ޓޫރިޒަމް

ޓޫރިޒަމް މިނިސްޓްރީގެ އިންޓާޝިޕްއަށް ކުރިމަތިލީ 36 ޒުވާނުން

Sep 22, 2020
1

ޓޫރިޒަމް މިނިސްޓްރީން 36 ޒުވާނުންނާއެކު އިންޓާންޝިޕް ޕްރޮގްރާމެއް ފަށައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެކި ޑިޕާޓްމަންޓްތަކުގައި ތަމްރީންވާ ގޮތަށް ހުޅުވާލި މި ޕްރޮގްރާމް އިއުލާނު ކުރީ ދަށް ވެގެން ސާނަވީ ނުވަތަ އެ ފެންވަރުގެ އިމްތިހާނެއް ނިންމާ ފާސްވެފައިވާ 10 ޒުވާނަކު ހޯދާށެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދަނީ އުޖޫރައެއް ނުލިބޭ ގޮތަށެވެ. މިގޮތަށް ފުރުސަތު ހުޅުވާލުމުން އާއްމުންގެ ގިނަ ބަޔަކު އެ ކަމަށް ފާޑު ވެސް ކިޔާފައިވެ އެވެ. ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އޭރު ވިދާޅުވެފައިވާ ގޮތުގައި މި ފުރުސަތަކީ ކެރިޔާއެއް ފަށަން މުހިންމު ފުރުސަތެކެވެ.

ޓޫރިޒަމް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ފާތުމަތު ނިއުޝާ ވިދާޅުވި ގޮތުގައި އެ ޕްރޮގްރާމުގައި ތަމްރީންވާ ކުދިންނަށް އޮފީސް މާހައުލެއްގައި މަސައްކަތް ކުރުމުގެ ހުރިހާ ހުނަރު ތަކެއް ދަސްކޮށް ދޭނެ އެވެ. އަދި މި ޕްރޮގްރާމުގައި ބައިވެރިވާ ކުދިން ބަހާލައިގެން ކޮންމެ ދުވަހު އޮފީހަށް ގޮސް ތަމްރީނުތައް ފުރިހަމަ ކުރާނެ އެވެ. އަދި މި ޕްރޮގްރާމުގައި ބައިވެރި ކުދިންގެ މަސައްކަތް ކުރިއަށްދާ ގޮތް ބެލުމަށްޓަކައި ކޮންމެ ދެ ކުއްޖަކަށް މެންޓާއަކު ވެސް ހުންނާނެ އެވެ

"ގިނަ ކުދިންނަކީ ޓޫރިޒަމް ފިލްޑުން ކިޔަވާ ކުދިން. އެހެންވެ މިއީ ޓޫރިޒަމް މިނިސްޓްރީ އާއި ޓޫރިޒަމްގެ ގަވާއިދުތައް އެނގެން މުހިންމު ޕްރޮގްރާމެއް. މިއީ އެންމެ ބޭސިކް. މި ކުދިން ފީލްޑުގައި ކުރާ އިންސްޕެކްޝަންތަކުގައި ވެސް ބައިވެރި ވާން ދާނެ މުވައްޒަފުންނާއެކު،" ނިއުޝާ ވިދާޅުވި އެވެ.

ރާއްޖެއަކީ ޓޫރިޒަމް ވިޔަފާރި އެންމެ ފުޅާކޮށް ކުރާ އެއް ގައުމެވެ. ނަމަވެސް ރާއްޖޭގައި މި ސިނާއަތަށް ބޭނުންވާ ވަރަށް މީހުން ތަމްރީނެއް ނުކުރެވެ އެވެ. ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި 45،000 މީހުން މަސައްކަތް ކުރެ އެވެ. މީގެތެރޭގައި ދިވެހިންގެ އަދަދަކީ ގާތްގަނޑަކަށް 22،000 އެވެ.