ރާއްޖޭގެ އެންމެ ދުވަސްވީ އެއް ރިސޯޓް ކަމަށްވާ ބަރޮސް މޯލްޑިވްސް މުޅިން އާ ރެސިޑެންޓް ވިލާއަކާއެކު އަލުން ހުޅުވައި ހިދުމަތަށް އަތުވެއްޖެ އެވެ.
ބަރޮސް މޯލްޑިވްސް ބަންދުކޮށް ހިދުމަތް މެދުކަނޑާލީ ކޮވިޑް-19 އިގެ ބަލި ފަތުރޭތީ އެވެ. ރިސޯޓް މި މަހުގެ އެއްވަނަ ދުވަހު އެ ރިސޯޓް އަލުން ހުޅުވީ ބަރޮހުން ރައްކާތެރި އަދި ފުރިހަމަ ޕްރައިވެސީއެއް ލިބޭ ގޮތަށް ފަރުމާކޮށްފައިވާ މުޅިން އާ ރެސިޑެންސް ގާޑަން ވިލާއަކާއެކުގަ އެވެ. މި ވިލާގައި ބަގީޗާ އާއި މަޑު ކޮށްލައިގެން ތިބެން ހާއްސަ ސަރަހައްދެއް ހުރުމުގެ އިތުރުން ގިނަ ހިދުމަތްތަކެއް ވެސް ލިބެ އެވެ.
ބަރޮސް މޯލްޑިވްސްގެ އާ ވިލާ ރެސިޑެންސްސް އަށް އަންނަ ޓޫރިސްޓުންނަށް ހާއްސަކޮށް ޕާސަނަލް ބަޓްލާ ސާވިސް ވެސް ދޭނެ އެވެ. މިތަން ހަދާފައިވަނީ މި ވިލާގައި ތިބޭއިރު އެ ރިސޯޓުގެ ހިތްގައިމު ބީޗު ވެސް ބޭނުން ކުރެވޭ ގޮތަށެވެ.
ރިސޯޓަށް ދާ ގެސްޓަށް މަރުހަބާ ކިޔާތަނުން ހާއްސަ ހިދުމަތް ތަކެއް ހިމެނޭ "ގިފްޓް ހެމްޕާ" އެއް ވެސް ދޭނެ އެވެ. ޓޫރިސްޓުން އެ ރިސޯޓުން ގެންދަން ވެސް ބޭނުން ކުރާނީ ލަގްޒަރީ ސްޕީޑް ބޯޓުގެ ހިދުމަތެވެ.
ބަރޮސް މޯލްޑިވްސްއަކީ މޫދު ވިލާ އާއި ބީޗް ސައިޑް ގާޑަންގެ 75 ވިލާ ހުންނަ ރިސޯޓެކެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން 25 މިނެޓުން ދެވޭ ރާސްތާގައި ތަރައްގީ ކޮށްފައިވާ މި ރިސޯޓު ހުޅުވާފައިވަނީ 1973 ވަނަ އަހަރު އެވެ.
ކޮވިޑް-19 އަށް ބޯޑަރު ބަންދު ކުރުމަށް ފަހު ޖުލައި މަހުގެ 15 ވަނަ ދުވަހު އަލުން ހުޅުވުމާއެކު މިހާތަނަށް 104 ރިސޯޓެއް ވަނީ ހުޅުވާފަ އެވެ. ރާއްޖޭގެ ބޯޑަރު އަލުން ހުޅުވިތާ ދެ މަސްދުވަހުގެ ތެރޭގައި 13،516 ޓޫރިސްޓުން ވަނީ ރާއްޖެ އައިސްފަ އެވެ. ފުރަތަމަ މަހު އައީ 5،177 ޓޫރިސްޓުންނެވެ. އަދި ދެވަނަ މަހު 8،339 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ ދެ ވަނަ މަހު ޓޫރިސްޓުން ޒިޔާރަތް ކުރި އަދަދަށްވުރެ 61 ޕަސެންޓުގެ އިތުރު ވުމެކެވެ.