ޗައިނާގެ ދެމަފިރިއެއްގެ ދަރިފުޅެއް ވަގަށް ނެގިތާ 40 ވަރަކަށް އަހަރު ފަހުން އެ ދެމަފިރިންނަށް ފެނުމުގެ ނަސީބު ލިބިއްޖެ އެވެ. މިހާރު އުމުރުން ވަރަށް ދުވަސްވެފައިވާ މި ދެމަފިރިން އަތުން ދަރިފުޅު ޖަހައިގެންފައިވަނީ އެ ކުއްޖާ ވަރަށް ތުއްތު އިރު އެވެ.
މިހާރު 70 އަހަރު ވެފައިވާ ސުއި ބިންގްޑޭ އާއި އަންހެނުން ހުއަންގް ރެންޒިއު އަށް އެމީހުންގެ ދަރިފުޅު ފެނިފައިވަނީ ގެއްލިގެން ހޯދާތާ 38 އަހަރު ފަހުންނެވެ.
އިނގިރޭސި ވިލާތުގެ ނޫހަކުން ބުނެފައިވާ ގޮތުގައި މި ދެމަފިރިންނަށް އެމީހުންގެ ދަރިފުޅު ހޯދުނީ ނެޝަނަލް ޑީއެންއޭ ޑޭޓާބޭސްގެ އެހީގައި ފުލުހުން ކުރި މަސައްކަތުންނެވެ. ޗައިނާގެ ހުޅަނގު އުތުރުގައި އޮންނަ ޝާންޒީ ޕްރޮވިންސްގެ ވަރަށް ކުޑަކުޑަ އަވަށެއްގައި ދިރިއުޅުނު ދެމަފިރިންގެ ދަރިފުޅު 1982 ވަނަ އަހަރުގެ މޭ 12 ވަނަ ދުވަހު ވަގަށް ނެގުމުގެ ކުރިން އެމީހުން އެ ދަރިފުޅާއެކު ދިރިއުޅެފައިވަނީ ވަރަށް އުފާވެރި ހަމަޖެހޭ ދިރިއުޅުމެކެވެ. ނަމަވެސް ދަރިފުޅު ގެއްލުމާއެކު ދެމަފިރިންގެ އުފާވެރިކަން މުޅިން ހިތާމައާއި ހިތްދަތިކަމަށް ބަދަލުވިއެވެ.
ކުއްޖާ ވަގަށް ނަގާފައިވަނީ ރޭގަނޑު ދަންވަރު ވަގުތުގައި އެންމެން ނިދާފައި ތިއްބަ އެވެ. އޭރު ކުއްޖާ އަށް އެންމެ ދެ އަހަރެވެ.ކުއްޖާގެ ބައްޕަ ސުއި ބިންގްޑޭ އެ ރޭ ގެއަކު ނެތެވެ. ތިމާގެ މީހަކަށް ޒިޔާރަތްކުރުމަށްފަހު އޭނާއަށް ގެއަށް އެނބުރި ނާދެވުނީ އެވެ. ރޭގަނޑު މާ ލަސް ނުވަނީސް ގެއަށް އާދެވޭނެ ކަމުގެ ޔަގީންކަމުގައި ހުރުމުން ސުއި ބިންގްޑޭ ދިޔައީ ގޭގެ ދޮރު ބޭރުން ތަޅުނުލަ އެވެ. އޭނާގެ އަންހެނުން އޮތީ ދެ ކުދިން ކައިރީގައި ބާއްވައިގެން ނިދާފަ އެވެ.
ކަން ދިމާކުރި ގޮތުން ފިރިހެންމީހާ އަށް އެރޭ ގެޔަށް އާދެވޭ ގޮތް ނުވީ އެވެ. ހެނދުނު ގެއަށް އައިއިރު އެމީހުންގެ އެ ކުއްޖަކު ނެތެވެ. ކޮންމެވެސް ބަޔަކު އެ ކުއްޖާ ވަގަށް ނެގީ އެވެ.
އޭގެ ފަހުން ފާއިތުވީ 38 އަހަރު މި ދެމަފިރިން ކުއްޖާ ހޯދުމުގެ މަސައްކަތް ހުއްޓާ ނުލާ ކޮށްފައި ވެއެވެ. ކައިރީގައި ހުރި ސިޓީތަކާއި ޓައުންތަކަށް އަދި އަވަށްތަކަށް ފައިމަގުގައި ސުއި ބިންގްޑޭ ދިގު ދަތުރުތައް ކޮށް ކުއްޖާ ހޯދުމަށް ވަރަށް މަސައްކަތް ކޮށްފައި ވެއެވެ.
ފުލުހުން ވެސް ކުއްޖާ ހޯދަން ވަރަށް މަސައްކަތް ކުރި އެވެ. ނަމަވެސް އޭނާ ފެންނާނެ ގޮތެއް ނުވި އެވެ.
ފުލުހުން ޖިން ޝުއި ހޯދީ ނެޝަނަލް ޑޭޓާ ބޭސްގައި ހުރި ޑީއެންއޭ ސާމްޕަލްތައް އަޅާ ކިޔައިގެންނެވެ. އޭނާ ހޯދުނީ 38 އަހަރު ފަހުން ކަމަށްވާތީ މައިންބަފައިންނާ ބައްދަލުވީއިރު ޖިންގެ އުމުރުން ހުރީ 40 އަހަރު ފުރިފަ އެވެ. އޭނާ ދިރިއުޅެމުން ދިޔައީ ލީ ގުއޮލިން ކިޔާ މީހެއްގެ ނަމުގަ އެވެ.
މައިންބަފައިންނާ އަލުން ބައްދަލުވީއިރު މިސްޓަ ލީ ކައިވެނިކޮށް ދެ ދަރިން ވެސް ވަނީ ލިބިފަ އެވެ. އޭނާ ދިރިއުޅެމުން ދިޔައީ މައިންބަފައިން ދިރިއުޅުނު ހިސާބާ 686 ކިލޯމީޓަރު ދުރުގައި އޮންނަ ހެއިބެއި ޕްރޮވިންސްގަ އެވެ .