުރެއްވީ ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ކުޑަކުދިންގެ ވާހަކަ ފޮތް ސީރީޒް -- ސާސްތުރަ މަޖައްލާގެ އޯޑިއޯ ވާޝަން އަދި އާ ވީޑިއޯ ލަވަ އިފްތިތާހުކުރުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
ނައިބް ރައީސް ވިދާޅުވީ މިސަރުކާރުން މަސައްކަތް ކުރަމުން ދަނީ އުފާވެރި އާއިލާއެއް ބިނާކުރުމުގައި އޮތް ހުރަސްތައް ނައްތާލައި ގެވެށި ގުޅުން ބަދަހިކޮށް އުފާވެރި އާއިލާއެއް ބިނާކުރެވޭނެ މަގު ފަހިކޮށްދިނުމަށް ކަމަށެވެ. އުފާވެރި އާއިލާއެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ ބައެއް މަސައްކަތްތައް ހިއްސާކުރެއްވި އެވެ.
ނައިބް ރައީސް ވަނީ ގާނޫނުތަކަށް ބަދަލު ގެނެސްގެން ހަމަސް ދުވަހުގެ މެޓާނިޓީ ލީވް މަންމައަށް އަދި އެއްމަސް ދުވަހުގެ ޕެޓާނިޓީލީވް ބައްޕައަށް ހަމަޖައްސައިދިނީ ވެސް މިސަރުކާރުގައި ކަން ފާހަގަކުރައްވާފަ އެވެ.
އެފަދަ ބަދަލެއް ސަރުކާރުން ގެނައީ މަސައްކަތު މާހައުލުގައި ދަރިންނާއިއެކު މަސައްކަތް ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސައިދިނުމަށް ކަމުގައިވެސް ނައިބް ރައީސް ވިދާޅުވެފައިވެ އެވެ.