ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

"ރާއްޖެއަށް އެހީތެރިކަން ވަރަށް ބޮޑަށް ބޭނުން"

ކޮވިޑް-19 އިގެ ބަލިމަޑު ކަމުން އަރައިގަތުމަށް ރާއްޖެއަށް ބޭރު ދުނިޔޭގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅު ވެއްޖެ އެވެ.

މަނިކުފާނު މިހެން ވިދާޅުވީ އދ އަށް 75 އަހަރު ފުރޭ މުނާސަބާ ފާހަގަ ކުރުމުގެ ގޮތުން ވާޗުއަލްކޮށް ބޭއްވި ހާއްސަ ޖަލްސާގައި މީގެ ކުޑައިރުކޮޅެއް ކުރިން ތަގުރީރު ކުރައްވަމުންނެވެ. ރައީސް ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ދުނިޔެއަށް މި ވަގުތު ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމުގައި އދގެ ދައުރާއި އެ ޖަމިއްޔާގެ ޗާޓަރުގެ މުހިންމުކަން ވަރަށް ބޮޑު ކަމަށެވެ.

މި ވަގުތު ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވެފައިވާ މައްސަލަތައްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މި ބަލިމަޑުކަމުން އަރައިގަތުމަށް ގައުމުތަކުން ކުރަމުންދާ މަސައްކަތްތަކުގައި އެންމެ އިސް ދައުރެއް އަދާކުރާ އެކައްޗަކީ އދގެ ޗާޓަރު ކަމަށެވެ. ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކާއި އަމަލު ކުރަމުންދާ ސިޔާސަތުތަކަކީ އެ ޗާޓަރުގައި އެކަށައަޅާފައިވާ އަސާސްތަކާއި އެއްމަގުން ކުރަމުންދާ މަސައްކަތްތަކެއް ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖެއަކީ ކޮވިޑްގެ ނުރައްކާތެރިކަން ބޮޑެތި ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެއްކަން ފާހަގަކުރައްވާ ރައީސް ވަނީ ރާއްހެ ފަދަ ގައުމުތަކުގެ އިގްތިސާދު ނަގަހައްޓައި ސިނާއީ ދާއިރާތައް ކުރިއެރުވުމުގައި ބައިނަލްއަގްވާމީ މުޖުމަތައުގެ އެހީތެރިކަމާއި އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްވި ހިތާބުގައި އދ އަކީ ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖޭގެ އެންމެ މުހިންމު އެއް ބައިވެރިޔާގެ ގޮތުގައި ސިފަކުރައްވައި، އެ ޖަމިއްޔާގެ ގުނަންތަކުގެ ބޭނުން ރާއްޖެއިން ހިފަމުންދަނީ ބައިނަލްއަގްވާމީ މުޖުތަމައާއިއެކު އެކި ދާއިރާތަކުން ގުޅުން ބަދަހިކޮށް، މައްސަލަތަކާއި ދަތިތަކަށް ހައްލު ހޯދުމަށް ކަމުގައި ވިދާޅުވެފައެވެ. މޫސުމީ ބަދަލުތަކުން ފެށިގެން ޓެރަރިޒަމާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކާއި ވިޔަފާރީގެ ދާއިރާގެ އިތުރުން ސަރަހައްދީ ގުޅުންތައް ހަރުދަނާކުރުމަށް ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުންވެސް ރައީސް ވާހަކަ ދެއްކެވިއެވެ.

ދިވެހިރާއްޖެއަކީ އދގެ މެންބަރު ގައުމެއްގެ ގޮތުގައި ކަނޑައެޅުމަށް އދ ގެ ސަލާމަތީ މަޖިލީހުން ނިންމާފައި ވަނީ ސެޕްޓެންބަރު 20، 1965 ގައި ފާސްކުރި އެ މަޖިލީހުގެ ރިޒޮލޫޝަން 212 ގެ ދަށުންނެވެ. ދިވެހިރާއްޖެއަކީ އދގެ މެންބަރު ގައުމެއްގެ ގޮތުގައި ކަނޑައެޅިގެން ދިޔައީ ރާއްޖެއަށް މިނިވަންކަން ލިބުނުތާ ދެ މަސް ފަހުންނެވެ.

ދިވެހިރާއްޖެއަށް ރަސްމީކޮށް އދގެ މެންބަރުކަން ލިބުނީ ސެޕްޓެންބަރު 21، 1965 ގައެވެ. އދ ވުޖޫދަށް އައިސްފައިވަނީ 1945 ވަނަ އަހަރު އެމެރިކާގެ ސެންފްރެންސިސްކޯގައި ބޭއްވި ސެންފްރެންސިސްކޯ ކޮންފަރެންސްގައެވެ. އަދި އެ ޖަމިއްޔާގެ ޗާޓަރަށް އަމަލުކުރަން ފަށާފައި ވަނީ އޮކްޓޫބަރު 24، 1945 ވަނަ އަހަރުއެވެ.