ބޮލީވުޑް

ކަރީނާ އަށް 40 އަހަރު، އަދިވެސް ވަރަށް ޒުވާން

ކަރީނާ ކަޕޫރަށް 40 އަހަރު ފުރުން މިދިޔަ ހޯމަ ދުވަހު ވަރަށް ކުލަގަދަކޮށް ވަނީ ފާހަގަ ކޮށްފަ އެވެ. ސާޅީސް އަހަރު ފުރުނަސް، މިހާރު ފިލްމު ކުޅޭ އެންމެ ހަގު ބަތަލާއިންނަށް އަދިވެސް ދުލެއް ނުކުރެ އެވެ. އެ ބަތަލާއިން ކުޅޭ ކަހަލަ ރޯލުތައް ވަރަށް ކުޅަދާނަ ކަމާއެކު އަދިވެސް ކަރީނާ ކުޅެލަ އެވެ.

މިހާރު ދެ ވަނަ ދަރިފުޅަށް ބަލިވެ އިނދެ ވިހާ ދުވަސް ކައިރިވަމުން އަންނައިރު ކަރީނާ ބުނީ 40 ވަނަ އުފަން ދުވަހަކީ ހަޔާތުގައި އައި އެންމެ އުފާވެރި އެއް ދުވަސް ކަމަށެވެ. އޭނާ އުފަން ދުވަހުގެ ކޭކު ފެޅިއިރު އޭނާގެ ހަޔާތުގައި އެންމެ މުހިއްމު އަދި އެންމެ ލޯބިވާ އެންމެން އޭނާއާ އެކުގައި ތިބި ކަމަށް ވެސް ކަރީނާ ބުންޏެވެ. އެއީ ބައްޕަ ރަންދީރު ކަޕޫރާއި މަންމަ ބަބީތާ އަދި ދައްތަ ކަރިޝްމާ އާއި ފިރިމީހާ ސައިފް އަލީ ޚާނެވެ.

"އުމުރުގެ 40 ވަނަ އަހަރަށް ފެށުނުއިރު އަހަރެން ބޭނުމީ އިށީނދެލައިގެން އިނދެ ލޯބި، ހިނިތުންވުން، މައާފުކުރުން، އަދި ހިތްދަތިކަންތައްތައް ހަނދާން ނައްތާލުން ފަދަ ތަޖުރިބާތައް ކޮށްލަން. އަދި އަހަރެންނަށް ދެއްވި ނިއުމަތްތަކަށްޓަކައި ހެއްދެވި ފަރާތަކަށް ޝުކުރުކުރަން،" ކޭކު ފަޅަނިކޮށް ނަގާފައިވާ ފޮޓޯތަކަކާއެކު ކަރީނާ އިންސްޓަގްރާމްގައި ޝެއާ ކުރި ޕޯސްޓެއްގައި ބުނެފައި ވެއެވެ.

ކަރީނާ މި ވަގުތު ދެ ފިލްމެއްގެ މަސައްކަތް ކުރަން ސޮއި ކޮށްފައި ވެއެވެ. ކަރަން ޖޯހަރްގެ "ތަޚުތު" އާއި އާމިރު ޚާން ބަތަލުގެ ބައި ކުޅޭ "ލާލް ސިންގް ޗައްޑާ" އެވެ.

ކަރީނާ ފިލްމީ މަސައްކަތް ފެށީ 2000 ގައި ރިލިޒްކުރި "ރެފިއުޖީ" އިންނެވެ. މި ފިލްމުން އޭނާއާއެކު އަބީޝެކް ބައްޗަން ވެސް އަލަށް ފިލްމު ކުޅުމުގެ މަސައްކަތަށް ނުކުތެވެ. އެއަށްފަހު މި ފާއިތުވީ 20 އަހަރު ތެރޭގައި ވަރަށް ފާހަގަ ކޮށްލެވޭ ރީތި ގިނަ ފިލްމުތަކެއް ކަރީނާ ވަނީ ކުޅެފަ އެވެ. އަދި އެންމެ މޮޅު ބަތަލާގެ ފިލްމުފެއާ އެވޯޑު ހަ ފަހަރަކު ހޯދާފައި ވެއެވެ. އަދި ސްޓާ ސްކްރީން އެވޯޑާއި އެނޫން ވެސް ގިނަ އެވޯޑު ހަފުލާތަކުގައި ކަރީނާއަށް ގިނަ ގިނަ އެވޯޑުތައް ލިބިފައި ވެއެވެ.

ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ކަޕޫރު އާއިލާއިން ނުކުތް އެކްޓަރުންގެ ތެރެއިން ކަރީނާ އަކީ އެންމެ ހުނަރުވެރި އެއް އެކްޓަރެވެ