މިދިޔަ ތިން ސީޒަންގައި ޑޮމެސްޓިކް އެހެން މުބާރާތްތައް ކާމިޔާބު ކުރަން އިސްކަން ދިން ނަމަވެސް، މި ސީޒަންގައި އެންމެ މުހިންމީ ލީގް ހޯދުން ކަމަށް ސިފަކޮށް މެންޗެސްޓާ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ވާހަކަ ދައްކައިފި އެވެ.
މި ސީޒަންގެ ޕްރިމިއާ ލީގްގައި ސިޓީ ކުޅުނު ފުރަތަމަ މެޗުގައި، ވޯލްވާހެމްޓަން ވޮންޑާސް (ވޯލްވްސް) އާ ދެކޮޅަށް ސިޓީ ކުޅުނު މެޗު ކާމިޔާބު ކުރީ 3-1 ންނެވެ. އެ މެޗަށް ފަހު ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ، މިދިޔަ ތިން ސީޒަންގައި ކަރަބާއޯ ކަޕްގެ ޗެމްޕިއަންކަން ސިޓީން ހޯދި ނަމަވެސް މިފަހަރު ސީޒަންގެ ޝެޑިއުލް އޮތް ގޮތުން ކޮންމެ ތިން ދުވަހު މެޗެއް ކުޅެވޭ ވަރަށް ޓީމު ގައި ކުޅުންތެރިން ނެތް ކަމަށެވެ. އޭނާ ބުނީ އަންނަ ބުރާސްފަތި ދުވަހު ލީގް ކަޕްގައި ބޯންމައުތު އާދެކޮޅަށް ކުޅޭ މެޗަށް ނެރޭނީ ސިޓީގެ އެކެޑެމީ ޓީމު ކަމަށާއި ސީނިއާ ޓީމު ކުޅުންތެރިންނަށް އަރާމު ކުރަން ވަގުތު ދޭނެ ކަމަށެވެ.
"ކަރަބާއޯ [ލީގް] ކަޕް ޖެހިޖެހިގެން ތިން ފަހަރު އަހަރެމެން މިވަނީ ހޯދާފަ އަދި މިފަހަރު ވެސް އަހަރެމެން ބޭނުން އެގޮތުގައި ކުރިއަށް ދާން، ނަމަވެސް މި ޕީރިއަޑްގައި އަހަރެމެންގެ ނެތް ކުޅުންތެރިންނެއް ކޮންމެ ތިން ދުވަހުން މެޗު ކުޅޭކަށް،" ގާޑިއޯލާ ބުންޏެވެ. އެއީ ވަރަށް އުނދަގޫ ކަމެއް، ކޮންމެ ތިން ދުވަހަކުން އަހަރެމެންނަށް ރިކަވަރީ ހެދޭނެކަން ދެއްކޭކަށް ނެތް، އަނެއްކާ އޭގެ ތިން ދުވަސް ފަހުން މެޗު ކުޅެންވީ."
ވޯލްވްސް އާ ދެކޮޅަށް ކުޅުނު މެޗަށް ސިޓީ ނުކުތީ ސެންޓްރަލް ސްޓައިކަރު ސާޖިއޯ ކުން އަގުއޭރޯ ނުހިމަނަ އެވެ. އަނިޔާގައި ހުރުމުގެ ސަބަބުން ސީޒަންގެ ކުރީކޮޅު އޭނާ ނުފެންނާނެ އެވެ. ސެންޓްރަލް ސްޓައިކަރެއްގެ ގޮތުގައި ކުޅުނީ ގެބްރިއެލް ޖެސޫސް އެވެ. ސީޓީގެ ފުރަތަމަ ލަނޑު ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކުރީ ކެވިން ޑިބްރޭނޭ އެވެ. މިދިޔަ ސީޒަންގައި ހިލޭ ޓްރާންސްފާއެއްގެ ދަށުން ސިޓީ ދޫކޮށްލި ޑޭވިޑް ސިލްވާ ބަދަލުވީ ރެއާލް ސޮސިއެޑާޑްއަށެވެ. އޭނާ ވަނީ އާދިއްތަ ދުވަހުގެ ރޭ ލަލީގާގާއި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅެފަ އެވެ.
މިޑްފީލްޑްގައި ސިލްވާ ކުޅުނު ރޯލް ގާޑިއޯލާ ދީފައި ވަނީ ޒުވާން މިޑްފީލްޑާ ފިލް ފޯޑެން އަށެވެ. ރަހީމް ސްޓާލިން ތަނަވަސް ކޮށްދިން ފުރުސަތަކުން އޭނާ ވަނީ ސިޓީގެ ދެ ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. މެޗުގެ 78 ވަނަ މިނެޓްގައި ރައުލް ހިމެނޭޒް ވޯލްވްސްގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރި މެޗުގެ ފަހު ވަގުތުގައި ޖެސޫސް ސިޓީއަށް ތިން ވަނަ ލަނޑު ކާމިޔާބުކޮށްދިނެވެ. މިދިޔަ ސީޒަންގައި ސިޓީ ވަނީ ވޯލްވްސް އަތުން ދެ މެޗުގައިވެސް ބަލިވެފަ އެވެ.
ގާޑިއޯލާ ބުނީ، ވޯލްވާހެމްޓަންގައި ކުޅުމަކީ އަބަދުވެސް އުނދަގޫ ކަމެއް ކަމަށެވެ. ވަރުގަދަ މެޗަކާއެކު ގާޑިއޯލާ ކުރިމަތިލީ ސިޓީއާއެކު އޭނާގެ ފަސް ވަނަ ސީޒަނަށެވެ. އޭނާ ކުރިން ކޯޗް ކޮށްދިން ބާސެލޯނާ އާއި ބަޔާން މިޔުނިކްގައި އޭނާ ހޭދަ ނުކުރާވަރުގެ މުއްދަތެއް ސިޓީއާއެކު އޭނާ ވަނީ މިހާރުވެސް ހޭދަ ކޮށްފަ އެވެ.