ބާސެލޯނާ

ސުއަރޭޒްގެ ކޮންޓްރެކްޓް ބާސާއިން އުވާލައިފި

ލުއިސް ސުއަރޭޒާއެކު އެފްސީ ބާސެލޯނާއިން ހަދާފައިވާ ކޮންޓްރެކްޓް އެ ކުލަބުން އުވާލައިފި އެވެ.

ބާސެލޯނާ ނިސްބަތްވާ ކަޓަލާން ސަރަހައްދުގެ ނޫހެއް ކަމަށްވާ "މުންޑޯ ޑިޕޯޓިވޯ" އިން ބުނީ، ސުއަރޭޒްގެ ކޮންޓްރެކްޓް ބާސާއިން އުވާލީ އޭނާގެ އެދުމުގެ މަތިން ދެފަރާތް އެއްބަސް ވެގެން ކަމަށެވެ. އެއީ ހިލޭ ޓްރާންސްފާގައި އެހެން ކުލަބަކަށް ދިއުމުގެ ފުރުސަތު ހޯދުމުގެ ގޮތުން ސުއަރޭޒް ބޭނުންވި ގޮތް ކަމަށް ވެސް އެ ނޫހުން ބުނެ އެވެ. ބާސާއިން ސުއަރޭޒް އާއެކު ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އެއް އަހަރު އެބައޮތެވެ.

ލިވަޕޫލުން 2014 ވަނަ އަހަރު ބާސެލޯނާ އާ ގުޅުނު އުރުގުއޭގެ ފޯވަޑް ބަދަލު ވާނެ ކަމަށް ބެލެވެނީ، ބާސާ އާ ވަދަވެރި އެތުލެޓިކޯ މެޑްރިޑަށެވެ. ބާސާގެ މިހާރުގެ ކޯޗް ރޮނަލްޑް ކޫމަންގެ ޕްލޭންގައި ސުއަރޭޒް ނުހިމެނޭ ކަމަށް އޭނާ ވަނީ ސުއަރޭޒްއަށް އަންގާފަ އެވެ.

މުންޑޯ ޑިޕޯޓިވޯއިން ބުނީ، ޑިއޭގޯ ސިމިއޯނޭގެ އެތުލެޓިކޯއަށް ބަދަލު ވުމަށް ސުއަރޭޒް އަނގަ ބަހުން އާނ ބަސް ބުނެފައިވާ ކަމަށެވެ. ޔުވެންޓަސް އަށް ކުރިން ކުޅުނު އެތުލެޓިކޯގެ މިހާރުގެ ފޯވަޑް އަލްވާރޯ މޮރާޓާ އަލުން އަނބުރައި ޔުވެންޓަސްއަށް ގެންދިއުމަށް އެ ޓީމުން ދަނީ މަސައްކަތް ކުރަމުންނެވެ. ޔުވެންޓަސް އަށް ސުއަރޭޒް ގެންދާނެ ކަމަށް ކުރިން ބެލެވުނު ނަމަވެސް، ޔުވެންޓަސް އިން ވަނީ އެ މަސައްކަތް ހުއްޓާލާފަ އެވެ. އެތުލެޓިކޯއިން ސުއަރޭޒް ގެންނަނީ މޮރާޓާގެ މަގާމު ފޫބެއްދުމަށެވެ.

ސްޕެއިންގެ އޭއެސް އިން ބުނީ، އެތުލެޓިކޯ އާއެކު ދެ އަހަރުގެ އެއްބަސް ވުމެއްގައި ސުއރޭޒް، 33 ސޮއި ކުރާނެ ކަމަށެވެ. މިދިޔަ ދެ ސީޒަންގައި ސުއަރޭޒް އާއެކު ބާސާއަށް ކުޅުނު ޗިލީގެ ފޯވަޑް އާޓޫރޯ ވިޑާލްވެސް ބާސާ ދޫކޮށްލުމަށް ވަނީ ހަމަޖެހިފަ އެވެ. ވިޑާލް ދާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ، އިންޓަ މިލާންއަށެވެ.