ބޮޓްސްވާނާގައި ގިނަ އަދަދެއްގެ ނީލަގެރި އެތް މަރުވާ ސަބަބު އެ ގައުމުގެ އޮފިޝަލުން ހޯދައިފި އެވެ. މި ވޭތުވެދިޔަ މަސްތަކުގެ ތެރޭ ބޮޓްސްވާނާގައި ގޮތް ނޭނގޭ ގޮތަކަށް ގިނަ އަދަދަކަށް ނީލަގެރި އެތް ވަނީ މަރުވެފަ އެވެ. ސަރުކާރުން ބުނާ ގޮތުގައި ނީލަގެރި އެތް މަރު ވަނީ ފެނުގެ ތެރޭގައި އުޅޭ ސިނޮޔޯ ބެކްޓީރިއާއިން އުފައްދާ ވިހައެއްގެ ސަބަބުންނެވެ.
ކަނޑުގެ ސަރަހައްދެއް ނެތް އެހެން ގައުމު ތަކުން ވަށާލެވިފައިވާ ބޮޓްސްވާނާ އަކީ ދުނިޔޭގައި އެންމެ ގިނަ އަދަދަކަށް ނީލަގެރި އެތް އުޅޭ ގައުމެވެ. އެ ގައުމުގައި 130000 ނީލަގެރީގެ އާބާދީއެއް އޮތް ކަމަށް އަންދާޒާ ކުރެވިފައި ވެއެވެ. އެފްރިކާ ބައްރުގެ މަދުވަމުންދާ ނީލަގެރި އެތުގެ އާބާދީގެ ތިންބައި ކުޅަ އެއްބައި ހިއްސާކުރާ ގައުމަކީ ބޮޓްސްވާނާ އެވެ.
މިދިޔަ ޖުލައި މަހު ބޮޓްސްވާނާ އިން ވަނީ އެ ގަުމުގައި ގޮތް ނޭނގޭ ގޮތަކަށް ގިނަ އަދަދެއްގެ ނީލަގެރި އެތް މަރުވާ ސަބަބު ހޯދަން މަރުވެފައިވާ އެތައް އެތެއްގެ ސާމްޕަލް ވެސް ނަގާފަ އެވެ. މީގެ އިތުރަށް ގިނައިން އެތް ދިރިއުޅޭ ސަރަހައްދުތަކަށް މީހުން ފޮނުވައި އަދި މަތިންދާ ބޯޓު ބޭނުން ކޮށްގެން ވެސް ދިރާސާތައް ކޮށްފައި ވެއެވެ.
"އަހަރެމެންގެ ޓެސްޓް ތަކުން ދެއްކި ގޮތުގައި ނީލަގެރި އެތް މަރުވާ ސަބަބަކީ ފެނުގައި ދިރިއުޅޭ ސިޔަނޯ ބެކްޓީރިއާ އިން އުފައްދާ ނިއުރޯޓޮކްސިން އޭ ކިޔާ ވިހަ މާއްދާ އަކުން،" ޑިޕާޓްމެންޓް އޮފް ވައިލްޑް ލައިފް އެންޑް ނެޝަނަލް ޕާކްގެ ޖަނަވާރުންގެ ސިއްހަތާއި ބެހޭ އެންމެ އިސް އޮފިޝަލް ކަމަށްވާ މްމަޑީ ރިއުބެން ވިދާޅުވި އެވެ
އެކަމަކު އޭނާ ވިދާޅުވީ މިކަމުގައި ސުވާލު އުފެދޭ އިތުރު އެތައް ކަމެއް އެބަހުރި ކަމަށެވެ. އެގޮތުން ހަމަ އެކަނި ނީލަގެރި އެތް މަރުވަނީ ކީއްވެގެންތޯ އާއި އަދޮ އެއް އޭރިއާ އަކުން އެތް މަރުވަނީ ކީއްވެގެންތޯ ސުވާލު އުފެދޭ ކަމަށެވެ. އެތްތައް މަރުވާ ސަބަބު ހޯދިފައި ވިއަސް ސައިންޓިފިކް ތަހުލީލު ތަކަކުން އެކަން ސާބިތުވާން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ
ބޮޮޓްސްވާނާގައި މިދިއ ޖުލައި މަހާއި ހަމައަށް މަރުވި އެތުގެ އަދަދަކީ 330 އެވެ. އޭގެ ފަހުން 281 އެތް މަރުވެފައި ވެއެވެ. އަދި އަވަށްޓެރި ޒިމްބާބްވޭ އިން ވަނީ މިމަހުގެ ކުރީކޮޅު އެ ގައުމުން ވެސް ވިއްސައްވުރެ ގިނަ މަރުވެފައިވާ އެތް ފެނިފައިވާކަމަށް ބުނެފަ އެވެ. އެގައުމުގެ ކަމާއިބެހޭ ފަރާތްތަކުން ވެސް ބުނެފައިވާ ގޮތުގައި އެތްތައް މަރުވެފައި ވަނީ ޖަރާސީމެއްގެ އަސަރު ކޮށްގެނެވެ.